Roadha Mihaaru
ގަތަރު އެއާވޭސްގެ ކްރޫއިން ހޭޒްމަޓް ސޫޓުގައި

ގަތަރު އެއާވޭސްގެ ކްރޫއިން ހޭޒްމަޓް ސޫޓުގައި

22 މެއި 2020

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ދަތުރުމަތީގައި ކްރޫން ބޭނުންކުރުމަށް ގަތަރު އެއާވޭސް އިން ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) ތައާރަފްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ދަތުރުމަތީގައި ކްރޫން ބޭނުންކުރުމަށް ގަތަރު އެއާވޭސް އިން ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) ތައާރަފްކޮށްފި އެވެ.

ގަތަރުގެ ރަސްމީ އެއާލައިން، ގަތަރު އެއާގެ އިތުރުން އެހެން ބައެއް އެއާލައިންތަކުން ވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ކްރޫއިންނަށް ހާއްސަ ހެދުން ތައާރަފްކޮށްފަ އެވެ. ގަތަރުގެ ހުރިހާ ކްރޫއިން ވެސް ހޭޒްމަޓް ސޫޓާއި ގޮގުލްސް އާއި އަންގި އާއި މާސްކު ވެސް ދަތުރުމަތޫގައި ބޭނުންކުރާނެ އެވެ.

ފްލައިޓްތަކުގެ ކްރޫއިން ރައްކާތެރިކަމުގެ ހާއްސަ ހެދުން ލާން ނިންމާފައި ވާއިރު މި މަހުގެ 25 އިން ފެށިގެން ގަތަރު އެއާވޭސް އިން ދަތުރުކުރާ ހުރިހާ ފަސިންޖަރުން ދަތުރުކުރާ އިރު މާސްކް އަޅަން ޖެހެ އެވެ.

"ރައްކާތެރިވުމަށްޓަކައި ހާއްސަ ފިޔަވަޅުތައް އަޅާ އިރު ދަތުރު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކްރޫއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް،" އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބަކަރް ވިދާޅުވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދަތުރު ކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭނީ ސާފުތާހިރުކަމަށް ކަމަށާއި ފަސިންޖަރުންނާއި ކެބިން ކްރޫއިންނަށް ހާއްސަ ސެނިޓައިޒާ ވެސް ފްލައިޓްގައި ހުންނާނެ ކަމަށް އެއާލައިން އިން ބުންޏެވެ.

ގަތަރު އެއާލައިންގެ އިތުރުން ފިލިޕީންސް އެއާލައިނާއި އެއާއޭޝިއާގެ ކެބިން ކްރޫން ވެސް ޔުނީފޯމުގެ ބަދަލުގައި ބޭނުންކުރަނީ ޕީޕީއީ އެވެ.

ކޮވިޑް-19 ފެތުރޭތީ ގަތަރު އެއާލައިން އިން ދަތުރުތައް ހުއްޓާލުމަށް ފަހު މިހާރު ވަނީ ބައެއް މަންޒިލްތަކަށް ދަތުރުތައް ފަށައިފަ އެވެ. މިގޮތަށް ދަތުރު ކުރުމުގައި ޓިކެޓް ބުކް ކުރުމުގައި ފްލެކްސިބަލް އުސޫލުތަކެއް އެ އެއާލައިނުން ވަނީ ތައާރަފްކޮށްފަ އެވެ.