Roadha Mihaaru
ޕިކްސެލް 5 ގައި މޯޝަން ސެންސް ނުހިމަނަން ވިސްނަނީ

ޕިކްސެލް 5 ގައި މޯޝަން ސެންސް ނުހިމަނަން ވިސްނަނީ

19 މެއި 2020

ގޫގުލް ޕިކްސެލް ފޯނުތަކާ މެދު މިހާރު ބުނެވެނީ، ނުފިރުކެވެނީސް ދުވައްއިގަތީ ކަމަށެވެ. ޕިކްސެލް 4 މާކެޓްގައި ރަނގަޅަށް ހިނގައިނުގަނެގެން އުޅޭ ސަބަބަކީ މާ ބޮޑު ބޭނުމެއް ނެތް ފީޗާތަކެއް، ގޫގުލްގެ އިންޖިނޭރުންނަށް މުހިންމުވުމެވެ. މާކެޓް ތަޖުރިބާ ނެތި ވާދަކުރަން ހަދައިގެންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލް ޕިކްސެލް ފޯނުތަކާ މެދު މިހާރު ބުނެވެނީ، ނުފިރުކެވެނީސް ދުވައްއިގަތީ ކަމަށެވެ. ޕިކްސެލް 4 މާކެޓްގައި ރަނގަޅަށް ހިނގައިނުގަނެގެން އުޅޭ ސަބަބަކީ މާ ބޮޑު ބޭނުމެއް ނެތް ފީޗާތަކެއް، ގޫގުލްގެ އިންޖިނޭރުންނަށް މުހިންމުވުމެވެ. މާކެޓް ތަޖުރިބާ ނެތި ވާދަކުރަން ހަދައިގެންނެވެ.

ގޫގުލް އަކީ ޓެކްނޮލޮޖީ ނުދަންނަ ބައެއް ނޫނެވެ. ނަމަވެސް، ގިނަ ބަޔަކު ބޭނުން ނުހިފާ ޒާތުގެ ފީޗާތަކެއް، ޕިކްސެލް 4 ގައި ހިމަނަން ހަދައިގެން، ޕިކްސެލް 4ގެ ވިޔަފާރި ވަނީ ހީނުކުރާ ވަރަށް ދަށްވެފަ އެވެ.

"މޯޝަން ސެންސް" އަކީ ޕިކްސެލް 4 ގައި، މޮޅު ޓެކްނޮލޮޖީއެއް ގޮތުގައި ހިމެނި ފީޗާއެކެވެ. ފޯނު ދުރުގައި އޮންނައިރު، އަތުން ކޮށްލާ އިޝާރާތަކުން ފޯނުގެ ފީޗާތައް ބޭނުންކުރެވެ އެވެ. ނަމަވެސް މި ޓެކްނޮލޮޖީ ދުނިޔެ އަށް ގެނައުމަށްޓަކައި ބޭނުންކުރަންޖެހުނު "ރޭޑާ ޓެކްނޮލޮޖީ"ގެ ސަބަބުން، ޕިކްސެލް 4 ވިއްކުން ބައެއް ގައުމުތަކުން މަނާކުރި އެވެ. މިއީ ޕިކްސެލް 4ގެ ވިޔަފާރި އަށް އެރި ލޮޅުމެކެވެ.

ގޫގުލުން އަމިއްލަ އަށް ފޯނު ޑިޒައިންކޮށް ބަޔަކު ލައްވައި އުފައްދަން ކުރި މަސައްކަތުން ޕިކްސެލް ފޯނުތައް އުފައްވި އެވެ. ޕިކްސެލް ވިޔަފާރިން ގޫގުލް އަށް ބޮޑު ފައިދާއެއް ވެސް ވި އެވެ. އެކަމަކު މިއީ ތަންކޮޅެއް ކުރީގެ ވާހަކައެކެވެ.

ޕިކްސެލް 4 ގައި ހުރި ދޯހަޅިކަމުން އުނގެނި، ޕިކްސެލް 5 ޑިޒައިންކުރަމުން ދާއިރު، މޯޝަން ސެންސް ނުހިމަނަން ދަނީ ވާހަކަދެކެވެމުންނެވެ. ޕިކްސެލް 4ގެ ބެޓެރީ އަދި ކެމެރާ އަށް ވެސް ވަނީ ފާޑުކިޔުމާއި ރުޅިވެރިކަން އަމާޒުކުރެވިފަ އެވެ. ސްމާޓްފޯން މާކެޓްގައި ވާދަވެރިންނާ ވާދަކުރެވޭ ފެންވަރު، ޕިކްސެލް 4 ގައި ނެތުމަކީ ގޫގުލް އަށް ކުރެވުނު ނުބައި ޑިޒައިނަކަށް ވަނީ ވެފަ އެވެ.

ޕިކްސެލް 4ގެ ބެޓެރީ، މާ އަވަހަށް ހުލިވާ މައްސަލަ ބޮޑުވެ، ބެލިބެލުމުން އެނގުނީ އެއީ މޯޝާން ސެންސް ބޭނުންކުރުމުން ވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، ޓެކްނޮލޮޖީއެއް އުފަންކުރުވައި އާންމު ބޭނުންތަކަށް ދޫކޮށްލާއިރު، އެކަމުން އާންމުންނަށް ވާ ފަސޭހަ އަށް ވުރެ އުނދަގޫ ބޮޑު ނަމަ، އެއީ ބޮޑު މައްސަލައެކެވެ. ގޫގުލް އަށް ޓެކްނޮލޮޖީ ނޭނގެނީއެއް ނޫނެވެ. މާ އަވަހަށް އަދި ވާދަވެރިންނަށް ވުރެ އުހަށް އަރަން ބޭނުންވީ އެވެ.