Roadha Mihaaru
ލަންކާގެ ބޮމުގެ ހަމަލާއާ ގުޅޭ ރިޕޯޓް ޕާލަމެންޓަށް

ލަންކާގެ ބޮމުގެ ހަމަލާއާ ގުޅޭ ރިޕޯޓް ޕާލަމެންޓަށް ހުށަހަޅައިފި

23 އޮކްޓޯބަރ 2019

ކޮލަމްބޯ (އޮކްޓޯބަރު 23) - ސްރީ ލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ޕާލަމެންޓް ސިލެކްޓް ކޮމިޓީ (ޕީއެސްސީ) އިން ތައްޔާރުކުރި ފަހުގެ ރިޕޯޓް ޕާލަމެންޓަށް މިއަދު ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮކްޓޯބަރު 23) - ސްރީ ލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ޕާލަމެންޓް ސިލެކްޓް ކޮމިޓީ (ޕީއެސްސީ) އިން ތައްޔާރުކުރި ފަހުގެ ރިޕޯޓް ޕާލަމެންޓަށް މިއަދު ހުށަހަޅައިފި އެވެ.

ރިޕޯޓް ހުށަހެޅީ ޕީއެސްސީގެ މެންބަރު ޖަޔަމްޕަތީ ވިކްރަމަރަތުނަ އެވެ. ޕީއެސްސީގެ ރިޕޯޓާ ގުޅިގެން އިދިކޮޅު މެންބަރު ދިނޭޝް ގުނަވަރުދަނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ ރިޕޯޓުގައި ވަނީ ބޮމުގެ ހަމަލާއާ އިދިކޮޅު މެންބަރުންނާ ގުޅުވައިފައި ކަމަށެވެ.

ގުނަވަރުދަނާ ވިދާޅުވީ ސްރީ ލަންކާ މުސްލިމް ކޮންގްރެސްގެ ލީޑަރު ރައޫފް ހަކީމަށް ތުހުމަތުތަކެއްކޮށް، ބޮމުގެ ހަމަލާގައި އިސްކޮށް އުޅުނު ޒަހަރާން ހާޝިމްއާ ރައޫފް ބައްދަލު ކުރެއްވި ކަމަށް ރިޕޯޓުގައި ލިޔެފައިވާ ކަމަށެވެ.

ޕީއެސްސީގެ ތަހުގީގުގައި ވަރަށް ގިނަ ބަޔަކާ ވަނީ ސުވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ރައީސް މައިތުރިޕާލާ ސިރިސޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އީސްޓާ ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރުމަށް ރައީސް ސިރިސޭނާ މިދިޔަ މަހު ވަނީ އަންގަވައިފަ އެވެ. ބޮމުގެ ހަމަލާ އަލުން ތަހުގީގު ކުރަން ސިރިސޭނާ އެންގެވީ ޕާލަމެންޓާއި ފުލުހުންގެ ތަހުގީގު ވަކިފަރާތަކަށް ނުޖެހި ކުރިއަށް ގެންދެވިދާނެކަމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދުމުންނެވެ.

އެޕްރީލް 21 ވަނަ ދުވަހު ކޮލަމްބޯގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ކަމަށް ސަރުކާރުން ބުނަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެސް އުފުލައިފަ އެވެ.

ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އީސްޓާ ސަންޑޭގައި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ހަމަލާ ދޭން ރާވަމުންދާކަމުގެ މައުލޫމާތު އަވަށްޓެރި އިންޑިއާ އިން އެޕްރީލް 4 ވަނަ ދުވަހު ދީފައިވާ ކަމަށެވެ. އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ފިޔަވަޅު އަޅާފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

އިންޓަލިޖެންސް ރިޕޯޓްތަކާ ގުޅިގެން ސީރިއަސް ގޮތެއްގައި އަމަލު ކުރައްވާފައި ނުވާތީ ލަންކާގެ ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.

ބޮމުގެ ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.