Roadha Mihaaru
ތިން ވަނަ ކުއާޓާގައި އެމްޓީސީސީއަށް 47 މިލިއަން

ތިން ވަނަ ކުއާޓާގައި އެމްޓީސީސީއަށް 47 މިލިއަން ރުފިޔާގެ ފައިދާ

03 ނޮވެމްބަރ 2022

އެމްޓީސީސީ އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 47 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެމްޓީސީސީ އަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 47 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކުރި ކުއާޓާ ރިޕޯޓުގައިވާ ގޮތުން، ނިމުނު ކުއާޓަރުގައި ޓެކްސްތައް ކެނޑުމަށް ފަހު، ސާފު ފައިދާގެ ގޮތުގައި ލިބުނީ 47.7 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި 77 މިލިއަން ރުފިޔާގެ ފައިދާ ލިބުނު އިރު، ފުރަތަމަ ކުއާޓަރުގެ ފައިދާއަކީ 75 މިލިއަން ރުފިޔާ އެވެ.

ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 593 މިލިއަން ރުފިޔާ އެވެ. އެއީ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާ އެއްވަރެވެ. އެމްޓީސީސީން ބުނީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި އެ ކުންފުނީގެ ހަރަދު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށެވެ.

"އުފުލެމުން އަންނަ ތެލުގެ އަގާއި އަދި އެހެނިހެން ތަކެތި އަގުބޮޑު ކުރުމުގެ ސަބަބުން ކޮންސްޓްރަކްޝަން ފަޅިން ފައިދާ ހޯދޭނެ ގޮތްތައް، ކުރީ ދެ ކުއާޓާއާ އަޅާބަލާއިރު ވަނީ މަދުވެފައި،" ރިޕޯޓުގައި ވެ އެވެ.

ތިން ވަނަ ކުއާޓަރުގައި ކުންފުނީގެ އާ އިންވެސްޓުމެންޓުތަކަށް ހަރަދު ކުރުމުގެ ސަބަބުން ދެވަނަ ކުއާޓަރާ އަޅާބަލާއިރު، ފައިނޭންސިން ހަރަދު ދެގުނަ ވެފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. މި ކުއާޓަރުގައި އެމްޓީސީސީން ވަނީ އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާނެ ސްޕީޑް ފެރީ އާއި މިނީބަސްތައް ހޯދައިފަ އެވެ.

ނިމުނު ކުއާޓަރުގައި ރައުސްމާލަށް ކުރި އެ އިންވެސްޓްމެންޓާއެކު އެމްޓީސީސީގެ ދަށުން ހުރި ހަރުމުދަލުގެ އަގު ވަނީ ހަތަރު ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މި ކުއާޓާގައި އެމްޓީސީސީން ހަވާލުވެފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާއި އާރްޓީއެލް ސްޕީޑް ފެރީގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހި ނިންމާ، ހއ. ހދ. އަދި ށ. އަތޮޅު ހެޔޮއަގުގައި ވަނީ ގުޅާލަދީފަ އެވެ.