Roadha Mihaaru
ސީރިއާ އަށް ދޭ ހަމަލާ ހުއްޓުވުމަށް އދ. ނުކުޅެދިފައި

ސީރިއާ އަށް ދޭ ހަމަލާތައް ހުއްޓުވުމަށް އދ. ނުކުޅެދިފައި

14 އޮކްޓޯބަރ 2016

އަންކާރާ (އޮކްޓޯބަރު 14) ސީރިއާގެ ހަލަބު ސިޓީ އަށް ވައިގެ ހަމަލާތައް ދީ އެ ސިޓީ ފުނޑުފުނޑު ކުރަމުންދާ އިރު އެ ހަމަލާތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާތީ ތުރުކީން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަންކާރާ (އޮކްޓޯބަރު 14) ސީރިއާގެ ހަލަބު ސިޓީ އަށް ވައިގެ ހަމަލާތައް ދީ އެ ސިޓީ ފުނޑުފުނޑު ކުރަމުންދާ އިރު އެ ހަމަލާތައް ހުއްޓުވުމުގައި އދ. ނުކުޅެދިފައިވާތީ ތުރުކީން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ރަޝިޔާ އާއި ސީރިއާ ސިފައިން ހަލަބަށް ދެމުންދާ ވައިގެ ހަމަލާތައް ވަނީ ގަލްފުގެ ހަ ގައުމުން ވެސް ކުށްވެރިކޮށްފަ އެވެ. ގަލްފުގެ ހަ ގައުމާ އެކު ސައުދީ އަރަބިއާގެ ވެރިރަށުގައި ބޭއްވި ބައްދަލުވުމެއްގައި ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ ވިދާޅުވީ ސިޓީއެއް ފަނާކުރަމުންދާ އިރު އދ. އިން އެކަން ނުހުއްޓުވުމަކީ ވަރަށް ބޮޑު ބޭއިންސާފަކާއި ތަފާތު ކުރުމެެއް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު އެކަނި ހަލަބަށް ދިން ހަމަލާތަކުގައި ވެސް 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސީރިއާގެ ހަލަބަށް ދިން ވައިގެ ހަމަލާތަކުގައި ޒަޚަމްވި ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭ އިރު އާއިލާގެ މީހުން ހިތާމަ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ސީރިއާގެ ހަލަބަށް ދިން ވައިގެ ހަމަލާތަކުގައި ޒަޚަމްވި ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭ އިރު އާއިލާގެ މީހުން ހިތާމަ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ހަލަބަށް ދޭ ހަމަލާތައް ހުއްޓުވުމާ ބެހޭ ގޮތުން ނިއު ޒީލެންޑުން ވަނީ ބުދަ ދުވަހު ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ. އޭގެ ކުރިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ދެ ގަރާރު ވެސް ވަނީ ފޭލްކޮށްލައިފަ އެވެ. ފްރާންސާއި ސްޕޭނުން ހުށަހެޅި ގަރާރު ރަޝިޔާ އިން ވަނީ ވީޓޯކޮށްފަ އެވެ. އަދި އޭގެ ފަހުން ރަޝިޔާ އިން ހުށަހެޅި ގަރާރެއް ވެސް ވަނީ ފޭލްކޮށްލައިފަ އެވެ.

ގަލްފުގެ ހަ ގައުމާއި ތުރުކީން ބުނީ ސީރިއާ އަށް ދޭ ވައިގެ ހަމަލާތައް ހުއްޓުވުމަށް ސަލާމަތީ މަޖިލިސް ނުކުޅެދިފައިވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށެވެ.