Roadha Mihaaru
މުސީބާތުގެ ހާލަތުގައިވެސް ރޯދަމަހުގެ ހެޔޮކަން ލިބިގަތުން

މުސީބާތުގެ ހާލަތުގައި ވެސް ރޯދަމަހުގެ ހެޔޮކަން ލިބިގަތުން

24 އެޕްރީލް 2020

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މި އައީ މުޅި ދުނިޔެ ބަލިމަޑުކަމެއްގެ މުޞީބާތުގެ ހާލަތުގައި ވަނިކޮށެވެ. ފަރްޟު ނަމާދުތަކާއި ތަރާވީޙު ނަމާދާއި ދަމުނަމާދާއި ދީނީ ދަރުސްތަކާއި ރޯދަވީއްލުން ފަދަ ކަންކަން އެއްކޮށް ޖަމާޢަތުގައި ކުރުމަކީ ރަމަޟާން މަހުގައި ވަރަށް ޚާއްޞަ ކަމެކެވެ. ނަމަވެސް މިފަހަރު މިވަނީ ޖަމާޢާތުގައި މިކަންކަން ކުރުމުން މަޙްރޫމްވެފަ އެވެ. އެހެންނަމަވެސް މި މައްސަރާ ކުރިމަތިލާން ވާނީ ހޯދެން ހުރި ހުރިހާ ހެޔޮކަމެއް ލިބިގަތުމުގެ އަޒުމާ އެކު އެވެ.

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މި އައީ މުޅި ދުނިޔެ ބަލިމަޑުކަމެއްގެ މުޞީބާތުގެ ހާލަތުގައި ވަނިކޮށެވެ. ފަރްޟު ނަމާދުތަކާއި ތަރާވީޙު ނަމާދާއި ދަމުނަމާދާއި ދީނީ ދަރުސްތަކާއި ރޯދަވީއްލުން ފަދަ ކަންކަން އެއްކޮށް ޖަމާޢަތުގައި ކުރުމަކީ ރަމަޟާން މަހުގައި ވަރަށް ޚާއްޞަ ކަމެކެވެ. ނަމަވެސް މިފަހަރު މިވަނީ ޖަމާޢާތުގައި މިކަންކަން ކުރުމުން މަޙްރޫމްވެފަ އެވެ. އެހެންނަމަވެސް މި މައްސަރާ ކުރިމަތިލާން ވާނީ ހޯދެން ހުރި ހުރިހާ ހެޔޮކަމެއް ލިބިގަތުމުގެ އަޒުމާ އެކު އެވެ.

މި ދަނޑިވަޅުގައި ލާޒިމުވަނީ ﷲ މިންވަރު ކުރައްވާފައި މިވާ ގޮތަށް ރުހި، ސަބަބުތަކުގައި ހިފައިގެން ﷲ އަށް ވަކީލުކޮށް މިކަމުން މިންޖުވޭތޯ މަސައްކަތް ކުރުމެވެ. ހަމައެއާ އެކު، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވެ، އެއްހާސް މައްސަރަށް ވުރެ ހެޔޮ ރެއެއް އެކުލެވޭ ބަރަކާތްތެރި މަހުގެ ދުވަސްތަކާއި ރޭތައް ހެޔޮ ގޮތުގައި ވޭތުކުރެވޭތޯ ބެލުމެވެ. މިގޮތުން އެންމެ ސަމާލުކަން ދޭން ޖެހޭނީ ރޯދަ ހިފުމަށެވެ. ޝަރުޢީގޮތުން ރޯދަ ދޫކޮށްލުމުގެ އުޒުރު ލިބިގެންވާ ފަރާތްތައް ފިޔަވައި، ހަމައެކަނި ފުރަބަންދުގައިވުމުން ނުވަތަ ބިރުވެރިކަމެއްގެ ތެރޭގައި ވުމުން ރޯދަ ދޫކޮށްލަން ނުޖެހެ އެވެ. އަދިކިއެއްތަ، އެއީ ރޯދަހިފުމަށް އިތުރަށް ސަމާލުވާންވީ ސަބަބެކެވެ. ރޯދައާ އެކު އެހެން އަޅުކަންތައް ވެސް (ޖަމާއަތުގައި ނުވިއަސް) ހަމަ އަދާކުރެވޭނެ އެވެ. މީގެ އިތުރުން އަންނަނިވި ކަންކަމަށް ސަމާލުކަން ދެވިދާނެ އެވެ.

ސުލޫކު އިސްލާހުކޮށް، ގުޅުންތަކުގައި ވަޒަން ހިފެހެއްޓުން

ގުޅުންތަކުގައި ވަޒަން ހިފެހެއްޓުމަކީ ފަރުދީގޮތުން މީހެއްގެ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރަން ބޭނުންވާ ކަންކަމާއި، އެހެން މީހުންނަށްޓަކައި އަދާކޮށްދޭން ޖެހޭ ހައްގުތައް އަދާކުރުމާއި، މި ދެކަންތައް ފުރިހަމަވެގެން ދިއުމަށްޓަކައި ﷲ އަށް އަދާކުރަންޖެހޭ ހައްގުތައް ފުށުއެރުމެއް ނެތި އަދާކުރުމެވެ. މިކަންކަމުގައި ވަޒަން ނުހިފެހެއްޓެނީ ސުލޫކު ހެޔޮ ގޮތުގައި ނުބެހެއްޓޭތީ އެވެ. މާފު ކުރުމާއި ދީލަތިކަމާއި އަނެކާ އިސްކުރުން ފަދަ ކަންކަމުގެ ބަދަލުގައި އަމިއްލަ ނަފްސު އިސްކުރުމާއި ރުޅި ކޮންޓްރޯލު ނުކުރެވުމާއި އެދުންތަކަށް ދީލާލެވުމުންނެވެ. ރޯދައަކީ ތަޤުވާވެރިކަން އިތުރު ކުރާ އަޅުކަމަކަށްވާއިރު ސައްހަގޮތުގައި ރޯދަ ހިފައިފި ނަމަ މި ވަޒަން ހިފެހެއްޓުމަށް އެނބުރި އާދެވޭނެ އެވެ. އެހާރުން ސުލޫކު ހުންނާނީ އިސްލާހު ކުރެވިފަ އެވެ. އެކަމަކު މި އިސްލާހަށް ދާއިރު އަނެއްކޮޅުން ވެސް ހައްދުފަހަނަޅައި ގޮސްގެން ނުވާނެ އެވެ. އެފަދަ ގޮތަކަށް ދިއުން ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވަނީ އެކަލޭގެފާނުގެ ސުންނަތުގެ މިންތަކުން ބޭރުވުން ކަމުގަ އެވެ. (ބުޚާރީ).

ގާތްތިމާގެ ކަމުގެ ގުޅުންތައް ބަދަހިކުރުން

ފުރަބަންދުގައި ތިބުމުގެ ސަބަބުން ވަކިވަކިން އުޅެން ޖެހުނަސް އެކުގައި އުޅޭ އެންމެންގެ މެދުގައި ވަރަށްބޮޑަށް ގުޅުންތައް ބަދަހި ކުރެވިދާނެ އެވެ. އަޅުކަންތައް ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެވިދާނެ އެވެ. މިގޮތުން ނަމާދު ކުރުމާއި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ފަދަ ކަންކަން އެކީ އަދާ ކުރެވިދާނެ އެވެ. އަދި މިކަމުގައި އެކަކު އަނެކަކަށް ވަސިއްޔަތް ކުރެވިދާނެ އެވެ. އަދި ދުރުގައި ތިބި ޢާއިލާގެ މީހުންނަށް ވެސް ތަފާތު ވަސީލަތްތަކުގެ ބޭނުން ކޮށްގެން މިކަންކަމަށް ހިތްވަރުދީ ގުޅުން ބަދަހި ކުރެވިދާނެ އެވެ.

ޞަދަޤާތް ކުރުމާއި އިޤުތިޞާދު ކުރުން

ޒަކާތުގެ އިތުރުން ޞަދަޤާތް ކުރުމަކީ މުޞީބާތްތަކުގައި ދަރުމަ އިތުރުވާނެ ކަމެކެވެ. ކީރިތި ރަސޫލާ ޙަދީސް ކުރައްވާ ގޮތުގައި އަވައްޓެރިއަކު ބަނޑުހައިކަމުގައި އުޅޭކަން އެނގޭ ހާލު ތިމާ ބަނޑުފުރާލައިގެން ހުރުމަކީ އީމާންކަން ގެއްލިގެންދާ ކަމެކެވެ. (އައްޠަބަރާނީ). މިއީ އާންމު ހާލަތުގައި މިކަން އޮތްގޮތް ކަމަށް ވާއިރު މިފަދަ ދަނޑިވަޅެއްގައި މިކަމުގައި އެހީވުން ހަމަ ޔަގީނުންވެސް މަންފާ ބޮޑުވާނެ އެވެ. އެހެނީ މިއީ އެފަދަ އެހީއަކަށް އެންމެ ބޭނުންތެރި ދަނޑިވަޅެވެ. މި ދަނޑިވަޅުގައި އެކަން ކުރުމުން ހާލުގައި ޖެހިފައިވާ މީހަކަށް އެ ހާލުން އަރައިގަނެވުނީ އެވެ. ދަތިކަމެއް ލިބިފައިވާ މީހަކަށް ފަސޭހައެއް ކޮށްދެވުނީ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހިތުގައި ތިމާއަށް ޚާއްޞަ ގަދަރެއް ދެވިގެންދާނެ އެވެ. އަދި ތިމާއަށް ކަމެއް ދިމާވުމުން އެހީތެރިވާން އަޒުމް ކަނޑައަޅާނެ އެވެ. އަދި މިއީ، ކީރިތި ރަސޫލާ ބަޔާން ކުރައްވާ ގޮތުގައި، ﷲ ގެ ކޯފާއިން ސަލާމަތްވެ ނުބައި ގޮތްގޮތަށް މަރުވެދިއުމުން މީހާ ސަލާމަތްވެގެންދާނެ ކަމެކެވެ. (އައްތިރުމިޛީ). ހޭދަކުރުމުގެ ވާހަކަދައްކާއިރު އިޤުތިޞާދު ކުރުމަށް ވެސް ސަމާލުކަން ދޭން ޖެހޭނެ އެވެ. އާންމުކޮށް ރަމަޟާން މަސް ވާންޖެހޭނީ އެންމެ ޚަރަދު ކުޑަ މަހަށެވެ. ނަމަވެސް އަޅުގަނޑުމެންގެ އާދަކާދަ ހުންނަނީ އެއާ ޚިލާފަށެވެ. މި ފަހަރު މިއީ މި ނުބައި އާދަ ދޫކޮށްލަން އަޒުމް ކަނޑައަޅަން ވަރަށް ރަނގަޅު ފަހަރެކެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ފުދުންތެރިކަމަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ބުނަމުންދެ އެވެ. ވީއިރު މިހިސާބަށް ދިއުމުގެ ކުރިން މިފަހަރު ދީނީ އިރުޝާދުތަކަށް އިސްކަން ދިނުން ބުއްދިވެރި އެވެ.

މާލެ: މޭ 6، 2019- މުލަ ރޯދަ ދުވަހުގެ މެންދުރު ނަމާދު އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ: މޭ 6، 2019- މުލަ ރޯދަ ދުވަހުގެ މެންދުރު ނަމާދު އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން

ފުރަބަންދެއްގައި ތިބުމުގެ ސަބަބުން ގިނަ ފަހަރަށް ވާ ގޮތަކީ ލިބޭ ވަގުތު އެންމެ ފައިދާހުރި ކަންކަމުގައި ބޭނުންކުރެވޭ ގޮތް ނުވުމެވެ. ސޯޝަލް މީޑިއާ އަކީ މިއަދު އެއިން ދުރަށް ދެވެން ނެތް ވަސީލަތެކެވެ. ޚާއްޞަކޮށް މި ދަނޑިވަޅުގައި އޭގެ ބޭނުން މުހިންމު ވެސް މެ އެވެ. އެކަމަކު މި ވަސީލަތް ބޭނުންކުރަންވީ ގުޅުންތައް ވަރުގަދަ ކުރުމަށެވެ. މީހުންގެ އައިބުތައް ކިޔާކަށް ނުވަތަ ދެބައުޑުވާކަށް ނޫނެވެ. ހިތްތަކަށް ބިރުވެރިކަން ވަންނަ ވާހަކަތަކާއި ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާކަށް ނޫނެވެ. ހައްގަށާއި ކެތްތެރިކަމަށް ވަސިއްޔަތް ކުރުމަކީ ގެއްލުމާއި ހަލާކުން ސަލާމަތްވާން އޮތް ޝަރުތުތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. މިކަމަށް އެންމެ ރަނގަޅު ދަނޑިވަޅަކީ މި އެވެ. އަދި ސޯޝަލް މީޑިއާ ނޫން ވަސީލަތްތަކުން ވެސް މަންފާއެއް ނެތް ކަންކަމުގައި ވަގުތު ނަގާލުން ބުއްދިވެރިއެއް ނޫނެވެ. ޚާއްޞަކޮށް ﷲ ނަހީ ކުރައްވާފައިވާ ކަންކަމަށް ބާރުލިބޭ ފަދަ ކަމެއްގައި ނަމަ އޭގެ ނުރައްކާތެރިކަން ބޮޑެވެ. ރަމަޟާން މަހަށް ވުމުގެ އިތުރުން މުޞީބާތެއްގައި އުޅޭ ވަގުތަކަށް ވުމުން ﷲ އަށް ރުޖޫޢަވުމަށް އަވަސްވެ ގަންނަން މިއަށްވުރެ ފަހި ދުވަސްވަރެއް ނެތެވެ.

ކޮންމެ މީހަކުވެސް އެމީހަކަށް ހުޅުވިފައިވާ ދާއިރާއިން ހެޔޮކަންތައް ކުރުން

އައްޛަހަބީ ގެ "ތާރީޚުލް އިސްލާމް" ފޮތުގައިވެ އެވެ. އަޅުވެރި ޢަބްދުﷲ އަލްޢުމްރީ އިމާމް މާލިކަށް ލިޔުއްވައި، އެކަހެރިވެ އަޅުކަމަށާއި އަމިއްލަ މަސައްކަތްޕުޅުތަކަށް ވަގުތު ނެންގެވުމަށް ދެންނެވި އެވެ. އެއީ، އިމާމް މާލިކުގެ އަރިއަހަށް މީސްތަކުން ޢިލްމު އުނގެނެން ދާލެއް ގިނަކަމުންނެވެ. ޖަވާބުގައި އިމާމް މާލިކު ލިޔުއްވި އެވެ. "ﷲ މީސްތަކުންނަށް ރިޒުޤު ލިޔުއްވާފައިވާ ފަދައިން މަސައްކަތްތައް ވެސް ވަނީ ލިޔުއްވައިފަ އެވެ. ފަހެ މީހަކަށް ނަމާދު ގިނަކުރަން ﷲ މަގު ހުޅުއްވާފައި ރޯދަހިފުން ގިނަކުރަން މަގުހުޅުއްވާފައި ނުވެދާނެ އެވެ. އެހެން މީހަކަށް ޞަދަޤާތް ގިނަކުރަން މަގު ހުޅުއްވާފައި ރޯދަހިފުން ގިނަކުރަން މަގުހުޅުއްވާފައި ނުވެދާނެ އެވެ. އެހެން މީހަކަށް ޖިހާދުކުރަން މަގު ހުޅުއްވާފައި ވެދާނެ އެވެ. ޢިލްމު ފެތުރުމަކީ އެންމެ މާތް ޢަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ތިމަންކަލޭގެފާނަށް ﷲ ހުޅުއްވައިދެއްވާފައި މިވާ މަގަށް ތިމަންކަލޭގެފާނު ރުހިވަޑައިގަންނަވަމެވެ. އަދި ކަލޭގެފާނަށް ތިޔަ ފަހިވެފައިވާ މަގަށް ވުރެ ތިމަންކަލޭގެފާނަށް ފަހިވެފައި މިވާ މަގު ދަރަޖައިގެ ގޮތުން ދަށްކަމަކަށް ނުދެކެމެވެ. ތިމަންކަލޭގެފާނުގެ އުންމީދަކީ ތިމަންމެން ދެ މީހުން ވެސް ހެޔޮކަމުގެ މަތީގައި ވެގެންވުމެވެ." މިއިން އެނގެނީ، ހެޔޮ ޢަމަލު ކަނޑައެޅުމުގައި ގާބިލުކަމާއި، ހާލަތްތައް ތަފާތު ވުމުން އެކިމީހުން ތަފާތުވެގެންދާނެ ކަމެވެ.

ކީރިތި ރަސޫލާ ޙަދީސް ކުރައްވާ ގޮތުގައި އަވައްޓެރިއަކު ބަނޑުހައިކަމުގައި އުޅޭކަން އެނގޭ ހާލު ތިމާ ބަނޑުފުރާލައިގެން ހުރުމަކީ އީމާންކަން ގެއްލިގެންދާ ކަމެކެވެ.

މި ފުރަބަންދުގެ ހާލަތުގައި ބަލި ފެތުރުނަ ނުދިނުމަށާއި ބަލިވާ މީހުންނަށް އަޅާލުމަށް ކުރެވޭ މަސައްކަތް ކުރުމަށް ގާބިލުކަން ﷲ ދެއްވާފައިވާ މީހުން އެ މީހަކަށް ލިބިފައިވާ ގާބިލުކަމުގެ ދާއިރާއިން މަސައްކަތް ކުރުމުން އެއީ އެ މީހަކަށް ކުރެވޭނެ އެންމެ ހެޔޮ ކަންތަކެވެ. އެމީހުންގެ އެ މަސައްކަތުގެ ސަބަބުން، ފަރުޟު ނޫން އަޅު ކަންކަމަށް ވަގުތު ނުލިބުނަސް ހެޔޮ ކަންތަކުން މަޙްރޫމެއް ނުވާނެ އެވެ. މިގޮތަށް ކޮންމެ މީހަކުވެސް އެމީހަކަށް ﷲ ހުޅުވައިދެއްވާފައިވާ ދޮރަކުން ވަދެގެން ހެޔޮކަންތައް ކުރެވޭނެ އެވެ.

އާދެ، މިއީ މި ދަތި އަދި ނުރައްކާތެރި ދަނޑިވަޅުގައި ބަރަކާތްތެރި ރަމަޟާން މަހާ ކުރިމަތިލާއިރު ވިސްނާލެވިދާނެ ބައެއް ކަންކަމެވެ. ބަލަންވީ ވޭތުވެދިޔަ ދުވަސްތަކުގައި ސުލޫކަށާއި ތަޤުވާވެރިކަމަށް އައިސްފައިވާ ހީނަރުކަން މި ނުރައްކާތެރި ދަނޑިވަޅުގެ ބޭނުން ހިފައިގެން ނައްތާލަން މަސައްކަތް ކުރުމަށެވެ. އާދެ، ނަފްސު އިސްލާހުކޮށް ތަޤުވާވެރިކަން އިތުރު ކުރުމަށެވެ.