Roadha Mihaaru
ތިންވަނަ ކުއާޓާގެ އެސްއޯއީތަކުގެ ފައިދާ 1.2ބިލިއަނަށް

ތިން ވަނަ ކުއާޓާގެ އެސްއޯއީތަކުގެ ފައިދާ 1.2 ބިލިއަން ރުފިޔާ އަށް

07 ފެބުރުއަރީ 2022

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިދާގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެއީ އޭގެ ކުރީ އަހަރު އެ ކުއާޓަރުގައި ލިބުނު ފައިދާ އަށް ވުރެ 864 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިދާގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެއީ އޭގެ ކުރީ އަހަރު އެ ކުއާޓަރުގައި ލިބުނު ފައިދާ އަށް ވުރެ 864 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެސްއޯއީތަކުން ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަރަށް ވުރެ 214 ޕަސެންޓް އިތުރުވެފަ އެވެ.

އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ ބީއެމްއެލް އާއި އެމްއޭސީއެލް އާއި އެސްޓީއޯގެ އިތުރުން ދިރާގަށެވެ. އެ ކުންފުނިތަކަކީ އާންމު ގޮތެއްގައި ވެސް ސަރުކާރުގެ އެންމެ ބޮޑު ފައިދާއެއް ހޯދާ ކުންފުނިތަކެވެ. ބީއެމްއެލް އަށް 737 މިލިއަން ރުފިޔާ ލިބުނު އިރު އެމްއޭސީއެލްގެ ތިން ވަނަ ކުއާޓާގެ ފައިދާ 255 މިލިއަން ރުފިޔާއަށް އަރަ އެވެ. ދިރާގުގެ ފައިދާ 191 މިލިއަން ރުފިޔާގައި ހުރި އިރު އެސްޓީއޯގެ ފައިދާ އުޅެނީ 128 މިލިއަން ރުފިޔާގަ އެވެ.

ތިން ވަނަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 14.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 200 ޕަސެންޓްގެ އިތުރުވުމެކެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެޗްޑީސީއަށެވެ. އެ ކުންފުންޏަށް ވަނީ 6.9 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެ ކުންފުނީގެ އާމްދަނީ އެހާ ބޮޑަށް އިތުރުވެފައި ވަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި 7000 ފްލެޓް ވިއްކުމުންނެވެ. ތިން ވަނަ ކުއާޓާގައި އެއްވެސް އާމްދަނީއެއް ނުލިބެނީ ހަޖް ކޯޕަރޭޝަނާއި ފަހި ދިރިއުޅުން ކޯރަޕޭޝަނާއި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނަށެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ގިނަ ކުންފުނިތަކަށް ގެއްލުން ވުމަށް ފަހު މިދިޔަ އަހަރު ކުންފުނިތަކަށް ވަނީ ފައިދާ ވާން ފަށައިފަ އެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސަރުކާރު ހިއްސަވާ ކުންފުނިތަކަށް ފައިދާގެ ގޮތުގައި ލިބުނީ 400 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ގިނަ އެސްއޯއީތަކުގެ މާލީ ހާލަތު ރަނގަޅުވި ނަމަވެސް ތިން ވަނަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިވީ ރީޖަނަލް އެއާޕޯޓްސް އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އިތުރުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށެވެ. ރީޖަނަލް އެއާޕޯޓްސް އާއި އާރްޑީސީ އަށް ވެސް 16 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. ޕީއެސްއެމް އަށް 12 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.