Roadha Mihaaru
އައްޑޫގެ ވިއްސާރަ ގެއްލުންތަކަށް އެހީވުން ކުރިއަށް

ވިއްސާރައިގައި ގެއްލުންވި އައްޑޫގެ އާއިލާތަކަށް އެހީވުުގެ މަސައްކަތް ކުރިއަށް

11 އޯގަސްޓް 2019

ރޭ އައްޑު އަށް ގަދަ ވަޔާ އެކު ކުރި ބޯ ވިއްސާރައާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އާންމު ގުޅިގެން ކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭ އައްޑު އަށް ގަދަ ވަޔާ އެކު ކުރި ބޯ ވިއްސާރައާ ގުޅިގެން ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންނާއި އާންމު ގުޅިގެން ކުރަމުން އެބަދެ އެވެ.

އެގޮތުން ވަޔާ އެކު ވެއްޓުނު ރުއް ގަސްތައް ނެގުމާއި ފުރާޅު އެއްލައިލި ގެތަކަށް އެހީވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރޭގެ ވިއްސާރައާ ގުޅިގެން އައްޑޫގެ އެކި އަވަށްތަކުން 40 އަށް ވުރެ ގިނަ ގެއަށް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ. މީގެ އިތުރުން ހިތަދޫ ޝަރަފުއްދީން ސްކޫލާއި ގަމުގެ ޒުވާނުންގެ މަރުކަޒަށް ޗވެސް ވިއްސާރައިގައި ގެއްލުންތަކެއް ލިބުނެވެ.

އަޟްހާ އީދާ އެކު އައްޑު އަށް ލިބުނު ގެއްލުންތަކާ ގުޅިގެން ފުލުހުންނާއި ސިފައިން އެހީވަމުން އަންނަ އިރު، ސިފައިން އީދު ޗުއްޓީ ތެރޭގައި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވަނީ އެ މަސައްކަތް ބަލައި ގަންނަވާ ކަމަށާއި ސިފައިންނަށް ސެލިއުޓް ވެސް ކުރައްވާ ކަމަށް ވިދާޅުވެ މިއަދު ޓްވީޓެއް ވެސް ކުރައްވައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިންނާއި އެކު ޕަބްލިކް ވޯކްސް އާއި ޑިޒާސްޓާގެ މުވައްޒަފުން އަންނަނީ ބައިވެރިވަމުންނެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ފުރާޅު އެއްލައިލި ގެތަކުގެ ފުރާޅު އެޅުމާއި ގަސްތައް ވެއްޓި ބްލޮކްވެފައި ހުރި މަގުތައް ވެސް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މި މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ." އޭނާ ވިދާޅުވި އެވެ.

"އިރުއޮއްސެންވާ އިރަށް މި މަސައްކަތްތައް ނިންމައިލެވޭތޯ މަސައްކަތް މި ކުރަނީ. އެކަމަކު ބަންދު ދުވަހަކަށްވުމާ އެކު މަސައްކަތަށް ބޭނުންވާ ބައެއް ކަހަލަ އެއްޗެހި ހޯދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް އެބަހުރި،" އޭނާ ވިދާޅުވި އެވެ. "އެހެން ނޫނީ ދެން މަސައްކަތް ކުރިއަށްދާ ސްޕީޑް އެހާ ލަހެއް ނޫން."

ސޯބެ ވިދާޅުވީ ފުރާޅު އެއްލައިލި ގެތަކުގެ ތެރެއިން އިރުއޮއްސެންވާ އިރަށް ފުރާޅު މަރާމާތު ނުކުރެވި، އެ ގެއެއްގައި ތިބެން ދަތިވާ ކަހަލަ ގެއެއް ހުރި ނަމަ އެ ގެއެއްގެ ބަޔަކަށް ތިބެވޭނެ ތަންތަން ހަމަޖައްސައި ދެއްވާނެ ކަމަށެވެ. ނަމަވެސް ދިރިނޫޅޭ ވަރަށް އެއްވެސް ގެއެއްގެ ހާލަތު ގޯސް ނޫން ކަމަށް ވިދާޅުވި އެވެ.

"މި ފަހަރު ފެން ވަން ގެތައް މަދު. އެއީ އެކަމަށް ރައްޔިތުން ވެސް ފިޔަވަޅުތަކެއް އަޅާފައި ހުރީމަ. މި ފަހަރު އެންމެ ބޮޑަށް ލިބުނު ގެއްލުމަކީ ފުރާޅު އެއްލާލުން،" ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު ގެތަކުގެ އަދަދު މިހާތަނަށް 40 އަށް އަރާފައިވާ އިރު، އެ އަދަދު އަދިވެސް އިތުރު ވެދާނެ ކަމަށް ބެލެވެ އެވެ.

"ގެއްލުންތަކުގެ ރިޕޯޓް ނުކޮށް އަމިއްލަ އަށް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ބައެއް އާއިލާތަކުން އެބަކުރޭ. އެކަމަކު އަޅުގަނޑުމެން ބަލާނަން ގެއްލުން ލިބުނު ހުރިހާ ގެއެއްގެ މައުލޫމާތު ހޯދައި، އެހީތެރިކަން ފޯރުކޮށް ދޭނެ." ސޯބެ ވިދާޅުވި އެވެ.