Roadha Mihaaru
އެބާރުލުން ނުދިން މީހާ އެއްބާރުލުން ދޭން ފަށައިފި

ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދިން މީހާގެ އެއްބާރުލުން މިހާރު ލިބޭ: މަބްރޫކް

19 އެޕްރީލް 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދިނުމުގައި އެއްބާރުލުން ނުދިން މީހާ މިހާރު އެއްބާރުލުން ދެމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޮންޓެކްޓް ޓްރޭސިން އަށް މައުލޫމާތު ދިނުމުގައި އެއްބާރުލުން ނުދިން މީހާ މިހާރު އެއްބާރުލުން ދެމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ، ބައްޔަށް ޕޮޒިޓިވްވި އެކަކު ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިރެއާ ހަމައަށް އެއްބާރުލުން ނުދީފި ނަމަ އޭނާގެ މައުލޫމާތު ފޮޓޯއާ އެކު އާންމު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ އެ މީހާ މިހާރު އެއްބާރުލުން ދޭން ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އޭނާ އަޅުގަނޑުމެންނަށް އެއްބާރުލުން ދޭން ފަށައިފި އަދި އަޅުގަނޑުމެން ހޯދަން ބޭނުންވި ތަފްސީލުތައް ވެސް ދަނީ ލިބެމުން،" މަބްރޫކް ވިދާޅުވި އެވެ.

މި ވާހަކަ މިއަދު މެންދުރުގެ ބައްދަލުވުމުގައި ހާމަކުރުމުން އެ މީހާއާ ގުޅިގެން ސޯޝަލް މީޑިއާގައި ފަތުރަމުން ދިޔަ އެކި ކަހަލަ ވާހަކަތަކާ މެދު މަބްރޫކް އާއި މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން އެއީ ކޮން ކޭސްއެއްކަން ހާމަކޮށްފައި ނުވާއިރު، އެއީ ވަކި މީހަކު ކަމަށް ބުނެ މީޑިއާތަކުން ހެޑްލައިން ޖަހާ ސޯޝަލް މީޑިއާގައި ފޮޓޯތައް އާންމުކުރަމުންދާތީ ޑރ. ނަޒްލާ ވިދާޅުވީ މިފަދަ ކަންކަމަކީ ގާނޫނީ ފިޔަވަޅު ވެސް އެޅިދާނެ ކަންތައްތައް ކަމަށެވެ.

މީގެ އިތުރަށް އެމީހާއަކީ ޖަރީމާގެއިން ޕޮޒިޓިވްވި މީހެއް ކަމަށް ބުނެ އާންމުން އެ އާއިލާގެ މެމްބަރުންނަށް ގުޅާ ހުތުރުބަހުން މުއާމަލާތްކުރަމުންދާކަން ފާހަގަކުރައްވައި މަބްރޫކް ވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފަ އެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެއްވެސް ބަޔަކު އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.