Roadha Mihaaru
ޚާރިޖީ ޓީމަކީ ދިވެހިންގެ ނަސީބު: ޝާހިދު

ޚާރިޖީ ޓީމަކީ ދިވެހިންގެ ނަސީބު: ޝާހިދު

23 އެޕްރީލް 2020

ރާއްޖެ އަށް ގޮންޖެހުންތައް ބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އޭނާއާ އެކު ރަނގަޅު ޚާރިޖީ ޓީމެއް އޮތުމަކީ ދިވެހިންނަށް ލިބިފައިވާ ނަސީބެއް ކަމަށް ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އަށް ގޮންޖެހުންތައް ބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އޭނާއާ އެކު ރަނގަޅު ޚާރިޖީ ޓީމެއް އޮތުމަކީ ދިވެހިންނަށް ލިބިފައިވާ ނަސީބެއް ކަމަށް ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ މިއަދު ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. މި ބައްދަލުވުމުގައި، އެކި ގައުމުތަކުގައި މަސައްކަތް ކުރައްވާ އެ މިނިސްޓްރީގެ މުވައްޒަފުން ވެސް ހިމެނެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއީ ދިވެހި ޚާރިޖިއްޔާގެ ތާރީހުގައި ވެސް ފޮރިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ބައިވެރިވެގެން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

ފޮރިން މިނިސްޓްރީގެ މުވައްޒަފުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން. -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ މުވައްޒަފުން އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން. -- ފޮޓޯ: ފޮރިން މިނިސްޓްރީ

މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ކޮވިޑް-19 ފެތުރެން ފެށުމުން އެކަމާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވީ އޭނާ ކުރައްވާ މަސައްކަތްތައް ކާމިޔާބުވަނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.

"މި އަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ކުރިމަތިލަނީ ކޮވިޑް-19 ގެ ބިރުވެރިކަމާ މުޅި ދުނިޔެ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި، މި ދަނޑިވަޅުގައި މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް މިނިސްޓަރު ފާހަގަކުރެއްވި" ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

‎ކޮވިޑް-19ގެ ހާލަތާ ބެހޭ ގޮތުން ޝާހިދު ވިދާޅުވީ މި ބަލިމަޑުކަމާ ގުޅިގެން ރާއްޖެ އަށް ދިމާވާ ނުރައްކާ އިތުރަށް ބޮޑުކަމަށެވެ. އެއީ ރާއްޖެ އަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ އެއްޗެއް އިމްޕޯޓްކުރާ ގައުމަކަށް ވުމާއި އިގުތިސާދު ޓޫރިޒަމަށް ބަރޯސާ ވެފައިވާ ގައުމަކަށް ވާތީ ކަމަށް ވިދާޅުވި އެވެ.

‎ޝާހިދު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ދަތިކަމުގައި، ރާއްޖެއިން ބޭރުގައި ތިބެންޖެހިފައިވާ ދިވެހިންނަށް ބޭނުންވާ އެހީ ސަރުކާރުން ފޯރުކޮށްދޭނެ އެވެ. އަދި ރާއްޖޭގެ އިގުތިސާދު އަލުން ނަގާ ކޮޅަށް ޖަހާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި އެންމެ ފުރަތަމަ ސަފުގައި ޚާރިޖީ ޓީމު އޮންނާނެކަން ޔަގީން ކުރައްވާކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ މުވައްޒަފުންނަށް އަރިސްކުރަައްވައިފަ އެވެ. އަދި މިފަދަ ހާލަތެއްގައި ހުރިހާ މުވައްޒަފުން ވެސް އިހުސާންތެރިކަމާއި އަޅާލުން އިސްކުރުމަށާއި އެކަކު އަނެކަކުގެ ހާލު ބަލައި، އެހީތެރިކަން ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީވެދިނުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ބޭރު ގައުމުތަކުގެ އެހީތެރިކަން ފޮރިން މިނިސްޓްރީން އަންނަނީ ހޯދަމުންނެވެ. އެގޮތުން މިހާތަނަށް އިންޑިއާ އާއި ބަންގްލަދޭޝްއިން ވެސް ގިނަ އެހީތަކެއް ރާއްޖެއަށް ދީފައިވެ އެވެ.