Roadha Mihaaru
ގޫގުލްގެ އޮފީސްތައް ހުޅުވުން ޖުލައި 6 ގައި

ގޫގުލްގެ އޮފީސްތައް ހުޅުވުން ޖުލައި 6 ގައި

28 މެއި 2020

ކޮރޯނާވައިރަހުގެ ހާލަތަށް ބަލައި، އަންނަ ޖުލައި މަހުގެ 6 ގައި ގޫގުލްގެ އޮފީސްތައް ހުޅުވައި މުވައްޒަފުންނަށް އޮފީސްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށް ގޫގުލް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހުގެ ހާލަތަށް ބަލައި، އަންނަ ޖުލައި މަހުގެ 6 ގައި ގޫގުލްގެ އޮފީސްތައް ހުޅުވައި މުވައްޒަފުންނަށް އޮފީސްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށް ގޫގުލް އިން ބުނެފި އެވެ.

އަލްފަބެޓްގެ ދަށުން ހިންގާ ގޫގުލް އަކީ ކޮވިޑް-19 ފެތުރުން ފެށުމާ އެކު ކުރިމަތިވި ލޮކްޑައުންތަކާ އެކު، މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދިން ޓެކް ކުންފުނީގެ ތެރެއިން އެއް ކުންފުންޏެވެ.

އެ ކުންފުނިން އަންގާރަ ދުވަހު ބުނީ ހާއްސަ ފިޔަވަޅުތަކާ އެކު، ދުނިޔޭގެ އެކި ތަންތަނުގައި ހިންގާ އޮފީސްތައް ޖުލައި މަހުގެ 6 ގައި ހުޅުވުން ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. ނަމަވެސް އަލަށް ހުޅުވާ އިރު އޮފީސްތަކުގެ ކެޕޭސިޓީ ބަހައްޓާނީ 10 ޕަސަންޓް މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ގޮތަށް ކަމަށާއި ސެޕްޓެމްބަރާ ހަމައަށް އަންނަ އިރު އެ ނިސްބަތް 30 ޕަސަންޓަށް އިތުރުކުރާނެ ކަމަށް ބުންޏެވެ. އެގޮތުން އޮފީސްތަކަށް ނުކުމެ މަސައްކަތްކުރުމުގައި އިސްކަންދޭނީ ކޮންމެހެން އޮފީސްތަށް ނުކުމެ މަސައްކަތްކުރަން ޖެހޭ މުވައްފަޒުން ކަމަށް ބުންޏެވެ.

ކަނޑަައަޅާ ގައިޑްލައިންތަކަށް މުވައްޒަފުން ފުރިހަމަ އަށް ތަބާވޭތޯ ވެސް އަހަރެމެން ކަށަވަރުކުރާނަން: ޕިޗާއީ

އަދި ބަލީގެ ހާލަތު ރަނގަޅުވުމާ އެކު، އޮފީސްތަކުގައި މަސައްކަތްކުރާ ކެޕޭސިޓީ އިތުރު ވެސް ކުރާނެ ކަމަށް ގޫގުލް އިން ބުންޏެވެ. ހަމަމިއާ އެކު މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ ފުރިހަމަ އިންތިޒާމުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަމަޖައްސާނެ އެވެ.

މިކަމާ ބެހޭ ގޮތުން އަލްޕަބެޓްގެ ސީއީއޯ ސުންދަރު ޕިޗާއީ ވިދާޅުވީ އޮފީސްތައް ހުޅުވާ އިރު، މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ސޯޝަލް ޑިސްޓެންސިން އާއި ސެނިޓައިޒޭޝަން ގައިޑްލައިންތަކެއް ކަނޑައަޅާފައި ހުންނާނެ ކަމަށެވެ.

"އަދި އެކަންކަމަށް މުވައްޒަފުން ފުރިހަމަ އަށް ތަބާވޭތޯ ވެސް އަހަރެމެން ކަށަވަރުކުރާނަން." އޭނާ ވިދާޅުވި އެވެ.

ޕިޗާއީ ވަނީ އަލުން މުވައްޒަފުން އޮފީސްތަކަށް ނުކުންނަ އިރު، ކުރިއާ ހިލާފަށް އޮފީސް މާހައުލުގެ މަސައްކަތުގެ ތަރުތީބަށް ބަދަލުތަކެއް ގެނެސްފައި ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައި ތަބާވާން ޖެހޭނީ "ނިއު ނޯމަލްއަކަށް" ކަމަށް ވިދާޅުވި އެވެ.

ގޫގުލްގެ އޮފީސްތައް އަލުން ހުޅުވާ އިރު، ކޮންމެ މުވައްޒަފަކަށް އެލަވަންސެއްގެ ގޮތުގައި އެ މީހަކު މަސައްކަތްކުރާ ގައުމެއްގެ ރޭޓުން 1،000 ޑޮލަރު ދޭނެ އެވެ. ގޫގުލްގެ މުވައްޒަފުންގެ އަދަދު ލައްކައަކާ ގާތްކުރެ އެވެ.