Roadha Mihaaru
"އަދުގެ ހާލަތާ އެއްގޮތަށް ސިޔާސަތު ބައްޓަން ކުރާނަން"

އަދުގެ ހަގީގަތްތަކާ އެއްގޮތަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރާނަން: ޒަމީރު

02 ޖެނުއަރީ 2024

އިއްޔެ ފެށި އާ އަހަރާ ރާއްޖެ ކުރިމަތިލަނީ ދުނިޔޭގައި މިހާރު އޮތް ހަގީގަތްތަކާ އެއްގޮތަށް ދިވެހި ހާރިޖީ ސިޔާސަތު އަލުން ބައްޓަންކުރުމުގެ އާ އަޒުމަކާ އެކު ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ފެށި އާ އަހަރާ ރާއްޖެ ކުރިމަތިލަނީ ދުނިޔޭގައި މިހާރު އޮތް ހަގީގަތްތަކާ އެއްގޮތަށް ދިވެހި ހާރިޖީ ސިޔާސަތު އަލުން ބައްޓަންކުރުމުގެ އާ އަޒުމަކާ އެކު ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އާ އަހަރާ ގުޅިގެން ދެއްވި މެސެޖުގައި ޒަމީރު ވިދާޅުވީ، މިދިޔަ އަހަރު ނިންމާލީ، ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވެވަޑައިގެންނެވުމުން "ދިވެހީންގެ ރާއްޖެ" އަށް ދަތުރުކުރުމުގެ އާ އުއްމީދުގެ މަތީގައި ކަމަށެވެ.

"އާ ފުރުސަތުތަކާ އެކު އެންމެން ބައިވެރިޔާ، ސުލްހަވެރި ފާގަތި މުޖުތަމައެއް ބިނާކުރުމުގެ ދަތުރު. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް މުޅި ދުނިޔޭގެ އިހުތިރާމާއި ގަދަރު ހޯދުމުގެ ފުރުސަތު. ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންނަކީ ބަސް ހިނގާ ބައެއްކަން ދައްކުވައިދޭނެ ފުރުސަތު،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، މި އަހަރަކީ އިގުތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖޭގެ ވިލުންވެރިކަން އިތުރަށް ވަރުގަދަ ކުރަން ލިބުނު ފުރުސަތެކެވެ. އަދި ފޮރިން މިނިސްޓްރީ މައިގަނޑު އަމާޒަކަށް ވާނީ، ދިވެހިންގެ ލާބަ އާއި މަންފާއަށްޓަކައި ރާއްޖެ އިތުރަށް ތަރައްގީ ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"އަޅުގަނޑުމެން 2024 ވަނަ އަހަރު ފެށުން މި ފާހަގަކުރަނީ، އަދުގެ ހާލަތާ އެއްގޮތަށް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު އަލުން ބައްޓަންކުރުމުގެ އާ އަޒުމަކާ އެކު."

ހަމަ އެއާ އެކު، ޒަމީރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރު ދިވެހިން މި ނިންމާލީ ހިތްދަތިކަމާއި މާޔޫސްކަމުގައި މަތީގައި ތިބެގެންނެވެ.

"ނިކަމެތި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ކަމަށް ނިމުން އަންނާނެ ދުވަހެއް ވެސް ނޭނގި ތިބެ،" އިޒްރޭލުން މައުސޫމް ފަލަސްތީނު ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ރާއްޖޭން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކުރައްވަމުން ޒަމީރު ވިދާޅުވި އެވެ.

އެ މެސެޖުގައި މިނިސްޓަރު ވަނީ މިހާރު ހުރި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި އާ ގުޅުންތައް ގާއިމުކުރުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަމާ އެކު ދުނިޔޭގެ ސުލްހަ މަސަލަސްކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.