Roadha Mihaaru
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ފުރަތަމަ ބައި)

ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ފުރަތަމަ ބައި)

12 މެއި 2020

ދިރިހުރި ޒަމީރަކާއި ބިރުވެތި ހިތެއް އޮވެގެން، އިންސާނާގެ ނަފްސުގައި ރިވެތި އަޚްލާޤީ ސިފަތައް ހަރުނުލާހާ ހިނދަކު އިންސާނުންގެ މެދުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކޮށް ހައްގުތައް ކަށަވަރު ކުރަން އުނދަގޫވާނެ އެވެ. ޤާނޫނާއި ގަވައިދުތައް ހުއްޓަސް ފުރިހަމަ ގޮތުގައި އެ ތަންފީޒެއް ނުކުރެވޭނެ އެވެ. މި ހަގީގަތް އިސްލާމް ދީން ވަރަށް ރަނގަޅަށް ގަބޫލު ކުރެ އެވެ. އެހެންވެ ދީނުގެ އެންމެހާ ހުކުމްތަކުގެ އަސާސީ އަމާޒެއްގެ ގޮތުގައި އަޚްލާޤީ ތަރުބިޔަތު ހިމެނެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މުޅި ރިސާލަތުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި އެކަލޭގެފާނު ހަދީސްކުރައްވާފައި ވަނީ "އަޚްލާޤުގެ ރިވެތި ސިފަތައް ފުރިހަމަ ކުރެއްވުން" ކަމަށެވެ. ރިވެތި އަޚްލާޤު ދަސްކޮށްދިނުމަށް އިސްލާމް ދީން އެކަށައަޅާފައިވާ ވަސީލަތްތަކުގެ ތެރޭގައި ޢިބާދާތުތައް ހިމެނެ އެވެ. އަދި މީގެ ތެރެއިން ވެސް ވަކިން ޚާއްޞަކޮށް ރޯދަ ވެގެންދަނީ މިކަމުގެ ވަރުގަދަ މަދަރުސާ އަކަށެވެ.

ދިރިހުރި ޒަމީރަކާއި ބިރުވެތި ހިތެއް އޮވެގެން، އިންސާނާގެ ނަފްސުގައި ރިވެތި އަޚްލާޤީ ސިފަތައް ހަރުނުލާހާ ހިނދަކު އިންސާނުންގެ މެދުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކޮށް ހައްގުތައް ކަށަވަރު ކުރަން އުނދަގޫވާނެ އެވެ. ޤާނޫނާއި ގަވައިދުތައް ހުއްޓަސް ފުރިހަމަ ގޮތުގައި އެ ތަންފީޒެއް ނުކުރެވޭނެ އެވެ. މި ހަގީގަތް އިސްލާމް ދީން ވަރަށް ރަނގަޅަށް ގަބޫލު ކުރެ އެވެ. އެހެންވެ ދީނުގެ އެންމެހާ ހުކުމްތަކުގެ އަސާސީ އަމާޒެއްގެ ގޮތުގައި އަޚްލާޤީ ތަރުބިޔަތު ހިމެނެ އެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މުޅި ރިސާލަތުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި އެކަލޭގެފާނު ހަދީސްކުރައްވާފައި ވަނީ "އަޚްލާޤުގެ ރިވެތި ސިފަތައް ފުރިހަމަ ކުރެއްވުން" ކަމަށެވެ. ރިވެތި އަޚްލާޤު ދަސްކޮށްދިނުމަށް އިސްލާމް ދީން އެކަށައަޅާފައިވާ ވަސީލަތްތަކުގެ ތެރޭގައި ޢިބާދާތުތައް ހިމެނެ އެވެ. އަދި މީގެ ތެރެއިން ވެސް ވަކިން ޚާއްޞަކޮށް ރޯދަ ވެގެންދަނީ މިކަމުގެ ވަރުގަދަ މަދަރުސާ އަކަށެވެ.

މިގޮތުން ރޯދައަކީ ސުލޫކާއި މުޢާމަލާތުގެ ގޮތުން ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާނެ ވަރަށް މުހިންމު އުސޫލުތަކަކާއި މަތިވެރި އަޚްލާޤީ ސިފަތަކެއްގެ މައްޗަށް އިންސާނާ ތަރުބިޔަތު ކޮށްދޭ އަޅުކަމެކެވެ. ރޯދައިގެ ރޫހާ އެކު އެ އަޅުކަން އަދާކުރެވޭ ނަމަ އޭގެ އެއް ނަތީޖާއަކަށް ވެގެންދާނީ އަޚްލާޤީ މުޢާހަދާއެއް އެކުލަވާލެވިގެން ދިއުމެވެ. ރޯދައިގެ މަގުސަދުތައް ފުރިހަމަވާނީ އޭރުންނެވެ. މި މުއާހަދާގައި ކޮންމެހެންވެސް އެކުލެވެން ޖެހޭނެ ކަންތައްތަކެއް ވެ އެވެ. މީގެ ތެރެއިން ފަސް ކަމެއް މި ލިޔުމުގައި ޚުލާޞާ ކޮށްލާނަމެވެ. ދެންހުރި އެހެން ކަންކަން އެހެން ލިޔުމެއްގައި ބަޔާން ކުރުމުގެ އުންމީދުގަ އެވެ.

ދޫރައްކާތެރިކުރުން

ދޮގުހެކި ދިނުމާއި (ނުވަތަ ދޮގުހެދުމާއި) އެއަށް އަމަލުކުރުން ދޫކޮށް ނުލެވޭނަމަ ރޯދަ އަށް ހުރުމަށޭ ކިޔާފައި ކެއިންބުއިން ދޫކޮށްލުމަކީ ﷲ ގެ ޙަޟްރަތުގައި އޭގެ އެއްވެސް ބޭނުމެއް ނެތް ކަމެއްކަން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާފައި ވެ އެވެ. (ބުޚާރީ). ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހަކު ނަމަ ހެޔޮބަސް ބުނުމަށް ނުވަތަ ހަނު ހުރުމަށް ވެސް އެކަލޭގެފާނު ނަޞޭހަތް ދެއްވާފައި ވެ އެވެ. (ބުޚާރީއާއި މުސްލިމް). ވީމާ ދޮގުހެދުމާއި، ދޮގުހެކި ދިނުމާއި، ހަޑިހުތުރުބަސްތައް ބޭނުންކުރުމާއި ލަޢުނަތަށް އެދުމާއި އަބުރުކަތިލުމާއި ޣީބަ ބުނުމާއި ދެބައުޑުވުން ފަދަ ދުލުގެ އެންމެހާ އާފާތްތަކުން ނަފްސު މިންޖު ކުރުމުގެ ތަމްރީނު ރޯދައިގެ އަޅުކަމުގެ ތެރެއިން ހާސިލު ކުރަން ޖެހޭނެ އެވެ.

ޙިލްމުވެރިވުމާއި ރުޅިމަޑުވުން

ޙިލްމުވެރިވުމަކީ މަޑުމައިތިރިކަމާއި މައާފުކުރުމާ އެކު ހިކުމަތްތެރި ގޮތުގައި ކަންކަން ކުރުމެވެ. ރޯދައަކީ އައްޑަނަ އަކަށް ވާއިރު ރޯދަ އަށް ހުންނަ އިރު އެއްވެސް މީހަކު ފާޙިޝްކަމެއް ނުކުރުމަށާއި ހަޅޭއްނުލެވުމަށާއި ހަޑިހުތުރު ބަސްތައް ނުބުނުމަށް ކީރިތި ރަސޫލާ އަމުރު ކުރައްވާފައިވެ އެވެ. އަދި އެހެންމީހަކު ތިމާއާ ދޭތެރޭ މިފަދަ ގޮތަކަށް ކަންކުރަން އުޅުނަސް ތިމަން މިހުރީ ރޯދައަށްކަން ހަނދާންކޮށް އެފަދަ ކަމަކަށް އަރައިނުގަތުމަށް އިރުޝާދު ދެއްވަ އެވެ. (ބުޚާރީ އާއި މުސްލިމް). އަދި ވަރުގަދަ މީހަކީ ހިފައި ގަދަވެގަންނަ މީހާ ނޫންކަމާއި ރުޅިއަންނަ ހިނދު ނަފްސު ކޮންޓްރޯލު ކުރާ މީހާ ކަންވެސް އެކަލޭގެފާނު ވަނީ ބަޔާން ކުރައްވައިފަ އެވެ. (ބުޚާރީ އާއި މުސްލިމް).

ވީމާ ރޯދައަށް ހުންނަ އިރު އަދި އެނޫން ވަގުތު ތަކުގައި ވެސް ރުޅިކޮންޓްރޯލުކޮށް މަޑުމައިތިރިކަމާ އެކު އަނެކުންނަށް ދޫދީގެން މުއާމަލާތު ކުރަން ދަސްކުރަން ޖެހެ އެވެ. ރުޅިއަންނަން ޖެހޭ ކަމަކާ ކުރިމަތިލާ ކޮންމެ ދަނޑިވަޅަކު، ޤިޔާމަތް ދުވަހުން ހުރިހާ މަޚްލޫޤުންގެ ކުރިމަތީ އެމީހަކަށް ގޮވާލެވި ޙޫރުލްޢީނުންގެ ތެރެއިން ބޭނުން ޙޫރަކު އިޚްތިޔާރު ކުރަން ފުރުސަތު ލިބޭ މީހަކަށް ވުމަށްޓަކައި ރުޅި ކޮންޓްރޯލް ކުރަން ހަނދާން ކޮށްލުން ބުއްދިވެރި ނުވާނެބާ އެވެ؟ ކީރިތި ރަސޫލާ ވަނީ މި އުފާވެރި ޚަބަރު ދެއްވައިފަ އެވެ. (އަޙްމަދާއި ތިރުމިޛީ އާއި އިބްނުމާޖާ).

މާފުކުރުމާއި ސަމާޙަތްތެރިވުން

ސަމާޙަތްތެރިވުމަކީ މާފުކުރުމުގެ އިތުރުން ހެޔޮކޮށް ހިތުމަށްޓަކައި ކަންކަމުގައި ދޫދިނުމެވެ. ރަމަޟާން މަހުގެ އެންމެ މުހިންމު ދުޢާގައި ﷲ ގެ ޙަޟްރަތުން އެދެނީ ﷲ އަޅަމެންނަށް ޢަފޫ ކޮށްދެއްވުމަށެވެ. މިކަމަށް އެދޭއިރު އަދި މިކަމަކީ އަހަރެމެން އެހާމެ ލޯބިކުރާ ކަމެއް ކަމަށް ވާއިރު މިކަން ކާމިޔާބު ވާނީ އަހަރެމެން އެހެން މީހުންނަށް މާފުކޮށްގެން ކަން ހަނދާން ކުރަން ޖެހެ އެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައި ވަނީ، "އަދި އެއުރެން ޢަފޫކޮށް މާފުކުރާހުށި ކަމެވެ! ﷲ ތިޔަބައި މީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައި މީހުން ނޭދެމުހެއްޔެވެ؟" (އައްނޫރު 22). ކީރިތި ރަސޫލާ ބަޔާން ކުރައްވާ ގޮތުގައި ޢަފޫ ކުރުމުގެ ސަބަބުން ޢިއްޒަތް ފިޔަވައި އެހެންކަމެއް ﷲ އަޅަކަށް އިތުރުކޮށް ނުދެއްވަވަ އެވެ. (މުސްލިމް).

އުޚުއްވަތްތެރިކަން ދެމެހެއްޓުމާއި ހިތާމަތަކުގައި ބައިވެރިވުން

މުއުމިނުންނަކީ އެކަކު އަނެކަކަށް އަޚުންނެވެ. (އަލްޙުޖުރާތު 10). އެކަކު އަނެކަކަށް އޯގާތެރިވުމާއި އަޅާލުމާއި ހަމްދަރުދީ ވުމުގައި މުއުމިނުންގެ މިސާލު ކީރިތި ރަސޫލާ ޖައްސަވާފައި ވަނީ އެއް ހަށިގަނޑެއްގެ މިސާލުގެ ގޮތުގަ އެވެ. މިގޮތުން ހަށިގަނޑެއްގެ އެންމެ ގުނަވަނަކަށް ވެސް ވޭނެއް ލިބިއްޖެ ނަމަ ދެން ހުރި ގުނަވަންތައް އެކަމުގައި ބައިވެރިވެ އެވެ. (މުސްލިމް) ރޯދައިގެ ތެރެއިން އުޚުއްވަތެރިކަން އިތުރުވާ އެތައް ކަމެއް ކުރެވިދާނެ އެވެ. އެއް ކަމަކީ ރޯދަވީއްލަން ދައުވަތު ދިނުމެވެ. މިކަމަކީ، ރޯދަވެރިޔާ އަށް ލިބޭ ސަވާބުން އެއްވެސް އުނިކަމެއް ނެތި ތިމާ އަށް އެ ރޯދަވެރިޔާ އަށް ލިބޭ މިންވަރަށް ސަވާބު ލިބިގެންދާނެ ކަމެއް ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ވަނީ ދެއްވައިފަ އެވެ. (އަޙްމަދު، ބައިހަޤީ ތިރުމިޛީ).

ހިތާމަތަކުގައި ބައިވެރިވުން (ނުވަތަ މުވާސާތު) އަކީ މުއުމިނުންގެ އަޚްލާޤުގެ ތެރޭ ހިމެނޭ ކަމެކެވެ. (އިބްރާހީމް ބުނު އަދްހަމް). ހިތާމަތަކުގައި އެތައް ގޮތަކަށް ބައިވެރިވެވިދާނެ އެވެ. މިގޮތުން ތައުޒިޔާ ކިޔުމާއި ހިތްވަރުދިނުމާއި ސީދާ އެކަމުގައި ހިއްސާވުން ފަދަ ކަންކަން ކުރެވިދާނެ އެވެ. މުޙައްމަދު ބުނު މުނާޛިރު ކިޔާ ބޭކަލަކު ވިދާޅުވި އެވެ. ތިމަން ޚަލީލުބުނު އަޙްމަދު އާ އެކުގައި އެއްފަހަރަކު ހިންގަވަމުން ދަނިކޮށް ތިމަންގެ ފައިވާނުގެ ވަދު ކެނޑުނެވެ. އެހިނދު ޚަލީލުބުނު އަޙްމަދު ފައިވާންޖޯޑުކޮޅު ބާލުއްވައި ހިންގަވަން ފެއްޓެވި އެވެ. ކީއްވެގެންތޯ ސުވާލު ދެންނެވުމުން ވިދާޅުވި އެވެ. "ކަލޭގެފާނަށް ދިމާވެފައިވާ ހާލަތުގައި ތިމަން ވެސް ބައިވެރިވާން ވެގެންނެވެ." ކީރިތި ރަސޫލާ ބަޔާންކުރައްވާ ގޮތުގައި އަޝްޢަރިއްޔީންގެ ތެރޭގައި ހުވަފަތް މީހުން ގިނަވެ ކާތަކެތި މަދުވެއްޖެ ނަމަ ހުރިހާ ގެއެއްގައި ހުރި އެއްޗެއް އެއްފޮތިގަނޑެއްގައި އެއްކޮށް ގެނެސް ދޮލަނގަކަށް އަޅައިގެން އެންމެންނަށް އެއްވަރަށް ބަހަ އެވެ. (ބުޚާރީ އާއި މުސްލިމް).

ހިތްތިރިވުން

ހިތްތިރިވުން (ނުވަތަ ތަވާޟުޢުވެރިވުން) އަކީ ﷲ ގެ ޙަޟްރަތުގައި މީހާގެ ގަދަރު އުފުލިގެންދާ ކަމެކެވެ. ރޯދައިގެ އަޅުކަމަކީ މި އިހުސާސް ގެނުވާ އަޅުކަމެކެވެ. މިގޮތުން ރޯދަހިފާ އިރު ﷲ ގެ ޙަޟްރަތުގައި މުއްސަނދިންނާއި ފަގީރުން، ވަޒީރުންނާއި ޚާދިމުން، ނަސަބުން މަތީމީހުންނާއި އާދައިގެ މީހުން ތަފާތެއް ނުވެވއެވެ. ބައެއް ސަލަފުން ވިދާޅުވާ ގޮތުގައި ރޯދައިގެ ހިކުމަތްތަކުގެ ތެރެއިން އެއް ހިކުމަތަކީ ވެސް ފުދުންތެރިންނަށް ނިކަމެތިންގެ ހާލު އިހުސާސް ކޮށްދިނުމެވެ. މިގޮތުން ރޯދަވީއްލާއިރު ވެސް އެކި ފެންވަރުގެ މީހުން އެއް ސުފުރާއެއް މަތީގައި ރޯދަވީއްލުމަކީ ވެސް އެދެވިގެންވާ ކަންކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއްވެސް މީހަކު އަނެއްގެ މައްޗަށް ބަޣާވާތް ނުކުރުމަށްޓަކައި އަދި އެކަކުވެސް އަނެކެއްގެ މައްޗަށް ބޮޑާވެ ނުގަތުމަށްޓަކައި އެންމެންވެސް ތަވާޟުޢުވެރި ވުމަށް ﷲ ވަޙީ ކުރައްވާ ކަމަށް ކީރިތި ރަސޫލާ ބަޔާން ކުރައްވަ އެވެ. (އަބޫދާއޫދު).

މި ފާހަގަކުރި ކަންކަމަކީ ރޯދައިގެ ތެރެއިން ދަސްކުރެވިދާނެ ކަންކަމެވެ. އެހެންކަމުން ރޯދަމަސް ނިމިގެންދާއިރު މިކަންކަމާއި އަދި މި ނޫންވެސް އަޚްލާޤީ އެހެން ކަންކަން ނަފްސުގައި ހަރުލެއްވުމަކީ ﷲ އަށް ތިމާއާ ދެމެދު ވެވޭ އަޙުދެއް ކަމުގައި ހަދަން މަސައްކަތް ކުރަން ޖެހެ އެވެ. (ނުނިމޭ)