07 މެއި 2020
އިޚްތިޔާރީ ސުލޫކެއް އިންސާނާގެ ކިބައިން ފެނުމަށްޓަކައި ބޭނުންވާ އެންމެ ފުރަތަމަ ފިޔަވަޅަކީ، އެ ސުލޫކާ ގުޅޭ ފިކުރު ސިކުނޑިން ގަބޫލުކޮށް އެކަމަށް ކަށަވަރުކަން ލިބުމެވެ. ދެވަނަ ފިޔަވަޅަކީ، ސިކުނޑިން ފޮނުވާ ފިކުރު، ހިތުން ބަލައިގަތުމާއި އެއަށް ރުހުން ލިބުމެވެ. މި ދެ ފިޔަވަޅާ ބެހޭ ގޮތުން ކުރީގެ ދެ ލިޔުމެއްގައި އަލިއަޅުވާލާފައި ވާނެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ސުލޫކު ބައްޓަން ކުރުމުގެ އެންމެ ފަހު ފިޔަވަޅާ ބެހޭ ގޮތުންނެވެ. އެއީ ގުނަވަންތަކަށް ހިތުން ނެރޭ އަމުރާ އެއްގޮތަށް ސުލޫކު ތަންފީޒު ކުރުމަށް ނަފްސު ތައްޔާރަށް ހުރުމާއި އެކަމުގައި އިޚްލާޞްތެރި ވުމެވެ. ޝައިޠާނުން އެދޭ ގޮތަށް އިންސާނާގެ އަމަލުތައް ބައްޓަން ކުރުވާ ގޮތް ﷲ ގެ ވަޙީ ބަސްފުޅުގައި (އަލްއަންޢާމް 113) ބަޔާން ކުރައްވާފައިވާ އިރު ޝައިޠާނާ ވަސްވާސް ދީގެން ފުރަތަމަ ކުރުވާ ކަމަކީ އިންސާނުންގެ ހިތްތައް އެ ވަސްވާސްތަކަށް ލެންބުމެވެ. ދެވަނައަށް ކުރުވާ ކަމަކީ އެ ވަސްވާސްތަކަށް ރުހި ގަބޫލުކުރުވުމެވެ. މި ދެ ކަންތައް ކާމިޔާބުވެއްޖެ ނަމަ ޝައިޠާނާ ހާސިލުކުރަން ބޭނުންވާ ނަތީޖާ ލިބޭނެ އެވެ. އާޔަތުގައި ތިންވަނަ ކަމަކަށް ބަޔާންކޮށްފައި ވަނީ އެކަމެވެ. އެއީ އިންސާނުންގެ ނަފްސުތައް ޝައިޠާނާ އަށް އިޚްލާޞްތެރި ކުރުވައި ގުނަވަންތަކުން އުރެދުންތަކަށް އަރައިގަންނަމުން ދިއުމެވެ.
އިޚްތިޔާރީ ސުލޫކެއް އިންސާނާގެ ކިބައިން ފެނުމަށްޓަކައި ބޭނުންވާ އެންމެ ފުރަތަމަ ފިޔަވަޅަކީ، އެ ސުލޫކާ ގުޅޭ ފިކުރު ސިކުނޑިން ގަބޫލުކޮށް އެކަމަށް ކަށަވަރުކަން ލިބުމެވެ. ދެވަނަ ފިޔަވަޅަކީ، ސިކުނޑިން ފޮނުވާ ފިކުރު، ހިތުން ބަލައިގަތުމާއި އެއަށް ރުހުން ލިބުމެވެ. މި ދެ ފިޔަވަޅާ ބެހޭ ގޮތުން ކުރީގެ ދެ ލިޔުމެއްގައި އަލިއަޅުވާލާފައި ވާނެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ސުލޫކު ބައްޓަން ކުރުމުގެ އެންމެ ފަހު ފިޔަވަޅާ ބެހޭ ގޮތުންނެވެ. އެއީ ގުނަވަންތަކަށް ހިތުން ނެރޭ އަމުރާ އެއްގޮތަށް ސުލޫކު ތަންފީޒު ކުރުމަށް ނަފްސު ތައްޔާރަށް ހުރުމާއި އެކަމުގައި އިޚްލާޞްތެރި ވުމެވެ. ޝައިޠާނުން އެދޭ ގޮތަށް އިންސާނާގެ އަމަލުތައް ބައްޓަން ކުރުވާ ގޮތް ﷲ ގެ ވަޙީ ބަސްފުޅުގައި (އަލްއަންޢާމް 113) ބަޔާން ކުރައްވާފައިވާ އިރު ޝައިޠާނާ ވަސްވާސް ދީގެން ފުރަތަމަ ކުރުވާ ކަމަކީ އިންސާނުންގެ ހިތްތައް އެ ވަސްވާސްތަކަށް ލެންބުމެވެ. ދެވަނައަށް ކުރުވާ ކަމަކީ އެ ވަސްވާސްތަކަށް ރުހި ގަބޫލުކުރުވުމެވެ. މި ދެ ކަންތައް ކާމިޔާބުވެއްޖެ ނަމަ ޝައިޠާނާ ހާސިލުކުރަން ބޭނުންވާ ނަތީޖާ ލިބޭނެ އެވެ. އާޔަތުގައި ތިންވަނަ ކަމަކަށް ބަޔާންކޮށްފައި ވަނީ އެކަމެވެ. އެއީ އިންސާނުންގެ ނަފްސުތައް ޝައިޠާނާ އަށް އިޚްލާޞްތެރި ކުރުވައި ގުނަވަންތަކުން އުރެދުންތަކަށް އަރައިގަންނަމުން ދިއުމެވެ.
ސިކުނޑިން ފިކުރެއް ގަބޫލު ކުރިޔަސް އެ ފިކުރަށް ޔަގީންކަން ނުލިބޭނަމަ ހިތާ ހަމައަށް އެ ނުފޯރާނެ ކަމާއި އެހެންވިއްޔާ އެއާ ގުޅޭ ސުލޫކު ވެސް ނުފެންނާނެ ކަމަށް ކުރީގެ ލިޔުމުގައި ފާހަގަ ކޮށްފައިވާނެ އެވެ. އަދި، ޔަގީންކަން ލިބިގެން ހިތަށް ފޮނުވާ ފިކުރެއް ވެސް ހިތުން ބަލައިނުގަނެ، ރުހުން ނުލިބިއްޖެ ނަމަ ސުލޫކު ނުފެންނާނެ ކަމަށް ދެވަނަ ލިޔުމެއްގައި ފާހަގަ ކުރީމެވެ. ހަމަ މި އުސޫލުން، ހިތުން ބަލައިގަނެ ރުހުން ލިބޭ ފިކުރަކާ ގުޅޭ ސުލޫކު ތަންފީޒު ކުރަން ގުނަވަންތަކަށް އަމުރު ކުރިޔަސް ނަފްސު އެކަމަށް ތައްޔާރުނުވެދާނެ އެވެ. ނުވަތަ އިޚްލާޞްތެރި ނުވެ ހިނގައިދާނެ އެވެ. އެހެންވިއްޔާ އަދިވެސް ސުލޫކު ނުފެންނާނެ އެވެ. މިހެން މިވަނީ ކީއްވެހެއްޔެވެ؟
މީގެ ސަބަބަކީ އިންސާނާގެ ނަފްސު އެކަމަށް ތައްޔާރުވެފައި ނުވުމެވެ. ނަފްސު ތަހުޒީބު ނުވެ ދަށު ދަރަޖައެއްގައި ވުމެވެ. ﷲ އިންސާނާގެ ނަފްސު ހައްދަވައި ފުރިހަމަ ކުރައްވާފައި ވަނީ ނަފްސަށް ގެއްލުންހުރި ނުބައި ގޮތާއި ފައިދާހުރި ހެޔޮގޮތް އިލްހާމު ކުރެވިގެންވާ ގޮތުގަ އެވެ. ނަފްސު ޠާހިރު ކޮށްފިނަމަ ކާމިޔާބު ވާ ގޮތުގަ އެވެ. އަދި ނަފްސަށް އުނިކަން ދީފިނަމަ ނާކާމިޔާބު ވާ ގޮތުގަ އެވެ. (އައްޝަމްސު 7-10). އެހެންވީމާ ހިތުން ރުހުންދޭ ފިކުރަކަށް ރުހުންދިނުން ބިނާވެފައި އޮންނަނީ ހަވާނަފްސުގެ މައްޗަށް އީމާންކަން ހޯދާ ކާމިޔާބުން ކަމަށް ވިއަސް އަދި ހަމަ ފަހަރެއްގައި ސުލޫކު ނުފެނިދާނެ އެވެ. ނުވަތަ ސުލޫކު ފެނުނަސް އެކަން ދެމި ނުހުރެ ހިނގައިދާނެ އެވެ. ސަބަބަކީ ނަފްސު އަބަދުވެސް ލޯބި ކުރާނީ ޝަހުވަތަށެވެ. ބޭނުންވާނީ ރާހަތާއި ލައްޒަތެވެ. އުންމީދު ކުރާނީ އެހެން އެންމެންނަށް ވުރެ ކޮންމެ ކަމެއްގައި ވެސް ފާހަގަވާށެވެ. އެހެންމީހުންގެ ފަރާތުން ތައުރީފު ލިބުމަށެވެ. ވީމާ ނަފްސު އޭގެ ސާހިބު މީހާ އަށް ބާރުއަޅާނީ ބުރަ ނޫފުލުމަށެވެ. ޝަހުވަތާ އިދިކޮޅަށް މަސައްކަތް ނުކުރުމަށެވެ. ކަންފަސޭހަ ގޮތް އިޚްތިޔާރު ކުރުމަށެވެ.
މި ހިސާބުން އަނެއްކާވެސް ސިކުނޑިއާއި ހިތުގެ ފިޔަވަޅުތަކަށް އެނބުރި ދާން ޖެހެއެވެ. އެއީ ބޭނުންވާ ސުލޫކުގެ މުހިންމުކަމުގެ ފިކުރު ސިކުނޑީގައި ޔަގީންކޮށް އެ މުހިންމުކަން ހިތުން ބަލައިގަނެ ރުހުންދީ ނަފްސު ލައްވައި އެ ސުލޫކު ތަންފީޒު ކުރުވަން މަސައްކަތް ކުރުމުގެ ބާރު ގަދަ ކުރުމަށެވެ. އޭރުން އިޚްލާޞްތެރި ކަމާ އެކު އެ ސުލޫކު ތަންފީޒު ކުރަން ނަފްސު އަދި ތައްޔާރު ވެފައި ނެތަސް އެކަމަށް ނަފްސު ހާނުވަން މަސައްކަތް ފެށޭނެ އެވެ. އިސްލާމީ ނަޒަރުން ބަލާއިރު މި މަސައްކަތަށް ކިޔަނީ ނަފްސު ތަޒުކިޔާ ކުރުމެވެ. ނުވަތަ ތާހިރުކޮށް ތަހުޒީބު ކުރުމެވެ. މިއީ ކީރތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތުގެ މައިގަނޑު އެއް މަސައްކަތެވެ. އެހެންވެ މިކަމުގެ ވަސީލަތްތައް އިސްލާމް ދީން ގެނެސްދީފައި ވެ އެވެ.
މިގޮތުން އެއް ވަސީލަތަކީ އީމާންކަމެވެ. އީމާން ކަމަކީ ﷲ ގެ ރައްބުވަންތަކަމާއި އިލާހުވަންތަކަމާއި އަދި މީގެ ދަށުން ދެން ގަބޫލު ކުރަން ޖެހޭ އެންމެހާ ކަންކަމާ ގުޅޭ ފިކުރުތައް ސިކުނޑިން ގަބޫލުކޮށް އެއަށް ކަށަވަރުކަން ދިނުމަށް ފަހު ހިތުން އެކަންކަން ބަލައިގަނެ ރުހުމެވެ. ދެވަނަ ވަސީލަތަކީ، ތަޤުވާވެރިކަމެވެ. ތަޤުވާ އަކީ އީމާންކަމާއި އެއަށް ބޯލެނބުމާ (ނުވަތަ އިސްލާމްވުމާ) އެއްގޮތްވާ ގޮތުގެ މަތިން ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލިވުމަށް ހިތުގައި އުފެދޭ ޖަޒުބާތުތަކާއި އެއާ ގޮތަށް ނަފްސު ހޭނުވުމަށް ހިތުގައި އުފެދިގެންދާ ބާރެވެ. އީމާންކަމާއި ތަޤުވާ އެއްވުމުން ނަފްސު ކޮންމެ ދަރަޖައެއްގައި އޮތަސް އެ ތަޒުކިޔާކޮށް ދަރަޖަ މަތި ކުރަން ފެށޭނެ އެވެ. މިގޮތުން ނުބައިކަމަށް އަމުރުކުރާ ނަފްސު (ނަފްސުލް އައްމާރާ) ގެ ދަރަޖައިގައި ވާނަމަ ކުށްވެރިކުރާ ނަފްސު (ނަފްސުއް ލައްވާމާ) ގެ ދަރަޖަ އަށް އަދި އޭގެ ފަހުން ހަމަޖެހިގެންވާ ނަފްސު (ނަފްސުލް މުޠްމައިންނާ) ގެ ދަރަޖައަށް ވާސިލުވާން ނަފްސު ހޭނުވުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
ތިންވަނަ ވަސީލަތަކީ، ހެޔޮ ޖަޒާ އާއި ނުބައި ޖަޒާ އެވެ. އެއީ ހިތްވަރު ދިނުމާއި އަދަބު ދިނުމެވެ. އާޚިރަތް ދުވަސް ލައްވައި، ޖަޒާ ލިބޭ ގޮތަށް ﷲ ކަނޑައަޅުއްވާފައި ވުމުން މިއީ އިންސާނާގެ ނަފްސު ތަހުޒީބު ކުރަން ލިބޭ ވަރަށް ވަރުގަދަ ބާރެކެވެ. ނަފްސާނީ ޢިލްމުގައި ސުލޫކު ބަދަލުކުރުމުގެ ވާހަކަ ދައްކާއިރު އެންމެ މުހިންމު ވާހަކައަކީ ރިއިންފޯސްމަންޓް އާއި ޕަނިޝްމަންޓްގެ ވާހަކަ އެވެ. އެއީ ދަމަހައްޓަން ބޭނުންވާ ސުލޫކު، ރިއިންފޯސްމަންޓްގެ އެހީގައި ވަރުގަދަ ކުރެވޭތީ އެވެ. އަދި ނައްތާލަން ބޭނުންވާ ސުލޫކު، ޕަނިޝްމަންޓްގެ އެހީގައި ނިކަމެތި ކުރެވޭތީ އެވެ. މިގޮތުން ސުވަރުގެ އާއި ނަރަކަ އަކީ، އަދި އިސްލާމްދީނުގައި ކަނޑައެޅިފައިވާ ދުނިޔަވީ އުގޫބާތްތަކަކީ ސުލޫކު ބައްޓަން ކުރުމުގެ މުހިންމު ވަސީލަތްތަކެވެ.
ހަތަރުވަނަ ވަސީލަތަކީ، އިސްލާމްދީނުގައިވާ ޢިބާދާތެވެ. ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖާއި ދުޢާ އާއި ޒިކުރު ފަދަ އަޅުކަންތައްތަކަކީ ތަޤުވާވެރިކަން އިތުރުކުރާ ކަންކަމެވެ. އެހެންކަމުން ނަފްސު ތަޒުކިޔާ ކުރުމަށް ވެސް މިކަންކަމުން އެހީވެދޭނެ އެވެ. މި ނޫނަސް އިތުރު ވަސީލަތްތައް ނަފްސު ތަޒުކިޔާ ކުރުމަށް އިސްލާމް ދީނުގައި ވެ އެވެ. ނަފްސު ތަޒުކިޔާ ކޮށްގެން މެނުވީ ސުލޫކު ބައްޓަން ނުކުރެވޭނެ އެވެ.
އީމާންކަމާއި ތަޤުވާ އެއްވުމުން ނަފްސު ކޮންމެ ދަރަޖައެއްގައި އޮތަސް އެ ތަޒުކިޔާކޮށް ދަރަޖަ މަތި ކުރަން ފެށޭނެ އެވެ. މިގޮތުން ނުބައިކަމަށް އަމުރުކުރާ ނަފްސު (ނަފްސުލް އައްމާރާ) ގެ ދަރަޖައިގައި ވާނަމަ ކުށްވެރިކުރާ ނަފްސު (ނަފްސުއް ލައްވާމާ) ގެ ދަރަޖަ އަށް އަދި އޭގެ ފަހުން ހަމަޖެހިގެންވާ ނަފްސު (ނަފްސުލް މުޠްމައިންނާ) ގެ ދަރަޖައަށް ވާސިލުވާން ނަފްސު ހޭނުވުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
ބޭނުންވާ ސުލޫކަށް ނަފްސު ހޭނުވުމުގެ މަސައްކަތް ކުރަމުން ދާއިރު އަދި ސަމާލުވާން ޖެހޭ އެހެންކަމެއް އެބައޮތެވެ. އެއީ ނަފްސު ރުހިގެން އެކަން ނުކުރާތީވެ ހިތުގެ އަމުރުތަކަށް ނަފްސު މުޅިން ބޯނުލަނބާނެ ކަމެވެ. އެހެންކަމުން ނުރުހުމުގައި އެ ދައްކައިދޭ ސުލޫކުން ވެސް ނަފްސަށް މަންފާއެއް ލިބޭތޯ ބަލާނެ އެވެ. އެއީ ނަފްސުގެ އަގު އެހެން މީހުންގެ ކުރިމަތީ އުފުލިފައި އެ މީހުންގެ ފަރާތުން ތައުރީފު ހޯދުމަށް މަސައްކަތް ކުރުމެވެ. އާދެ، ކަންދެއްކުމެވެ. ކަންދެއްކުމަކީ ނަފްސަށް ހަމަޖެހުމެއް ލިބޭ ކަމެކެވެ.
ކަންދެއްކޭ ގޮތް ނުވެއްޖެ ނަމަ އަމިއްލަ ނަފްސަށް އެކަމާ ފަޚުރުވެރިވެ ބޮޑާވެގެން ނަމަވެސް ނަފްސަށް ހަމަޖެހުމެއް ލިބޭތޯ ބަލާނެ އެވެ. މިގޮތަށް ބޮޑާވުމަކީ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އޭރުން އޭނާގެ ސުލޫކު ރަނގަޅުވެގެން ދިއުން ނިސްބަތް ކުރާނީ އަމިއްލަ ނަފްސަށެވެ. ﷲ ގެ ހިދާޔަތާއި ތައުފީޤު ލިބުނުކަން ހަނދާން ނެތޭނެ އެވެ. މިއީ އަމިއްލަ ނަފްސަށް އަޅުވެތިވުން ފަދަ ކަމެކެވެ. މިގޮތަށް ބޮޑާވުމާއި ކަންދެއްކުމަކީ އިޚްލާޞްތެރިކަން ނިގުޅައިގަންނާނެ ކަންކަމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާ ގޮތުގައި އަމިއްލަ ނަފްސަށް ބޮޑާވުމަކީ އިންސާނާ ހަލާކު ކޮށްލާ ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އައްޠަބަރާނީ). ޙުނައިނު ހަނގުރާމާގައި މުސްލިމުންގެ ލަޝްކަރު ބައިގިނަވެގެން އެކަމާ ބޮޑާވެ ހެއްލުންތެރިވީ ހިނދު އެ ބައިގިނަކަމުން އެއްވެސް ކަމެއް ފުދިގެން ނުދިޔަ އެވެ. އޭގެ ބަދަލުގައި ތަނަވަސްކޮށް އޮތް ބިން އެމީހުންނަށް ދަތިވެގެން ދިޔައީ އެވެ. ހަނގުރާމައަށް ފުރަގަސްދީ ފިލަން ދުއްވައިގަތީ އެވެ. (އައްތައުބާ 25).
ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ބަޔާން ކުރައްވާ ގޮތުގައި އަމިއްލަ ނަފްސަށް ބޮޑާވުމަކީ އިންސާނާ ހަލާކު ކޮށްލާ ކަންތައްތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. (އައްޠަބަރާނީ). ޙުނައިނު ހަނގުރާމާގައި މުސްލިމުންގެ ލަޝްކަރު ބައިގިނަވެގެން އެކަމާ ބޮޑާވެ ހެއްލުންތެރިވީ ހިނދު އެ ބައިގިނަކަމުން އެއްވެސް ކަމެއް ފުދިގެން ނުދިޔަ އެވެ. އޭގެ ބަދަލުގައި ތަނަވަސްކޮށް އޮތް ބިން އެމީހުންނަށް ދަތިވެގެން ދިޔައީ އެވެ. ހަނގުރާމައަށް ފުރަގަސްދީ ފިލަން ދުއްވައިގަތީ އެވެ. (އައްތައުބާ 25).
ވީމާ ސުލޫކު ބައްޓަންކުރަން ނުވަތަ ބަދަލުކުރަން ބޭނުންނަމަ ނަފްސު ހޭނުވުމަށާއި ނަފްސުގައި އިޚްލާޞްތެރިކަން އަށަގަންނުވަން މަސައްކަތް ކުރަން ޖެހޭނެ އެވެ.
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ
ސީދާމަގު އެނގި، ޝައްކުތައް ފިލުމުން ހަމަޖެހުން ލިބޭ
ފިޠުރަތަށް އިޖާބަ ދިނުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއް
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ދެވަނަ ބައި)
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ފުރަތަމަ ބައި)
ޚިޟްރުގެފާނު، ފާރެއް ތެދުކުރެއްވި ހާދިސާގެ ފިލާވަޅުތައް
ޚިޟްރުގެފާނު، ކުއްޖަކު ގަތުލުކުރެއްވި ހާދިސާގެ ފިލާވަޅު
ސުލޫކު ބަދަލުކުރަން ބޮޑު ދައުރެއް އަދާކުރަނީ ހިތް
ޚިޟްރުގެފާނު ނަވެއް ފޫދުއްވާލި ހާދިސާއިން ލިބޭ ފިލާވަޅު
މުސީބާތުގެ ހާލަތުގައިވެސް ރޯދަމަހުގެ ހެޔޮކަން ލިބިގަތުން