Roadha Mihaaru
ބޯޓު ވައްޓާލަން ބުނުމުން ގަތަރުން އިކާއޯ އަށް މައްސަލަ ހުށަހަޅައިފި

އަލް އަރަބިއާގެ ރިޕޯޓާ ގުޅިގެން ގަތަރުން އިކާއޯ އަށް މައްސަލަ ހުށަހަޅައިފި

20 އޯގަސްޓް 2017

ދޯހާ (އޮގަސްޓް 20) - ގަތަރު އެއާވޭސް އިން ދަތުރުކުރާ ޕަސިންޖަރުންނަށް ބިރުވެރިކަން ކުރިމަތިވާ ފަދަ ރިޕޯޓެއް ދުބާއީގެ އަލް އަރަބިޔާ ޓީވީން ދައްކާފައިވާތީ އެ މައްސަލަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) އަށް ގަތަރުން ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (އޮގަސްޓް 20) - ގަތަރު އެއާވޭސް އިން ދަތުރުކުރާ ޕަސިންޖަރުންނަށް ބިރުވެރިކަން ކުރިމަތިވާ ފަދަ ރިޕޯޓެއް ދުބާއީގެ އަލް އަރަބިޔާ ޓީވީން ދައްކާފައިވާތީ އެ މައްސަލަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އިކާއޯ) އަށް ގަތަރުން ހުށަހަޅައިފި އެވެ.

މޮންޓްރިއަލްގައި ގާއިމްކޮށްފައިވާ އދ.ގެ އެޖެންސީ އަށް ގަތަރުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ގައުމުތަކުން ވަނީ ވައިގެ ދަތުރުފަތުރު ކުރުމާ ބެހޭ ބައިނަލްއަގުވާމީ ގަވާއިދުތަކާ ޚިލާފުވެފައި ކަމަށެވެ. ގަތަރު އެއާވޭސްގެ ޕަސިންޖާ ބޯޓެއް ވައްޓާލާ މަންޒަރު ފެންނަ ގޮތަށް ރިޕޯޓެއް ފޮނުވުމަކީ ޕަސިންޖަރުންނަށް ބިރު ދެއްކުން ކަމަށާއި އެއީ 1944 ޝިކާގޯ ކޮންވެޝަނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އަލް އަރަބިއްޔާ އިން މި މަހު 9 ވަނަ ދުވަހު ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ އެއްވެސް ގައުމެއްގެ ވައިގެ ސަރަހައްދަށް ހުއްދަ ނުހޯދާ ވަންނަ ބޯޓު ފަހަރު ވައްޓާލުމަކީ ބައިނަލްއަގުވާމީ ގާނޫނު ހުއްދަ ކުރާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި އެނިމޭޓްކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ގަތަރު އެއާވޭސްގެ ބޯޓަކަށް ރޮކެޓް ހަމަލާ ދޭ މަންޒަރު ދައްކައިފަ އެވެ.

ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބި އެމިރޭޓްސް، ބަހުރޭން އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެ ގައުމާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ޖޫން 5 ވަނަ ދުވަހު އެވެ. ގަތަރުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް މަތިންދާ ބޯޓެއް ވަނީ މި ހަތަރު ގައުމުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފަ އެވެ.