14 އޮކްޓޯބަރ 2023
އުއްމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އުއްމީދު ކުރައްވަނީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު، އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔުމަށް އަންގާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެކަން ކުރައްވާނީ ޑިޕޮލޮމެޓިކް ހަމަތަކުގެ މަތިން ކަމަށާއި އުއްމީދު ކުރައްވަނީ އެގޮތަށް އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ކަމަށެވެ.
ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ވެސް ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭ ރާއްޖޭން ބޭލުމަކީ އެންމެ އުއްމީދު ކުރައްވާކަން ކަމަށާއި އެ އަމާޒު ހާސިލްކުރަން ވަރަށް ސީރިއަސް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބެމުންދާ ކަމަށާއި މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ނުދެވޭ ކަމަށެވެ. މި ސަރުކާރަށް ދިވެހިން ދެވަނަ ދައުރެއް ދޭން ބޭނުން ނުވި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް، މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، ވަކި އިންޑިއާ އެކަންޏެއް ނޫން ކަމަށާއި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ދިވެހިން އެދޭ ގޮތެއް ނޫން ކަަމަށެވެ. ރާއްޖެ އަކީ ކުޑަ ގައުމަކަށްވެފައި، ސިފައިންގެ ބޮޑު އަސްކަރިއްޔާއެއް ނެތި، ބޭރުގެ ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމެއް ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަ. އެއީ ކޮންމެ ބޭނުމަކަށް ތިބި ބައެއް ކަމަށްވީ ނަމަވެސް ދިވެހިން އެކަން ބޭނުމެއް ނުވޭ. އެއީ މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދިން މައިގަނޑު ސަބަބު. އަޅުގަނޑު ހޯދަން ޑިޕޮލޮމެޓިކަލީ އިންޑިއާއާ ވާހަކަ ދައްކައިގެން ސިފައިން ބޭލުމަށް މަސައަތް ފުރަތަމަ ދުވަހު ފަށާނަން،" މުއިއްޒު ވިދާޅުވި އެވެ.
"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުގެ ތެރެއިން: އިންޑިއާ ސިފައިންގެ މައްސަލަ ފުރަތަމަ ހަފުތާ ތެރޭ ހައްލުކޮށް ނިންމުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި
އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާއިމްވެ ތިބީ ކިހާ އިންޑިއާ ސިފައިންނެއް ކަމެއް ސާފު ނުވާ ކަމަށެވެ. އެ މައުލޫމާތު ސަރުކާރުން ވަނީ މީޑިއާ އަށް ވެސް ސިއްރުކޮށްފައިކަމަށާއި މައުލޫމާތު ހޯދަން ސުޕްރީމް ކޯޓާ ހަމައަށް ވެސް ދާން ޖެހިފައިވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އެކު ޒަމާންވީ ގާތް ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި، އެ ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނާނެ ކަމަށާއި ރާއްޖޭގައި އިތުރަށް އިންވެސްޓްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ވެސް ޝައުގުވެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބަށްފަހު އިންޑިއާގެ ސަފީރު މުނު މަހާވަރްއާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ޔަގީންކަން ލިބިފައިވާ ކަމާއި އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން މުއިއްޒު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް އިންޑިއާ އިން ދީފައިވާ ގިނަ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖަސައިދޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދަރަނީގެ ބޮޑު ބައެއް އޮތީ އިންޑިއާ އަށް. އެ ލޯނުތައް ރީފައިނޭންސް ކުރާނެ ގޮތްތަކެއް ހޯދަން އެބަ ޖެހޭ. އަނބުރާ ދެއްކޭނެ އެންމެ ފަސޭހަވާނެ ގޮތެއް. އެ ގައުމުން އެ ފުރުސަތުތައް ހޯދާނެ ކަމަަށް ސަފީރު ވިދާޅުވި،" މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާގެ މިލިޓަރީ ކޯޕަރޭޝަން ރާއްޖޭގައި ބެލެންސް ކުރުމަށް ޗައިނާއާ އެކު މިލިޓަރީ އެއްބަސްވުންތަކެއް ހަދާފައިވާނެތޯ ވެސް ސާމި ޒެއިދަން، މުއިއްޒުއާ ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެހެން ގައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމްވެ ތިބޭ ފަދަ އެއްވެސް މުއާމަލާތެއް ނުކުރައްވާނެ ކަމަށެވެ. އަދި ޗައިނާއަކީ ގައުމުތަކުގެ ސިޔާދަތަށް އަސަރުކުރާ ގޮތަށް ގުޅުންތައް ބަދަހިކުރާ ގައުމެއް ނޫން ކަމަށް ވެެސް މުއިއްޒު ވިދާޅުވި އެވެ.
"ޗައިނާއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ތަރައްގީއާ އެކު ގިނަ ފައިދާތަކެއް ރާއްޖެއަށް ކުރި. ޗައިނާގެ ޕޮލިސީއަކީ ދާހިލީ ކަންކަމާ ނުބެހި، ގައުމުތަކުގެ ސިޔާސަދަތަށް އިހްތިރާމް ކުރާ ޕޮލިސީއެއް. އެ ގައުމުގެ ޕޮލިސީއަކީ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން،" ޗައިނާ ދިފާއު ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތަށް އިހްތިރާމް ކުރާ ކޮންމެ ގައުމަކާ އެކު ވެސް އެ ގާތް ގުޅުން ބާއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގެންގުޅުއްވާނެ ހާރިޖީ ސިޔާދަތަކީ "ޕްރޯ-މޯލްޑިވްސް" ކަމަށެވެ. އެއީ، ރާއްޖޭގެ މަސްލަހަތު އަބަދުވެސް އިސްކުރާނެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަލް ޖަޒީރާ" އަށް އިންތިހާބީ ރައީސް ދެއްވި އިންޓަވިއުގެ ތެރެއިން: އިންޑިއާ ސިފައިންގެ މައްސަލަ ފުރަތަމަ ހަފުތާ ތެރޭ ހައްލުކޮށް ނިންމުމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި
މުއިއްޒު ބައްދަލު ކުރެއްވި ބައެއް ގައުމުތަކުގެ ސަފީރުން ވަނީ "ޕްރޯ-މޯލްޑިވްސް"ގެ ސިޔާސަތަށް މަރުހަބާ ވެސް ކިޔުއްވާފަ އެވެ.
މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއް ވެގެންދާނީ، ޖަވާބުދާރީކުރެވެނިވި، ސާފު ސަރުކާރަކަށް ކަމަށެވެ. އެއްވެސް ކަމެއް ސިއްރު ނުކޮށް، މީޑިއާއަށް ހުރިހާ މައުލޫމާތެއް ހިއްސާ ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި، ހިޔާލުފާޅުކުރުމުގެ ފުރުސަތު އެންމެ ފުޅާ ގޮތެއްގައި ރައްޔިތުންނަށް އޮންނާނެކަން ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ. އަދި، ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަން ކަށަވަރު ކުރުމަށް މަސައްކަތް ފައްޓަވާނެ ކަަމަށް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ބޭރުކުރުން ފުރަތަމަ 100 ދުވަހު!
އިންޑިއާގެ މައްސަލަ ހައްލުވާނީ ސުލްހަވެރިކޮށް: މުއިއްޒު
މުއިއްޒަށް، ޔާމީން ފާސް މާކްސް ދޭނީ ދެކަމެއް ކުރުމުން
ޗައިނާ-އިންޑިއާ ގަދަހިފުމުގައި ފިތޭކަށް ބޭނުމެއް ނޫން
ނަޝީދު ދެއްކެވި ވާހަކަތައް މުއިއްޒުގެ ވިސްނުމާ ހިލާފު!
ސިފައިން ބޭލުމުގެ ނިންމުމަށް އިހުތިރާމްކޮށް މަޝްވަރާއަށް
މުއިއްޒު ހުވާކުރާ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެނީ
އެންމެ ބޮޑެތި މައްސަލަތައް ހުރީ އިންޑިއާއާއެކު:މުއިއްޒު
ބޭރު ސިފައިން ބޭރުކުރަން ވޯޓު މުހިންމު: މުއިއްޒު
ސިފައިން ގެންދަން އިންޑިއާއިން ވެސް އިށީންނާނެ:މުއިއްޒު