Roadha Mihaaru
ޕިކްސެލް 4 އިންޑިއާގައި ވިއްކުން މަނާ

ގޫގުލް ޕިކްސެލް 4 އިންޑިއާގައި ވިއްކުން މަނާ

19 އޮކްޓޯބަރ 2019

މި ވެގެން އުޅޭ ގޮތް އިހަށް އަޑުއަހާލާށެވެ. އިންޑިއާގައި ގޫގުލް ޕިކްސެލް 4 ވިއްކުން މަނާ ސަބަބު މި ކިޔައިދެނީ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މި ވެގެން އުޅޭ ގޮތް އިހަށް އަޑުއަހާލާށެވެ. އިންޑިއާގައި ގޫގުލް ޕިކްސެލް 4 ވިއްކުން މަނާ ސަބަބު މި ކިޔައިދެނީ އެވެ.

ޕިކްސެލް 4 ގައި ގޫގުލުން ބާރުގަދަ ފީޗާތަކެއް ހިމަނާފައި ވެ އެވެ. އޭގެ ތެރެއިން ވެސް "މޯޝަން ސެންސް" ވެފައި ވަނީ ދޫކޮށްލަން ދަތި ފަސޭހައަކަށެވެ. މިއީ ފޯނުގައި އަތް ނުލައި، ހަރަކާތުން ފޯނު ކޮންޓްރޯލްކުރެވޭ ފީޗާއެކެވެ. އިންޑިއާގައި ޕިކްސެލް 4 ވިއްކުން މަނާވަނީ މޯޝަން ސެންސް"އާ ހެދި އެވެ.

ޕިކްސެލް 4 ގައި "މޯޝަން ސެންސް" ފީޗާ ގާއިމުކުރަން ބޭނުންކުރާ ސެންސަރު މަސައްކަތްކުރަނީ "60ގިގަހާޓްޒް" "އެމްއެމްވޭވް – މިލިމީޓާ ވޭވް ފްރިކްއެންސީ ބޭންޑް" ގަ އެވެ. މިއީ އިންޑިއާގައި އާންމުން ބޭނުންކުރުން މަނާ "ފްރިކްއެންސީ ބޭންޑް" އެކެވެ. މި ބޭންޑް ބޭނުންކުރަން އިންޑިއާގެ އިދާރާތަކުން ގޫގުލް އަށް ވެސް ހުއްދައެއް ނުދިނެވެ. ޕިކްސެލް 4 އިންޑިއާގައި ވިއްކެން ނެތް ސަބަބަކީ މި އެވެ.

އިންޑިއާގައި ޕިކްސެލް 4 ނުވިއްކުނެއް ކަމަކަމު، ޕިކްސެލް 4ގެ ވިޔަފާރި އަށް ލޮޅުންއަރާނެ ކަމަކަށް ނުބެލެވެ އެވެ. އިންޑިއާ އަކީ ޕިކްސެލް ފޯނުތަކަށް ރަނގަޅު މާކެޓަކަށް ނުވާތީ އެވެ. ނަމަވެސް، ގޫގުލު އިން ބުނީ، އިންޑިއާގައި ވިއްކޭ ގޮތަށް ޕިކްސެލް ފޯނުތައް އުފައްދާނެ ކަމަށެވެ.

ޕިކްސެލް ފޯނުތަކަކީ މެދު ފަންތި އަށް ގިންތިކުރެވޭ ވަރަށް ވުރެ އަގު ބޮޑު ފޯނުތަކެކެވެ. އިންޑިއާ ކަހަލަ އުފެދެމުން އަންނަ މާކެޓްތަކުގައި ޕިކްސެލް ފޯނުތަކަށް ފުރުސަތު ނުލިބެނީ އެހެންވެ އެވެ. އިންޑިއާގައި ގިނައިން ވިކެނީ އަގު ހެޔޮ އަދި ބަޖެޓް ފޯނުތަކެވެ.