Roadha Mihaaru
ޑރ. އަފްޒަލް: ގިނަ މީހުންގެ އާދަތައް ރަނގަޅު

ގިނަ މީހުންގެ އާދަތައް ރަނގަޅު، ލޮކްޑައުންއަކަށް ދާން ޖެހިދާނެ މަންޒަރެއް އަދި ނުފެނޭ: އެޗްޕީއޭ

23 ޖޫން 2020

ބޭރަށް ނުކުންނަން ދިން ލުއިތަކުގެ ބޭނުން އާންމުން ހިފަމުން އަންނަ އިރު ގިނަ ބައެއްގެ ކިބާގައި ރަނގަޅު އާދަތަކެއް ހުރުމާ އެކު، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ މަންޒަރެއް އަދި ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބޭރަށް ނުކުންނަން ދިން ލުއިތަކުގެ ބޭނުން އާންމުން ހިފަމުން އަންނަ އިރު ގިނަ ބައެއްގެ ކިބާގައި ރަނގަޅު އާދަތަކެއް ހުރުމާ އެކު، އަލުން ލޮކްޑައުންއަކަށް ދާން ޖެހޭ ފަދަ މަންޒަރެއް އަދި ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މާލެ ސަރަހައްދުގައި ގިނަ ބަޔަކު އުޅެނީ މާސްކު އަޅައި ގައިދުރުކަން ވެސް ބަހައްޓައިގެން ކަމަށެވެ. އޭގެ އިތުރުން ސާފުތާހިރުވުމުގެ ގޮތުން ހޭންޑް ސެނިޓައިޒާ ވެސް ގިނަ މީހުން ބޭނުންކުރާ ތަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ މަސް ދުވަހުގެ ލޮކްޑައުންއަކަށް ފަހު މާލެ ސަރަހައްދުގެ އާންމުންނަށް ލުއި ދިނުމުން ވަރަށް ގިނަ ބަޔަކު ބޭރަށް ނުކުމެ އުޅެ އެވެ. ކޮވިޑް-19 އާ ބެހޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ލީޑަރު ޑރ. އަލީ ލަތީފް، އެޗްޕީއޭގެ ވީޑިއޯ މެސެޖެއްގައި ދާދި ފަހުން ވިދާޅުވީ ލުއިދިނުމާ އެކު މަގުތަކަށް މީހުން ގިނަވާތަން ފެންނަ ކަމަށެވެ. އެގޮތަށް ކަންތައް ވާ ނަމަ ބަލި ފެތުރޭ މިންވަރު އިތުރުވެ، ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ޑރ. އަފްޒަލް ކުރީ ރެއަކު ވިދާޅުވެފައި ވަނީ، މާލެ ސަރަހައްދުން އާ ކޭސްތައް ދެން ފެނުނަސް، އެންމެ ފުރަތަމަ ދިމާވި ފަދަ ހާލަތަކަށް ދިއުން ދުރު ކަމަށެވެ.

ސިއްހީ ތަޖުރިބާކާރުންގެ މެސެޖްތަކުގައި ތަފާތުތަކެއް ހުންނަ ކަމަށް ފެންނާތީ "މިހާރު"ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ލޮކްޑައުންއަކާ ހަމައަށް ދަނީ ފެންނަ ހާލަތާ މެދު މަޝްވަރާކުރެވި، ތަފާތު އިހުތިޔާރުތަކާ މެދު ވެސް ވާހަކަ ދައްކާފައި ކަމަށެވެ.

"ހާލަތު ނިޔާކުރާ ގޮތުން ނިންމަފާނެ އަލުން ލޮކްޑައުންއަކަށް ދާން ވެސް. އެހެން ނަމަވެސް މިހާރުން މިހާރަށް މި ފެންނަ މައުލޫމާތަށް ބަލައިފިއްޔާ އަދި އެކަހަލަ މަަންޒަރެއް ނުފެނޭ އިނގޭތޯ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ އެހެން ދިމަދިމާލުން ފެންނަން ފަށައިފިއްޔާ، މުޅި ރާއްޖޭގެ އޯވަރޯލް ނަމްބާސް ހައިވެދާނެ ކުރީ ނަމްބާސްތަކަށް ވުރެން. އެހެން ނަމަވެސް މާލޭގެ ރީޖަނަށް ބަަލައިފިއްޔާ ހަގީގަތަކީ އަޅުގަނޑުމެން މިހާރު ހަމަ ގިނަ ބަޔަކު މާސްކް ވެސް އަޅައިގެން އުޅެނީ. ގައިދުރުކަން ވެސް ބަހައްޓާތަން ފެންނަނީ. ހަަމަ އެގޮތަށް ހޭންޑް ސެނިޓައިޒާ ބޭނުންކުރާތަން ވެސް ގިނައިން ފެނޭ: ޑރ. އަފްޒަލް

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19ގެ ކޭސްތަކެއް ފެނުނަސް، ކުރިން ތަޖުރިބާކުރި ވަރުގެ ޕީކެއް މާލެ ސަރަހައްދަށް އަންނާނެ ކަމަކަށް ގަބޫލެއްނުކުރެއްވެ އެވެ.

"މުޅި ރާއްޖޭގެ އެހެން ދިމަދިމާލުން ފެންނަން ފަށައިފިއްޔާ، މުޅި ރާއްޖޭގެ އޯވަރޯލް ނަމްބާސް ހައިވެދާނެ ކުރީ ނަމްބާސްތަކަށް ވުރެން. އެހެން ނަމަވެސް މާލޭގެ ރީޖަނަށް ބަަލައިފިއްޔާ ހަގީގަތަކީ އަޅުގަނޑުމެން މިހާރު ހަމަ ގިނަ ބަޔަކު މާސްކް ވެސް އަޅައިގެން އުޅެނީ. ގައިދުރުކަން ވެސް ބަހައްޓާތަން ފެންނަނީ. ހަަމަ އެގޮތަށް ހޭންޑް ސެނިޓައިޒާ ބޭނުންކުރާތަން ވެސް ގިނައިން ފެނޭ،" މާލެ ސަރަހައްދުގައި ބައްޔަށް ޕޮޒިޓިވްވާ މީހުން ކުރިން ފެނުނު ނިސްބަތުން ފެނުން ދުރުވާނެ ސަބަބުތައް ކިޔައިދެއްވަމުން ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްކާތެެރިކަމުގެ އެ އާދަތައް މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ ތެރެއަށް ކޮންމެވެސް ވަރަކަށް މިހާރު ވަދެފައިވާ ކަމަށެވެ. އެހެންކަމުން އުއްމީދަކީ މިހާރު ފެންނަ ގޮތަށް ކަންތައްތައް ދެމެހެއްޓުމާ އެކު މިއަށް ވުރެ ވެސް ހަރުދަނާ ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށް 800 ސާމްޕަލެއްގެ ނަތީޖާ ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވް ވީ 14 މީހެކެވެ. މިއަދު އެބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 10 އެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 2،017 އެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 1،816 މީހަކު ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލައިފަ އެވެ. އެހެންވެ ބަލިމީހުންގެ އަދަދު މިހާރު ހުރީ 391 ގަ އެވެ.