Roadha Mihaaru
"ބޭރުގެ އެހީ ބޭނުންކުރަން އަމާޒު އެއްގޮތްކުރަން ޖެހޭ"

ބޭރުގެ އެހީ ބޭނުންކުރުމަށް އެއް އަމާޒަކަށް މަސައްކަތްކުރަންޖެހޭ: ޝާހިދު

19 ޖޫން 2019

ރާއްޖޭން ބޭރުން ލިބޭ ފުރުސަތުތައް ރަނގަޅަށް ބޭނުންކުރުމަށް، ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ހުރިހާ އިދާރާތައް އެއް އަމާޒަކަށް މަސައްކަތްކުރަން ފޮރިން މިނިސްޓަރަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން ބޭރުން ލިބޭ ފުރުސަތުތައް ރަނގަޅަށް ބޭނުންކުރުމަށް، ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ހުރިހާ އިދާރާތައް އެއް އަމާޒަކަށް މަސައްކަތްކުރަން ފޮރިން މިނިސްޓަރަރު އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފި އެވެ.

ބޭރު ގައުމުތަކަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ދައްކަަވަމުން ޝާހިދު ވިދާޅުވީ ފުރުސަތުތައް ރަނގަަޅަށް ބޭނުންކުރެވޭނީ އެއް އަޒުމެއްގައި މަސައްކަތްކޮށްގެން ކަމަށެެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތައް ހާސިލް ހުރިހާ އިދާރާއަކުން ވެސް މަސައްކަތްކުރަން އޭނާ ގޮވައިލެއްވި އެވެ.

"ރާއްޖޭން ބޭރުން ފުރުސަތު ހޯދައި، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް އަޅުގަނޑުމެން މަސައްކަތްކުރަން އެބަޖެހޭ. އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ، ބޭރުގެ ފަރާތްތަކާ ގުޅުން ބާއްވާ ހުރިހާ އިދާރާތަކުން އެއް އަމާޒަކަށް ދަތުރުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިއަދު ފެށި ބައްދަލުވުމުގެ ބޭނުމަކީ ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތްތައްް ކިޔައިދީ ސަފީރުންނަށް ހިތްވަރު ދިނުމެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުރި ފުރުސަތުތައް ބައްދަލުވުމުގައި ސަފީރުންނަށް ކިޔައިދޭނެ ކަަމަށެވެ.

ބައްދަލުވުމުގެ އަނެއް ބޭނުމަކީ ސަފީރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށް އެކަންކަމަށް ހައްލުތައް ހޯދުމެވެ.

ސަފީރުންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ބޭރުގެ އިންވެސްޓަރުންނާއި ޓޫރިސްޓުން ރާއްޖެ އަަށް އަންނަ މިންވަރު އިތުރުކުރުމަށް ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރަން ޖެހޭ ކަމަށެވެ.