10 މެއި 2020
މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިގައި ހިމެނޭ ކޮންމެ ހާދިސާއަކީ ވެސް އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ހާދިސާ އެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ އެ ދެބޭފުޅުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ދަތުރުފުޅުގައި ހިނގި އެންމެ މުހިންމު ތިން ހާދިސާގެ ތެރެއިން ތިންވަނަ އަދި އެންމެ ފަހު ހާދިސާ ކަމުގައިވާ، ފާރެއް ތެދުކުރެއްވި ހާދިސާ އަށެވެ.
މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިގައި ހިމެނޭ ކޮންމެ ހާދިސާއަކީ ވެސް އެއިން އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ލިއްބައިދޭ ހާދިސާ އެކެވެ. މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ އެ ދެބޭފުޅުންގެ އުނގެނުމާއި އުނގަންނައިދިނުމުގެ ދަތުރުފުޅުގައި ހިނގި އެންމެ މުހިންމު ތިން ހާދިސާގެ ތެރެއިން ތިންވަނަ އަދި އެންމެ ފަހު ހާދިސާ ކަމުގައިވާ، ފާރެއް ތެދުކުރެއްވި ހާދިސާ އަށެވެ.
ފުރަތަމަ ދެ ހާދިސާ އެކޭ އެއްފަދައިން ދަތުރުފުޅުގެ މި ހާދިސާއާ ގުޅޭ ބައި ވެސް ފެށިގެން ދިޔައީ ހަމަ މޫސާގެފާނަށް ކެތްނުކުރެއްވޭނެ ކަން ހަނދުމަ ކޮށްދެއްވަމުންނެވެ. އެއީ ކުރީގެ ހާދިސާއާ ގުޅުވައިގެން އިންކާރީ ގޮތެއްގައި ސުވާލު ކުރައްވަމުންނެވެ. (އަލްކަހްފު 75). މީގެ އިތުރުން މިފަހަރުވެސް ސުވާލު ނުކުރެއްވުމުގެ ޝަރުތު ދެމިއޮތެވެ. އެއީ ދެވަނަ ހާދިސާއަށް ފަހު، މީގެ ފަހުން އެއްވެސް ކަމަކާ މެދު ސުވާލު ކުރައްވައިފި ނަމަ ދެން ޚިޟްރުގެފާނާ އެކުގައި ނުގެންދެވަން މޫސާގެފާނު ވިދާޅުވުމުން އެކަން ދޭހަވާތީ އެވެ. (އަލްކަހްފު 76).
މި ހާދިސާގެ ވެސް އިތުރު ތަފްސީލު ކީރިތި ޤުރްއާނުގެ އިތުރުން ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުން ލިބެ އެވެ. އެ ތަފްސީލަށް ބަލާއިރު، އެ ދެ ބޭފުޅުން ދަތުރުފުޅު ކުރައްވަމުން ވަޑައިގެން ބަޔަކު ދިރިއުޅޭ ރަށަކާ ހަމައަށް ވަޑައިގެންނެވުނު އިރު ވަރަށްބޮޑަށް ވަރުބަލިފުޅުވެ ބަނޑުހައިފުޅުވި އެވެ. އެހެންވެ ކާއެތިކޮޅަކަށް އެދި އެ ރަށުގެ ވަރަށް ގިނަބަޔަކު ކައިރިން އެދި ވަޑައިގަތެވެ. ނަމަވެސް އެމީހުންގެ ފަރާތުން ފެނިގެން ދިޔައީ ނުބައިކަމާއި ދަހިކަމާއި މެހުމާނުންނަށް ކަމޭ ނުހިތުމުގެ ސިފަތަކެވެ. ނަބީކަމުގެ ދަރަޖަ ލިބިވަޑައިގެންފައިވާ ބޭފުޅުންތަކަކަށް މިގޮތަށް ޢަމަލު ކުރެވިގެން މިދަނީ ކީއްވެބާ އެވެ؟ އެއިން ކޮންމެ ބޭކަލަކު ނަމަވެސް ﷲ އަށް ދަންނަވައިފި ނަމަ އެ ބޭފުޅުންގެ ގަދަރަށްޓަކައި ﷲ ކޮންމެވެސް ގޮތަކަށް އެ ބޭފުޅުން ފަރީކުޅުއްވާނެ އެއްޗެއް ލިބޭނެގޮތް މެދުވެރި ކުރެއްވީހެވެ. އެހެންނަމަވެސް މިކަން ވެގެން މި ދިޔައީ ވަރުގަދަ އިމްތިހާނަކަށެވެ.
މި ރަށުގެ މީހުންގެ މި ހުރި ނުބައިކަމާ މެދު ހައިރާންފުޅުވުމާ އެކުގައި އަދި ހަމަ އެ ވަރުބަލިފުޅު ކަމުގައި ރަށުގައި ހިންގަވަނިކޮށް، ވެއްޓެން ކައިރި ވެފައިވާ ފާރެއް އެ ބޭކަލުން ދެކެވަޑައިގަތެވެ. ޚިޟްރުގެފާނު މި ފާރު ވެއްޓުނަ ނުދީ ސަލާމަތް ކުރައްވައި ތެދު ކުރައްވައިފި އެވެ. މިތަން މޫސާގެފާނަށް ފެނިވަޑައިގަތުމުން ވިދާޅުވި އެވެ. "ކަލޭގެފާނު ބޭނުންފުޅު ނަމަ އެކަމަށް އުޖޫރައެއް ހިއްޕެވިދާނެ އެވެ." (އަލްކަހްފު 77). މިގޮތަށް ވިދާޅުވުމުން ޚިޟްރުގެފާނު ވިދާޅުވީ "މިއީ ތިމަންކަލޭގެފާނާއި ކަލޭގެފާނާ ދެމެދުގެ ވަކިވުމެވެ." (އަލްކަހްފު 78). މި ނަތީޖާ އަށް މޫސާގެފާނު ވަނީ އަމިއްލަފުޅަށް ކުރިން އެއްބަސްވެ ވަޑައިގެންފައެވެ.
އެހެންވެ އިތުރު އެއްވެސް އެއްޗެއް ވިދާޅު ނުވެ މިކަން ބަލައިގެންނެމިހާ ހިސާބުން ޚިޟްރުގެފާނު މި ހާދިސާ އާއި އޭގެ ކުރީގެ ދެ ހާދިސާގެ ފޮރުވިފައިވާ ސަބަބުތައް ތަފްސީރު ކޮށްދެއްވުމަށްޓަކައި ވިދާޅުވި އެވެ. "ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެ ވަޑައިނުގެންނެވުނު ކަންތައްތަކުގެ ތަފްސީރު ތިމަންކަލޭގެފާނު ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ." (އަލްކަހްފު 78). މިގޮތުން ފުރަތަމަ ދެ ހާދިސާގެ ތަފްސީރު ވިދާޅުވުމަށް ފަހު މި ހާދިސާގެ ތަފްސީރުގެ ގޮތުގައި ވިދާޅުވީ، "އަދި ފާރާ މެދު ދަންނާށެވެ! އެރަށުގައިވާ ޔަތީމު ދެ ކުދިންނަށް ލިބިގެންވާ ފާރެއް ކަމުގައި އެ ފާރުވި އެވެ. އަދި އެފާރުގެ ދަށުގައި އެ ދެކުދިންނަށް ޚަޒާނާއެއް ވި އެވެ. އަދި އެ ދެކުދިންގެ ބައްޕަ އަކީ ޞާލިޙު މީހެއް ކަމުގައިވެސްވި އެވެ. ފަހެ، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިރާދަކުރެއްވީ އެ ދެކުދިން ބޮޑުވެ ފުރާފުރިހަމަ ވުމުން އެ ދެކުދިންގެ ޚަޒާނާ އެ ދެކުދިން ނެރުމަށެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން އޮތް ރަޙުމަތެއްގެ ގޮތުންނެވެ." (އަލްކަހްފު 82).
މި ހާދިސާ އިން ވެސް ދަސްވާ ބައެއް ފިލާވަޅުތަކަކީ ހަމަ ކުރީގެ ދެ ހާދިސާ އިން ވެސް ދަސްވާ ފިލާވަޅުތަކެވެ. މިގޮތުން، ޢިލްމު އުނގެނުމަށްޓަކައި ބުރަ އުފުލަން ޖެހޭނެކަމާއި އެކަމުގައި ކެތްތެރިވާން ޖެހޭނެ ކަމެވެ. އެއްބަސްވުންތަކާއި ޝަރުތުތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމެވެ. ކިތަންމެ ކުޑަނަމަވެސް އަނިޔާއެއް ލިބޭ ނަމަ އެކަން ނައްތާލައި ހައްގު ހޯދަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. ކަންކަމުގައި ރައުޔު ތަފާތުވިއަސް ޒުވާބު ކުރުމާއި ރުޅިއައުމާއި ބޭކާރު ޖަދަލު ކުރުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމެވެ. ރަނގަޅުގޮތް ބޭރުފުށުން ނުބައިކޮށް އަހަރެމެންނަށް ފެނުނަސް، ހެޔޮލަފާ މީހުންނަށް ﷲ ރަނގަޅުގޮތް މެދުވެރި ކުރައްވާނެ ކަމެވެ. ދިރިއުޅުމުގައި ދިމާވަމުންދާ ކަންކަމުގެ ހުރިހާ ހަގީގަތްތައް ނުވަތަ ﷲ ގެ އިރާދަކުރެއްވުމުގައި އެކުލެވޭ ހުރިހާ ހިކުމަތްތައް، އަހަރެމެންނަށް ނޭނގޭނެ ކަމެވެ. އަދި އެހެންކަމުން ކަންކަމުގެ ބޭރުފުށަށް ބަލައިގެން ﷲ ގެ މައްޗަށް އަހަރެމެން ހުކުމް ކަނޑައަޅައިގެން ނުވާނެ ކަމެވެ. އަދި އޭގެ ބަދަލުގައި ﷲ މޮޅަށް ދެނެވޮޑިގެންވާނެ ކަމާއި، ހިކުމަތްތެރިވާނެ ކަމާއި، އެއްވެސް މީހަކަށް އެކަލާނގެ އަނިޔާވެރިވެ ވޮޑިނުގަންނަވާނެ ކަން ގަބޫލު ކުރަން ޖެހޭނެ ކަމެވެ.
މި ހާދިސާ އިން ވަކިން ދަސްވާ ފިލާވަޅުތަކަށް ބަލާއިރު އެއްކަމަކީ، ދަތަސް ނުދަތަސް ހާލުގައި ޖެހޭ ދަތުރުވެރިންނަށް އަޅާލަން ޖެހޭނެ ކަމާއި ޒިޔާރަތްކުރާ މީހުންނަށް މެހުމާންދާރީ އަދާކުރަން ޖެހޭނެ ކަމެވެ. އެރަށުގެ މީހުން މެހުމާންދާރީ އަދާނުކުރުމުން މޫސާގެފާނު އެކަން އިންކާރު ކުރައްވާކަން ދޭހަވެ އެވެ. ދެވަނަ ކަމަކީ، ބަޔަކު ތިމާއާ މެދު ކިތަންމެ ގޯސްކޮށް ހިތިޔަސް ބަދަލުގައި ނުބައިކޮށް ހިތައިގެން ނުވާނެ ކަމެވެ. އެއީ އެރަށުގައި އަދި ރަނގަޅު ބަޔަކު އުޅުނު ނަމަވެސް ޖުމްލަކޮށް ރަށުގެ އަހުލުވެރިންގެ ފަރާތުން ނުބައިކޮށް ހިތި އިރު ވެސް ޚިޟްރުގެފާނު އޭގެ ބަދަލުގައި އެރަށުގެ ކޮންމެވެސް މީހަކަށް ނުވަތަ ބަޔަކަށް ހެޔޮ ކަމެއް ކޮށްދެއްވީތީ އެވެ. ތިންވަނަ ކަމަކީ، ރަށެއްގައި ނުބައި މީހުން ކިތަންމެ ގިނަވިއަސް އެރަށުގެ އެންމެންނަށް އެކަން ނިސްބަތް ކޮށްގެން ނުވާނެ ކަމެވެ. މި ހާދިސާގައި އެ ޔަތީމު ދެ ކުދިންގެ ޢާއިލާ އަކީ ހެޔޮލަފާ ބައެއްކަން ބޭރުން ފެންނަން ނެތަސް ﷲ ދެއްވި ޢިލްމުން ޚިޟްރުގެފާނަށް އެވަނީ އެކަން އެނގިވަޑައިގެންފައެވެ. އެހެންވީމާ ހަމައެކަނި ފެންނަ ކަންކަމަށް ބަލާފައި ހުކުމް އާންމު ކޮށްގެން ނުވާނެ އެވެ.
މޫސާގެފާނަކީ އަބަދުވެސް މީހުންގެ ހާލަތްތަކަށް ރިޢާޔަތް ކުރައްވާ ބޭކަލެކެވެ. އަދި ހިލޭ ސާބަހަށް ކަންކަން ކޮށްދެއްވާ ބޭކަލެކެވެ. މިގޮތުން އެކަލޭގެފާނު މަދްޔަނަށް ކުރެއްވެވި ދަތުރުފުޅުގައި ވެސް ޝުޢައިބުގެފާނުގެ ދެ ދަރިކަނބަލުންނަށް އެއްވެސް އުޖޫރައަކާ ނުލައި ފެން ނަންގަވައިދެއްވި އެވެ.
ހަތަރުވަނަ ކަމަކީ، ދަރުމައަށްޓަކައި ކަންކަން ކުރަން ޖެހޭނެ ކަމެވެ. ތިމާ ކުރާ ކޮންމެ ކަމަކީ އޭގެ އުޖޫރަ މި ދުނިޔެމަތިން ހޯދަން ޖެހޭ އެއްޗެއް ނޫނެވެ. އާޚިރަތުގެ އެކައުންޓަށް އެކިގޮތްގޮތުން ޖަމާކުރަން ޖެހޭނެ ކަމެވެ. ފަސްވަނަ ކަމަކީ، ދަރިންނަށް ވާރުތަ ކޮށްދެވޭނެ އެއްޗެއްގެ ގޮތުގައި ތިމާގެ ހެޔޮ ޢަމަލުތައް ވެސް ވެގެންދާނެ ކަމެވެ. މި ޔަތީމު ދެ ކުދިންނަށް ހެޔޮގޮތް ﷲ އެ މެދުވެރި ކުރެއްވީ އެ ކުދިންގެ ބައްޕަގެ ހެޔޮލަފާ ކަމުންނެވެ. ހަވަނަ ކަމަކީ، އަނެކާއަށް އިސްކަން ދޭން ޖެހޭނެ ކަމެވެ. މޫސާގެފާނަކީ އަބަދުވެސް މީހުންގެ ހާލަތްތަކަށް ރިޢާޔަތް ކުރައްވާ ބޭކަލެކެވެ. އަދި ހިލޭ ސާބަހަށް ކަންކަން ކޮށްދެއްވާ ބޭކަލެކެވެ. މިގޮތުން އެކަލޭގެފާނު މަދްޔަނަށް ކުރެއްވެވި ދަތުރުފުޅުގައި ވެސް ޝުޢައިބުގެފާނުގެ ދެ ދަރިކަނބަލުންނަށް އެއްވެސް އުޖޫރައަކާ ނުލައި ފެން ނަންގަވައިދެއްވި އެވެ. އެކަމަކު މިފަހަރު އުޖޫރައެއް ނަންގަވަން ޚިޔާލުފުޅު އެދެއްވީ ޚިޟްރުގެފާނަށްޓަކަ އެވެ. މިގޮތުން އެކަލޭގެފާނު ޚިޟްރުގެފާނަށް ވިދާޅުވީ ވެސް "ކަލޭގެފާނު ބޭނުންފުޅު ނަމަ" އެވެ. މި ނޫނަސް މިފަދަ އިތުރު ފިލާވަޅުތައް މި ހާދިސާއިން ވެސް ދަސްކޮށް އިބުރަތް ހޯދިދާނެ އެވެ.
ރޯދައިގެ އެންމެ އަގުހުރި ޣަނީމާ: ތަޤުވާ އާއި ތަޒުކިޔާ
ސީދާމަގު އެނގި، ޝައްކުތައް ފިލުމުން ހަމަޖެހުން ލިބޭ
ފިޠުރަތަށް އިޖާބަ ދިނުމަކީ ހިތްހަމަޖެހުން ލިބޭ ކަމެއް
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ދެވަނަ ބައި)
ރޯދައިގެ މަދަރުސާގެ އަޚްލާޤީ މުޢާހަދާ (ފުރަތަމަ ބައި)
ސުލޫކު ދެމެހެއްޓޭނީ ނަފްސު ހާނުވައިގެން
ޚިޟްރުގެފާނު، ކުއްޖަކު ގަތުލުކުރެއްވި ހާދިސާގެ ފިލާވަޅު
ސުލޫކު ބަދަލުކުރަން ބޮޑު ދައުރެއް އަދާކުރަނީ ހިތް
ޚިޟްރުގެފާނު ނަވެއް ފޫދުއްވާލި ހާދިސާއިން ލިބޭ ފިލާވަޅު
މުސީބާތުގެ ހާލަތުގައިވެސް ރޯދަމަހުގެ ހެޔޮކަން ލިބިގަތުން