Roadha Mihaaru
ހަތަރު އަހަރަށް ފަހު ބީޖީ ރެލިގޭޓްވެއްޖެ

ހަތަރު އަހަރަށް ފަހު ބީޖީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެއްޖެ

18 އޮކްޓޯބަރ 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވެ، ގަދަ ހަތެއްގެ ފުރުސަތު ނުލިބި ބީޖީ ސްޕޯޓްސް ހަތަރު އަހަރަށް ފަހު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާ 1-1 އިން އެއްވަރުވެ، ގަދަ ހަތެއްގެ ފުރުސަތު ނުލިބި ބީޖީ ސްޕޯޓްސް ހަތަރު އަހަރަށް ފަހު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، މެޗަށް ފަހު ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހަމަނުޖެހުން ހިނގައިފި އެވެ.

ފުރަތަމަ ޑިވިޝަނުގައި 2013 ވަނަ އަހަރު ވާދަކުރަން ފެށި ބީޖީ ރެލިގޭޓްވީ މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ޖުމްލަ 14 ޕޮއިންޓް ހަމަވި ނަމަވެސް ބާކީ އޮތް މެޗުން މޮޅުވިޔަސް، ގަދަ ހަތް ޓީމުގެ ތެރޭ ހިމެނުނުގެ ފުރުސަތެއް ނެތުމުންނެވެ.

އަނެއްކޮޅުން މިރޭގެ މެޗު އެއްވަރުވުމާ އެކު ގަދަ ހަޔެއްގެ ވާދަވެރިކަން ނިއު، ވިކްޓަރީ އަދި ވެލެންސިއާގެ މެދުގައި ވަނީ ބޮޑުވެފަ އެވެ. ހަތް ވަނަ އަށް ދާ ޓީމަކަށް، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމާ އެކު ޕްލޭއޮފް ކުޅެން ޖެހޭއިރު ގަދަ ހައެއްގައި ހިމެނި ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުމުގެ އަމިއްލަ ބާރު ނިއު އާއި ވެލެންސިއާ އަށް އެބައޮތެވެ.

މެޗުގެ ތެރޭގައި ބީޖީގެ ކުޅުންތެރިން ނިއުގެ މައިކަލް ވަށާލައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ތެރޭގައި ބީޖީގެ ކުޅުންތެރިން ނިއުގެ މައިކަލް ވަށާލައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އާއި ނިއު އަށް 20 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ފަސް ވަނައިގައި އޮތީ ވެލެންސިއާ އެވެ. ނިއު ހަ ވަނައިގައި އޮތްއިރު ހަތް ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ ވިކްޓަރީ އެވެ. ފަހު މެޗުގައި ހުކުރު ދުވަހުގެރޭ ހަވީރު ބީޖީ އަތުން ވިކްޓަރީ މޮޅުނުވެއްޖެ ނަމަ ވިކްޓަރީ ޕްލޭއޮފުގައި ކުޅެން ޖެހި ވެލެންސިއާ އާއި ނިއު ސަލާމަތްވާނެ އެވެ. ވިކްޓަރީ މޮޅުވި ނަމަވެސް ފުރުސަތެއް ލިބޭނީ ނިއު އާއި ވެލެންސިއާ ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ހުކުރު ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނިއު ކުޅޭއިރު ވެލެންސިއާ ވާދަކުރާނީ ހޮނިހިރު ދުވަހު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ނިއު އަށް ގަދަ ހަޔެއް ގާތްގަނޑަަކަށް ކަށަވަރުވުމުގެ ފުރުސަތު އޮތްއިރު އެ ޓީމުން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ހަމްޒާ މުހައްމަދު (ހަމްޕު) ގެ ލަނޑުން ލީޑު ނަގައިފަ އެވެ. އެކަމަކު މެޗުގެ 59 ވަނަ މިނެޓުގައި ނިއުގެ މުހައްމަދު މުސްލިހް (މުއްޓި) އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން އެ ޓީމަށް މައްސަލަތަކެއް ކުރިމަތިވި އެވެ. ރެލިގޭޓްނުވެ މި ވަގުތަށް ސަލާމަތްވުމަށް މިރޭ މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް ބީޖީ އަށް އުއްމީދެއް ލިބުނީ 84 ވަނަ މިނެޓުގައި އެ ޓީމުގެ ޑެނިއަލް ފިލޮމަން ޖެހި ގޯލުންނެވެ. ފަހު ވަގުތު އެ ޓީމުން ވަރަށް ބޮޑަށް ކުރިއަށް ޖެހުނު ނަމަވެސް، ގޯލް ދަނޑީގައި ޖެހުނު ބޯޅައެއް ފިޔަވައި ގޯލަށް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ.

ފަހު ވަގުތު ނިއު އަށް ލިބުނު ރަނުގެ ފުރުސަތަކަށް، އޮފްސައިޑް ނެގުމާއި އަދި ފަހު ވަގުތު އެ ޓީމުގެ ޑިފެންޑަރު ވެލިޗްކޯ އަށް ދެއްކި ރީނދޫ ކާޑާ އެކު އޭނާ ކާޑު ހަމަވުމުން ނިއުގެ އޮފިޝަލުންނާއި ސަޕޯޓަރުން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗަށް ފަހު ރެފްރީން ދަނޑުން ފޭބި ވަގުތު ރެފްރީ އާއި އެސިސްޓަންޓް ރެފްރީއާ ދިމާލަށް ނިއުގެ މެނޭޖަރު އަމީން ފައިސަލް ރުޅިވެރިކަމާ އެކު ދިޔަ އިރު ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ވެގެން ވަނީ އޭނާ ހުއްޓުވައިފަ އެވެ.

ނިއުގެ މައިކަލް (ވ) އާއި ބީޖީގެ ބައެއް އޮފިޝަލުންނާއި ކުޅުންތެރިންނާ ދެމެދު ހިނގި ހަމަނުޖެހުން ހުއްޓުވަން ބީޖީގެ ކޯޗު ޝާޒްލީ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ މައިކަލް (ވ) އާއި ބީޖީގެ ބައެއް އޮފިޝަލުންނާއި ކުޅުންތެރިންނާ ދެމެދު ހިނގި ހަމަނުޖެހުން ހުއްޓުވަން ބީޖީގެ ކޯޗު ޝާޒްލީ މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ވަގުތު ބީޖީގެ ބެންޗު ކައިރީގައި ހުރި ނިއުގެ ސެގުން މައިކަލް އާއި ބީޖީގެ ކުޅުންތެރިން އަދި އޮފިޝަލުންނާ ދެމެދު ވަނީ ހަމަނުޖެހުން ހިނގައިފަ އެވެ. މެޗުގެ ތެރޭގައި ވެސް ބީޖީގެ ކުޅުންތެރިންނާއި މައިކަލްއާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުން ހިނގިއިރު، މެޗަށް ފަހު ބެންޗު ކައިރިން މައިކަލް އާއި ބީޖީގެ ކުޅުންތެރިން ބަހުގެ ހަމަލާތައް ބަދަލުކުރި އެވެ. ދެން ފެނިގެން ދިޔައީ ބީޖީގެ ބައެއް އޮފިޝަލުންނާއި ކުޅުންތެރިން މައިކަލް ފަހަތުން ދުއްވައިގަން މަންޒަރެވެ. އެ ވަގުތު ނިއު އާއި ބީޖީގެ އޮފިޝަލުން އެ ދެ މެދަށް ވަދެ ހުއްޓުވި ނަމަވެސް މައިކަލް ގަޔަށް ބީޖީގެ ކުޅުންތެރިއަކު ފެން ޖެހުމުން އަނެއްކާ ވެސް ބީޖީގެ އޮފިޝަލުންނާ ދިމާލަށް ދާން އޭނާ މަސައްކަތްކުރި އެވެ. އެ ވަގުތު ފުލުހަކު އައިސް މައިކަލް ހިފެހެއްޓި ނަމަވެސް ބީޖީގެ ސަޕޯޓަރަކު ވަނީ މައިކަލް އަށް ހަމަލާ ދީފަ އެވެ. ފަހުން ދެ ޓީމުގެ ބައެއް އޮފިޝަލުންނާއި ފުލުހުން ވެގެން ހަމަނުޖެހުން ވަނީ މައިތިރިކޮށްފަ އެވެ.

ބައިބަލާ އިން މަޝްހޫރުކަން ހޯދި ބީޖީން 2013 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީ މަޝްހޫރު ގިނަ ކުޅުންތެރިންނާ އެކު އެވެ. އެކަމަކު އޭގެ ފަހުން އެ ޓީމު ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ސްކޮޑަކާ އެކު އެވެ.