Roadha Mihaaru
ގަތަރު އެއާވޭސްއިން ދެ ބިލިއަން ޑޮލަރުގެ ބޯޓު ގަންނަނީ

ގަތަރު އެއާވޭސް އިން ދެ ބިލިއަން ޑޮލަރުގެ ބޯޓު ގަންނަނީ

27 ސެޕްޓެމްބަރ 2017

ދޯހާ (ސެޕްޓެމްބަރު 27) - ހަ މަތިންދާ ބޯޓު ގަތުމަށް ބޯއިން ކުންފުންޏަށް އޯޑަރު ދީފައިވާ ކަމަށް ގަތަރު އެއާވޭސް އިން އިއްޔެ އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދޯހާ (ސެޕްޓެމްބަރު 27) - ހަ މަތިންދާ ބޯޓު ގަތުމަށް ބޯއިން ކުންފުންޏަށް އޯޑަރު ދީފައިވާ ކަމަށް ގަތަރު އެއާވޭސް އިން އިއްޔެ އިއުލާންކޮށްފި އެވެ.

ގަތަރު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ބޯޓުތަކުގެ އަގަށް ދެ ބިލިއަން ޑޮލަރު އަރާ ކަމަށެވެ. އެއާލައިނުން އަލަށް ގަންނަނީ ބޯއިން 747-8 ގެ ދެ ބޯޓާއި ބޯއިން 777-300 އީއާރުގެ ހަތަރު ބޯޓެވެ.

"މިއީ އެއާލައިން ފުޅާވަމުން ދިއުމާއި އެމެރިކާގެ އިގްތިސާދަށް އެހީވަމުންދާ ކަމުގެ ނިޝާނެއް،" ގަތަރު އެއާވޭސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގަތަރު އެއާވޭސްގައި ބޯއިން މަރުކާގެ 100 ބޯޓު މިހާރު އޮވެ އެވެ. އަދި އިތުރު 100 ބޯޓަށް ވަނީ އޯޑަރު ދީފަ އެވެ.

ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަތަރުން ދަނީ އެމެރިކާގައި އިންވެސްޓްމަންޓް ފުރުސަތުތައް ފުޅާކުރަމުންނެވެ. ގަތަރުން 2015 ވަނަ އަހަރު ވަނީ ކުރިއަށް އޮތް ފަސް އަހަރު އެމެރިކާގައި 35 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 10 ބިލިއަންް ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް މިދިޔަ ޑިސެމްބަރު މަހު ދޯހާ އިން ބުނެފައިވެ އެވެ.

މަތިންދާ ބޯޓު ގަތުމުގެ ބޮޑު އެއްބަސްވުމެއް ގަތަރުން އިއުލާންކޮށްފައިވާ އިރު ގަލްފުގައި އެ ގައުމު ވަނީ އެކެހެރިކޮށްފަ އެވެ. ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ މިދިޔަ ޖޫން މަހު 5 ވަނަ ދުވަހު ވަނީ ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބި އެމިރޭޓްސް، ބަހުރޭން އަދި މިސްރުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ގަތަރާ ދެކޮޅަށް އެ ހަތަރު ގައުމުން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ އިތުރުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް ގަތަރު އެއާވޭސްގެ ބޯޓުތައް ވަނުން ވަނީ މަނާކޮށްފަ އެވެ.