Roadha Mihaaru
އެމްޓީސީސީ އަށް 62 މިލިއަން ރުފިޔާގެ ފައިދާވެއްޖެ

އެމްޓީސީސީ އަށް 62 މިލިއަން ރުފިޔާގެ ފައިދާވެއްޖެ

20 މެއި 2020

މި އަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ކުއާޓާގައި މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލައި އިރު 310 ޕަސެންޓުގެ ކުރި އެރުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ވަނީ 29 މިލިއަން ރުފިޔާގެ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުންޏަށް ވަނީ 353 މިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބުނީ 210 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ކުއާޓާގައި ލިބުނު ފައިދާއާ އެކު ހިއްސާއަކަށް ޖެހޭ މިންވަރު ވަނީ 3.83ރ. އިން 6.58ރ. އަށް އިތުރުވެފަ އެވެ.

މިހާ ބޮޑު ކުރިއެރުމެއް އެކުންފުންޏަށް ލިބިފައިވަނީ، ރާއްޖޭގެ އެކި ސަރަހައްދުގައި ގިނަ އަދަދެއްގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމެވެ. އެގޮތުން 53 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ އިރު ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމާފައިވެ އެވެ. މި ޕްރޮޖެކްޓްތަކުގެ ތެރެއިން 11 ރަށެއްގެ ޕްރޮޖެކްޓުގެ މަސައްކަތުގެ އަމަލީ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

ރަށްރަށުގައި ހިންގާ އުމްރާނީ ޕްރޮޖެކްޓްތަކުގެ އިތުރުން އެކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ރަށްރަށަށް ބޮޑެތި އެހީތެރިކަމެއް އެކުންފުނިން ވެދީފައިވެ އެވެ.

އެމްޓީސީސީން ބުނީ، ފުރަތަމަ ކުއާޓާގައި ކުންފުންޏަށް ބޮޑު ކާމިޔާބެއް ލިބުނު ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. މިހާލާތުގައި ވެސް މަސައްކަތް ކުރަނީ، ކުންފުނީގެ ހިންގުން ހުއްޓުމަކަށް ނުގެނެސް، ކުރިއަށްގެންދާނެ ގޮތްތައް ބަލައިގެން ކަމަށާއި، އެގޮތުން އެކަން ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.