Roadha Mihaaru
އިންޑިއާ އިން 580 ޓަނުގެ ކާބޯތަކެތި ގެނެސްފި

އިންޑިއާ އިން 580 ޓަނުގެ ކާބޯތަކެތި ރާއްޖެ ގެނެސްފި

12 މެއި 2020

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެތި މިއަދު ރާއްޖެ ގެނެސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި 580 ޓަނުގެ ކާބޯތަކެތި މިއަދު ރާއްޖެ ގެނެސްފި އެވެ.

އެ ތަކެތި ރާއްޖެ ގެނައީ އިންޑިއާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގަ އެވެ. މި ފަހަރު ގެނައި ތަކެތީގެ ތެރޭގައި ހިމެނެނީ ކާޑާއި ރީނދޫ މުގާއި އަލުވި އަދި ފިޔާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ.

މިއީ މިދިޔަ މަހުގެ 20 ގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ފޯނުން ގުޅުއްވައިގެން ކުރެއްވި މަޝްވަރާތަކަށް ފަހު ދެއްވަން ނިންމެވި އެހީގެ ބައެއް ކަމަށް އިންޑިއަން ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައި ވެ އެވެ.

އިންޑިއަން ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއް

މި އެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިންގެ ދަށުން ސަރަހައްދީ ގައުމުތަކަށް އިންޑިއާ އިން ފޯރުކޮށްދޭ އެހީ އެކެވެ. ރާއްޖެ އަށް މިއަދު އައި "އައިއެންއެސް ކޭސަރީ" މަނަވަރު މުދާ ބޭލުމަށް ފަހު މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ދަތުރު ކުރާނެ އެވެ.

އައިއެންއެސް ކޭސަރީން ރާއްޖެ ގެނައި ތަކެތީގެ ތެރޭގައި 200 ޓަނުގެ ހަނޑުލާއި 140 ޓަނުގެ ގޮދަން ފުށާއި 90 ޓަނުގެ ހަކުރުގެ އިތުރުން 120 ޓަނުގެ ރީނދޫ މުގާއި 26 ޓަނުގެ ފިޔާ އަދި 14 ޓަނުގެ އަލުވި ހިމެނެ އެވެ.

ރާއްޖެ އަށް ކާބޯތަކެތި ގެނައުމުގައި ދިވެހި ސިފައިން ދެމުން އަންނަ އެހީތެރިކަމަށް އިންޑިއާ ސަރުކާރުން ޝުކުރު އަދާކުރި އެވެ.

ވޭތުވެ ދިޔަ ދެ މަހުގައި އިންޑިއާ އިން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެކި ގޮތްގޮތުން އެހީ ފޯރުކޮށްދީފަ އެވެ. އަސާސީ މެޑިކަލް ސާމާނު ހަދިޔާ ކުރުމުގެ އިތުރުން، އެ ގައުމު ލޮކްޑައުން ކުރުމުގެ ކުރިން އެސްޓީއޯ އިން އޯޑަރުކުރި ބޭސްތަކެއް އިންޑިއާގައި ތާށިވުމުން އެ ތަކެތި ގެންނަން ހާއްސަ އޮޕަރޭޝަނެއް ހިންގި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ސަލާމަތް ވުމަށް އިންޑިއާ އިން ބޭނުން ކުރާ އުކުޅުތަކާއި އިލްމު ހިއްސާ ކުރުމަކީ ވެސް އެ ގައުމުން ރާއްޖެ އަށް ވެދޭ އެހީގެ ތެރޭގައި ހިމެނޭ ކަމެކެވެ.