Roadha Mihaaru
ލަންކާގައި ދޭން އުޅުނު ހަމަލާއެއް ފެއިލްކޮށްލައިފި

ލަންކާގައި ދޭން އުޅުނު ޓެރަރިސްޓް އިތުރު ހަމަލާއެއް ވަނީ ނާކާމިޔާބުކޮށްލާފައި

20 އެޕްރީލް 2020

ކޮލަމްބޯ (އެޕްރީލް 20) - މިދިޔަ އަހަރުގެ އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ދޭން އުޅުނު އެބާވަތުގެ އެހެން ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 20) - މިދިޔަ އަހަރުގެ އީސްޓާ ސަންޑޭގައި ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު، ދޭން އުޅުނު އެބާވަތުގެ އެހެން ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް 21 ގައި ކޮލަމްބޯގެ ލަގްޒަރީ ހޮޓާތަކާއި ފައްޅިތަކަށް ދިން އަމިއްލަ އަށް މަރުވުމުގެ ހަމަލާތަކަށް އެއް އަހަރު ފުރުމާ ދިމާކޮށް، ފުލުހުންގެ ތަރުޖަމާން އެސްޕީ ޖަލިޔާ ސެނަރަތުނަ ވިދާޅުވީ ދެ ވަނަ ހަމަލާއެއް ދޭން އުޅުނުކަން އެނގުނީ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އިން ކުރިއަށް ގެންދިޔަ ތަހުގީގުގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ ސީއައިޑީގެ ތަހުގީގުން އެނގުނު ގޮތުގައި ދެ ވަނަ ހަމަލާ ދޭން އުޅުނީ ވެސް އީސްޓާ ސަންޑޭގެ ހަމަލާގެ އިސް މޭސްތިޔާ ޒަހްރާން ހާޝިމް އަށް ނިސްބަތްވާ ބައެއް ކަމަށެވެ. ތަރުޖަމާން ވިދާޅުވީ ދެ ވަނަ ހަމަލާ އަށް ބޭރު ގައުމެއްގެ ބައެއްގެ ފަރާތުން އެހީތެރިކަން ވެސް ލިބިފައިވާ ކަމަށެވެ. އެ ހުރިހާ މައުލޫމާތެއް ސީއައިޑީން ހޯދާފައިވާ ކަމަށް ސެނަރަތުނަ ވިދާޅުވި އެވެ.

"ދެ ވަނަ ހަމަލާ ދޭން ރޭވި އެންމެން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި،" ސެނަރަތުނަ ވިދާޅުވި އެވެ.

ލަންކާގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 45 މީހުންނަކީ ބިދޭސީންނެވެ. ބޮމުގެ ހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ލަންކާގައި ބޮމުގެ ހަމަލާތައް ދީފައި ވަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) ކިޔާ ބައެކެވެ.