Roadha Mihaaru
ކޮވިޑް-19އާއެކު އުޅެން ދަސްކުރަން ޖެހޭ: އެޗްޕީއޭ

ލޮކްޑައުންގައި އަބަދަކު ނުތިބެވޭނެ، ކޮވިޑް-19އާ އެކު އުޅެން ދަސްކުރޭ: ޑރ. އަފްޒަލް

26 އެޕްރީލް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ލޮޮކްޑައުންގައި އަބަދަކު ނުތިބެވޭނެ ކަމަށާއި އެ ބައްޔާއެކު ދިރިއުޅެން ދަސްކުރަންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ލޮޮކްޑައުންގައި އަބަދަކު ނުތިބެވޭނެ ކަމަށާއި އެ ބައްޔާއެކު ދިރިއުޅެން ދަސްކުރަންޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިން ގައި އެޗްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، ކޮންމެވެސް އިރަކުން ލޮކްޑައުން ދޫކޮށްލަން ޖެހޭނެ ކަމަށާއި އެ ހިސާބަށް ނަފްސާނީ ގޮތުން ތައްޔާރުވާން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތީ ކޮވިޑް-19 އާ އެކު ދިރިއުޅުން ކަމަށެވެ.

"ހަގީގަތުގައި ވެސް ކޯވިޑް އޮތް ތަނެއްގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބައިވަރު ބަދަލުތަކެއް ގެންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ބަލި މުޖުތަމައުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ހާލަތުގައި ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކީ ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މީހުންނާ ބައްދަލުކުރުން މަދުކުރުމެވެ. އެގޮތުން، ކޮންމެހެން ބައްދަލުކުރަން ޖެހޭ ބަޔަކާ ނޫނީ ބައްދަލު ނުކުރުމަކީ ދިރިއުޅުމުގެ އާދަކާދައަކަށް ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ވެސް ކޯވިޑް އޮތް ތަނެއްގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބައިވަރު ބަދަލުތަކެއް ގެންނަން ޖެހޭނެ،" ޑރ. އަފްޒަލް

ދެވަނަ ކަމަކީ ކޮވިޑްގެ އަލާމާތެއް ފެނޭތޯ ބަލައި އެ ކަމަށް ހުށިޔާރުވެގެން އުޅުމެވެ. އެފަދަ ކަމެއް ފާހަގަ ވެއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކަށް ވީހާ ވެސް އަވަހަކަށް އެންގުމަކީ އެގޮތުން ކުރަން ޖެހޭނެ ކަމެކެވެ. ބަލި ޖެހޭ މީހުން، އެ މީހުން ދިރިއުޅޭ ތަންތަނުގައި ކަރަންޓީނުކުރަން ޖެހުމަކީ ވެސް ބަލިފެތުރިގެން ދާ މަރުހަލާގައި އަންނާނެ ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"އެއީ ހުރިހާ އެންމެން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް، ކަރަންޓީނު ފެސިލިޓީއަކަށް އެކޮމޮޑޭޓެއް ނުވެސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކުގައި ވެސް ވަކިވަރަކަށް ބަލި ފެތުރުމުން ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދިއުން ހުއްޓައިލާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮވިޑް-19 އަށް ގެއަކުން މީހަކު ޕޮޒިޓިވްވުމުން، އެ މީހަކާ ދޭތެރޭ މިހާރު ދެކޭ ގޮތް ވެސް ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ބަދަލުކުރަން ޖެހެ އެވެ. ބަލި ޖެހޭ މީހުންނާއި ބަލީގެ އަލާމާތްތައް ފެނިގެން އެކަހެރިކޮށް، ޓެސްޓްކުރާ މީހުން، ބައްޔާ ގުޅުވައިގެން ބާކީ ކޮށްްލުމުގެ މައްސަލަ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް އެބަ އޮތެވެ.

މި މަހުގެ 15 ން ފެށިގެން ކޮވިޑް-19 ޖެހިފައިވާ 100 އަށް ވުރެ ގިނަ މީހުން މާލެ އިން ފެނިފައިވާއިރު ހާލަތު މިހާރު ވަނީ މާ ބޮޑަށް ސީރިއަސް ވެފަ އެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި އެ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ މުއްދަތު ހަމަވާން ހައެއްކަ ދުވަހަށް ވެފައި ވަނިކޮށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެގެ މީޑިއާ ބްރީފިންގައި ވިދާޅުވީ، ލޮކްޑައުން އުވައިލާ ހާލަތަކަށް ހަތަރު ދުވަހުގެ ތެރޭގައި ދެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ފެސިލިޓީތަކުގައި މީހުން ބޭތިއްބުމަކީ ދިގު މުއްދަތަކަށް ކުރެވޭނެ ކަމެއް ނޫން

ކަރަންޓީނު ފެސިިލިޓީތަކަށް ކިހާ މީހުންނެއް ގެންދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ވިސްނާފައި ވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑރ. އަފްޒަލް ވިދާޅުވީ، ފެސިލިޓީތަކަށް މީހުން ލުމަކީ ހުރިހާ ގައުމެއްގައި ވެސް ފުރަތަމަ ބަލި ފެތުރެން ފަށާ އިރު ކޮންޓްރޯލް ކުރެވޭތޯ އަޅާ ފިޔަވަޅެއް ކަަމަށެވެ. އެކަމަކު، ފުޅާ ދާއިރާއެއްގައި އާއްމުންގެ ތެރޭގައި ބަލި ފެތުރުމުން، އެ ފިޔަވަޅުގެ ބޭނުމެއް ހަގީގަތުގައި ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަނެއްހެން ހަމަ އެވެއިލަބްލް ރިސޯސް އެއް އެންމެ ފުރިހަަމަ ގޮތުގައި ބޭނުންކުރުމުގެ ސްޓައިލުގައި ކުރެވޭ ކަމެއް. މާނަ އަކީ ސޮލިއުޝަނަކަށް ނުވާނެއޭ، ވަކި ހިސާބަކަށް ވުރެ ގިނަ ވީމަކާ ހަމަ ހުރިހާ އެންމެން ފެސިލިޓީތަކަށް ދިއުމަކީ. އަޅުގަނޑު ކުރިން ވެސް ދެންނެވިހެން ހަގީގަތުގައި ލޮކްޑައުން އެއްގައި އޮވެގެނެއް ކަންޓްރީއެއް މިކަމަކުން ނުއެއް އަރާނެ އިނގޭތޯ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޮކްޑައުން އަކީ ވަގުތީ ފިޔަވަޅެއް ކަަމަށައި ލޮކްޑައުން އުވައިލުމުން، ކަރަންޓީނު ފެސިލިޓީތަކަށް މީހުން ގެންދާ އުސޫލަށް އަނބުރާ ނުދެވޭނެ ކަމަށެވެ. އެ ހިސާބުން ޖެހޭނީ ބަލި ފެންނަ މީހުން ގޭގައި ކަރަންޓީންކޮށްގެން ފަރުވާ ދޭން ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި ގޭގައި މީހުން ކަރަންޓީނު ކުރުމަކީ ކުރިން ވެސް ކުރެވެން އޮތް ކަމެއް ކަމަށާއި އެކަމަކު ފެސިލިޓީތަކަށް ގެންދާ ގޮތަށް ހަމަޖައްސަން ޖެހުނީ ގޭގައި އެކަހެރިވުމަށް ދޭ އިރުޝާދުތަކަށް މީހުންނަށް ތަބާ ނުވެވޭތީ ކަމަށެވެ.