Roadha Mihaaru
ރެކޯޑް އަހަރަކަށްފަހު އެމްޓީސީސީގެ ފެށުން ވެސް ރަނގަޅު

އެމްޓީސީސީގެ ރެކޯޑް ފައިދާއަށް ފަހު ފުރަތަމަ ކުއާޓާގައި ވެސް ބޮޑު ކުރިއެރުމެއް

30 އެޕްރީލް 2022

މިދިޔަ އަހަރަކީ އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ހޯދި އަހަރަށް ވެފައި ވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ފައިދާ ވެސް ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ އަހަރަކީ އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ހޯދި އަހަރަށް ވެފައި ވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ފައިދާ ވެސް ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ހިސާބުތައް އާންމުކޮށްފައި ވާއިރު އެއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ ކަމަށްވާ ޖެނުއަރީން މާޗް މަހުގެ ނިޔަލަށް 550 މިލިއަން ރުފިޔާ އާމްދަނީއަށް ލިބިފައިވެ އެވެ. ކުރީ އަހަރުގެ މި ކުއާޓާގައި ލިބުނީ 423 މިލިއަނެވެ. މިއީ 30 ޕަސެންޓުގެ އިތުރުވުމެކެވެ.

ފުރަތަމަ ކުއާޓާގެ ވިޔަފާރިން ޚަރަދުތައް ކަނޑައި، ޓެކްސް އުނިކުރުމުގެ ކުރިން ފައިދާ އަކީ 75.3 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ އަދަދަކީ 72.5 މިލިއަނެވެ. އެހެންވެ މިއީ 27 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓެކްސް އުނިކުރުމަށް ފަހު މި ކުއާޓާގައި ފައިދާ އަކީ 64 މިލިއަން ރުފިޔާ އެވެ. ކުރީ އަހަރު 61.6 މިލިއަން ރުފިޔާ އެވެ.

● އަހަރުގެ ފުރަތަމަ ކުއާޓަގައި 75 މިލިއަން ރުފިޔާގެ ފައިދާ

● ކުރީ އަހަރާ އަޅާބަލާއިރު ފައިދާއަށް 27 ޕަސެންޓު އިތުރު

● ޓެކްސް އަށް ކެނޑުމުން ފައިދާ އަކީ 72.5 މިލިއަން

● ފުރަތަމަ ކުއާޓާގެ އާމްދަނީ 30 ޕަސެންޓް އިތުރު

ކޮންޓްރެކްޓިން އާއި ޑްރެގިންގެ އާމްދަނީ 33.8 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށާއި އެކަމަކު ބައިނަލްއަގުވާމީ ބާޒާރުގައި ދިމާވެފައިވާ ލޮޖިސްޓިކްގެ ދަތިތަކާ ހެދި މި ކުއާޓާގައި ރެވެނިއުއަށް ނޭދެވޭ އަސަރުކުރި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި ނިމުނު ކުއާޓާގައި ޓްރޭޑިން ރެވެނިއުގެ ގޮތުގައި 66.4 މިލިއަން ލިބި 12.9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ.

ޓްރާންސްޕޯޓްގެ ވިޔަފާރި މި ނިމުނު ކުއާޓާގައި ވެސް ކުރިއެރުން ހޯދި ކަމަށާއި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުން ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެމްޓީސީސީގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ނިމުނުއިރު 224.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް އެމްޓީސީސީ އަށް ލިބުނެވެ. މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާއާ އަޅާ ބަލާއިރު ވެސް 15 ޕަސެންޓުގެ އިތުރުވުމެކެވެ. އެ އަހަރުގެ ސާފު ފައިދާއަކީ 190.6 މިލިއަން ރުފިޔާ އެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، 2020 ގެ އަދަދަކީ 220.75 މިލިއަން ރުފިޔާ އެވެ.