Roadha Mihaaru
ހައުސިންގެ މަޝްރޫއުތައް ހިންގަން އެމްޓީސީސީން ވިސްނަނީ

އެމްޓީސީސީން ހައުސިން މަޝްރޫއުތައް ހިންގަން ވިސްނާ: އާޒިމް

27 އޮކްޓޯބަރ 2021

އެމްޓީސީސީގެ ވިޔަފާރި މިހާރަށް ވުރެ ފުޅާކުމުގެ ބޭނުމުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ޕްލޭން ކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްޓީސީސީގެ ވިޔަފާރި މިހާރަށް ވުރެ ފުޅާކުމުގެ ބޭނުމުގައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ޕްލޭން ކޮށްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ހައުސިންގެ މަޝްރޫއުތައް ހޯދަން ޖެހެނީ އެ ކުންފުނިން މިހާރު ކުރަމުން އަންނަ ބާވަތްތަކުގެ މަސައްކަތް ކޮންމެވެސް ހިސާބަކުން ހުސްވާނެތީ، މަސައްތުގެ ދާއިރާ ފުޅާ ކުރަން ޖެހޭތީ ކަމަށެވެ. އެމްޓީސީސީ އަށް ލިބޭ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓޭނީ އޭނާ ވިދާޅުވިގޮތުގައި އެގޮތަށް މަސައްކަތް ފުޅާކޮށްގެންނެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ބަނދަރުތައް [ހެދުމާއި] މި މަސައްްކަތްތަކަކީ ކޮންމެވެސް ހިސާބަކުން ނިމޭނެ ކަންތައްތަކަށް ވާއިރު، އެމްޓީސީސީ އަކީ ސަރުކާރާއި ރައްޔިތުންގެ އެންމެ ބޮޑު ހިއްސާ އޮންނަ ކުންފުންޏަށް ވާތީ ޑައިވާސިފައިކޮށް [އާމްދަނީ އިތުރު ކުރަން ޖެހޭ]،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ އަށް އެމްޓީސީސީން ވަންނާނީ ކުދިކުދި މަޝްރޫއުތައް ހިންގަން ނޫން ކަމަށާއި އަމާޒު ކުރާނީ ބޮޑެތި މަޝްރޫއުތަކަށް ކަމަށެވެ. ހައުސިންގެ ބޮޑެތި މަޝްރޫއުތައް މިހާރު ރާއްޖޭގައި ހިންގަނީ ޗައިނާ އާއި އިންޑިއާގެ ބޮޑެތި ކުންފުނިތަކުން ކަމަށާއި އެއީ އެމްޓީސީސީ އަށް ވެސް ކުރެވޭނެ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން އެމްޓީސީސީން ފަހަރަކު 25 ޕްރޮޖެކްޓް ހިންގަމުން ދިޔަ ނަމަވެސް މިހާރު އަޅުގަނޑުމެން މި ވަގުތު ވެސް އެބަ ހިންގަން 70 ޕްރޮޖެކްޓް،" އެމްޓީސީސީގެ ގާބިލުކަން މިޙާރު ހުރި ވަރުގެ ތަފުސީލް ދެއްވަމުން އާޒިމް ވިދާޅުވި އެވެ.

މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ޖެހޭއިރުު، ރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ ބޭރު ކުންފުނިތަކަށް ވުރެ ހެޔޮ އަގުގައި އެމްޓީސީސީން އެ މަސައްކަތްތައް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޓީސީސީން ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަންނަން ވިސްނާ ވިސްނުން ތަންފީޒުކުރަން މިހާރު ވެސް މަސަައްކަތް ފަށާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.