Roadha Mihaaru
އައްޑޫގެ ވިއްސާރައާ ގުޅިގެން ސިފައިން، ފުލުހުންގެ އެހީ

އައްޑޫގެ ވިއްސާރައާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެހީ

14 މެއި 2020

ރޭ ދަންވަރުން ފެށިގެން މިއަދު މެންދުރާ ހަމައަށް އައްޑު އަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ފެންބޮޑުވި ތަންތަނުން ފެން ހިއްކުމުގެ މަސައްކަތާއި ފެންނަ ވަންނަ ގޮތަށް ހުރި ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އައްޑޫގައި ތިބޭ ފުލުހުންނާއި ސިފައިން ކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭ ދަންވަރުން ފެށިގެން މިއަދު މެންދުރާ ހަމައަށް އައްޑު އަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ފެންބޮޑުވި ތަންތަނުން ފެން ހިއްކުމުގެ މަސައްކަތާއި ފެންނަ ވަންނަ ގޮތަށް ހުރި ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އައްޑޫގައި ތިބޭ ފުލުހުންނާއި ސިފައިން ކުރަމުން އެބަދެ އެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫގެ ބައެއް މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ އިރު، ބައެއް ގޭގެ އަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އެގޮތުން ގޭގޭގައި ހުރި ފަރުނީޗަރާއި ކަރަންޓް ސާމާނާއި ހިފައިގެން ގެންގުޅޭ އެކި އެއްޗިއްސަށް ގެއްލުންވެފައިވެ އެވެ.

ވެލި ބަސްތާތައް ޖެހުމާއި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން އަންނަ އިރު، ވިއްސާރައިގައި ލިބުނު ގެއްލުންތަކާ ބެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

ބޯކޮށް ވާރޭ ވެހުމުގެ އިތުރުން ވައިގަދަވުމުގެ ސަބަބުން އައްޑޫގެ ބައެއް އަވަށްތަކުން ގަސްތައް ވެސް ވެއްޓިފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑު އަށް ކުރަމުން އަންނަ ވިއްސާރައިގައި 156 މިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މީގެ އިތުރުން ގދ. ތިނަދު އަށް 87 މިލިމީޓަރު، ގދ. ކާޑެއްދު އަށް 73 މިލިމީޓަރު އަދި ގދ. ފަރެސްމާތޮޑާ އަށް 65 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ދެކުނާއި މެދު ރާއްޖެތެރޭގައި ވައިގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.