Roadha Mihaaru
ފްލައިޓުގައި މީހަކު ވިއްސި ޑޮކްޓަރަށް ތައުރީފް

ފްލައިޓުގައި މީހަކު ވިއްސި ޑޮކްޓަރަށް ތައުރީފް

08 ފެބުރުއަރީ 2020

ކޮލްކަތާ (ފެބްރުއަރީ 8) - ފްލައިޓުގައި މީހަކު ވިއްސަން އެހީވި ޑޮކްޓަރަކު އޭނާގެ ވާހަކަތައް ހިއްސާ ކުރުމުން އެތައް ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލްކަތާ (ފެބްރުއަރީ 8) - ފްލައިޓުގައި މީހަކު ވިއްސަން އެހީވި ޑޮކްޓަރަކު އޭނާގެ ވާހަކަތައް ހިއްސާ ކުރުމުން އެތައް ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.

ދޯހާ އިން ބެންކޮކަށް އަންގާރަ ދުވަހުގެ ރޭ ދަތުރުކުރި ގަތަރު އެއާވޭސްގެ ފްލައިޓުގައި ޑޮކްޓަރަކު އިންތޯ އެނައުންސް ކުރުމާ އެކު އެކަމަށް އިޖާބަ ދިނީ ޔޫކްރޭނުގެ ރައްޔިތެއް ކަމަށްވާ އެލީނާ ފެޑްޗެންކޯ އެވެ. އޭނާ އަކީ ކަރުންމަތީގެ ޚާއްސަ ޑޮކްޓަރެކެވެ. ވަރަށް ކުއްލި ގޮތަކަށް ޑޮކްޓަރެއްގެ އެހީ ބޭނުންވާ ކަމަށް ކްރޫން އިއުލާން ކުރުމާ އެކު އެލީނާ ވަނީ އެކަމަށް އިޖާބަދީ ފްލައިޓް އެޓެންޑެންޓުންގެ ކޮޓަރިއަށް ގޮހެވެ. އޭރު އަންހެނަކު އޮތީ ވިހަން ތައްޔާރުވެފަ އެވެ.

"ކަމެއް ގޯސްވެދާނެތީ އަޅުގަނޑު ވަރަށް ކަންބޮޑުވި. އެކަމަކު ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް. އަޅުގަނޑު ކިޔެވި އެއްޗެހީގެ މަތިން ހަނދާންވުމާ އެކު އެގޮތަށް ކަންތައް ކުރީ،" ޔޫކްރޭނުގެ ކިޔޭވް މެޑިކަލް ޔުނިވާސިޓީން ގްރެޖުއޭޓްވި އެލީނާ ބުންޏެވެ. އެ ޔުވާސިޓީން ކިޔަވާ ހުރިހާ ޑޮކްޓަރުންނަށް ވެސް ގައިނަކޮލޮޖީގެ ބޭސިކް ބައިތައް ދަސްކުރަން ޖެހެ އެވެ.

ޑރ. އެލީނާ އާއި ބައެއް ކްރޫން ތުއްތު ކުއްޖާއާ އެކު. --ފޮޓޯ: އެލީނާ ފޭސްބުކް

ޑރ. އެލީނާ އާއި ބައެއް ކްރޫން ތުއްތު ކުއްޖާއާ އެކު. --ފޮޓޯ: އެލީނާ ފޭސްބުކް

އެލީނާ ބުނީ ތައިލެންޑުގެ އެ އަންހެން މީހާ ވިއްސުމުގައި އުނދަގޫ އެއްވެސް ކަމެއް ދިމާނުވާ ކަމަށެވެ. އަދި އެއީ ދުވަސް ފުރާ ވިހެއި ކުއްޖެއް ކަމަށް ޑޮކްޓަރު ބުންޏެވެ.

ފްލައިޓުގައި ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޕައިލެޓް އިއުލާން ކުރުމާ އެކު ހުރިހާ ޕަސިންޖަރުން ވެސް ވަނީ އުފާފާޅުކޮށްފަ އެވެ. ޕައިލެޓް ފަހުން ވަނީ އިންޑިއާގެ ކޮލްކަތާގައި ބޯޓު ޖައްސައިފަ އެވެ. އަދި މަންމަ އާއި ކުޑަ ދަރިފުޅު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ޑޮކްޓަރު އެލީނާ، ފަހުން ވަނީ ބިޒްނަސް ކްލާހަށް ބަދަލުކޮށް ހަދިޔާދީފަ އެވެ.

ބަނޑަށް 36 ހަފުތާވެފައިވާ މީހުން ގަތަރު އެއާވޭސްގެ ބޯޓުތަކުގައި ދަތުރު ކުރުން އޮންނަނީ މަނާކޮށްފަ އެވެ.