Roadha Mihaaru
ބަލިފެތުރިދާނެ ގޮތުގެ އަންދާޒާ ލަހެއް ނުވޭ: ސަރުކާރު

ކޮވިޑް-19: ބަލި ފެތުރޭނެ ގޮތުގެ އަންދާޒާ ލަހެއް ނުވޭ: ސަރުކާރު

18 އެޕްރީލް 2020

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކަމަށް ލަފާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދި މޮޑެލް ރައްޔިތުންނާ ހިއްސާ ކުރެވުނުލެއް ލަސް ނޫން ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކަމަށް ލަފާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހެދި މޮޑެލް ރައްޔިތުންނާ ހިއްސާ ކުރެވުނުލެއް ލަސް ނޫން ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ސާވޭއެއް ކުރިން ހަދާފައި ނުވާ ކަމަށާއި ނަަމަވެސްް ރާއްޖޭގައި ބަލި ފެތުރިދާނެ ގޮތުގެ އެކި މޮޑެލްތައް އެކި އިރުގައި ހަދާފައިވާނެ ކަމަށެވެެ. ދުނިޔޭގެ އެކި ޖަމާއަތްތަކުން ހަދާފައިވާ އެ މޮޑެލްތައް ރާއްޖޭގެ ހާލަތަށް ބޭނުން ކުރެވޭ ގޮތަށް ކޮންޓެކްސްޓުއަލައިޒް ކުރެވުމާ އެކު، އާއްމު ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވީ ބަލި ފެތުރިދާނެ ގޮތުގެ ގްރާފްތައް އެހެން ގައުމުތަކުގައި ވެސް ދައްކަން ފަށަނީ އެ ގައުމުތަކުގައި އާންމުކޮށް ބަލި ފެތުރެން ފަށާ ހިސާބުން ކަމަށެވެ.

"ރާއްޖޭގައި ވެސް ފެށުނު ހިސާބުން އަޅުގަނޑުމެން މި ދަނީ ޕްރޮޖެކްޝަންތައް ދައްކަމުން،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރަން އިރުޝާދު ދިން ކަންތައްތައް ރާއްޖޭގައި ނުވެ ދިޔައީ މައުލޫމާތު ނުދެވިގެން ކަމަށް ގަބޫލު ނުކުރެއްވެ އެވެ. ރާއްޖޭގެ "ކާވް" މިހާރު ހުރި ގޮތަށް ބަލާއިރު، އެންގުންތަކަށް އާންމުން ބޯނުލެބީ ކަންކަން ކިޔައި ނުދެވިގެން ނޫން ކަަމަށް މަބްރޫކް ވިދާޅުވި އެވެ.

"މައުލޫމާތު ހުރީ ރަނގަޅަށް ދެވިފައި ކަމަށް ގަބޫލު ކުރަން. އަދި މި ކަހަލަ ކާވް އެއް ކޮންޓެކްސްޓުއަލައިޒް ކުރަން، ދުނިޔޭގެ އެހެން ގައުމަކުން ހަދާފައި އޮންނަ މޮޑެލެއް ރާއްޖޭގެ ކޮންޓެކްސްްޓަށް ގެނައުުމުގެ ކުރިން ތިޔަބޭފުޅުންނާ ހަމައަށް އެ ޕްރެޒެންޓް ކުރުމަކީ ވެސް ޒިންމާދާރުކަން ކުޑަވާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން،" މަބްރޫކް ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ، ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. ނަޒްލާ، ނޫސްވެރިއެއްގެ ސުވާލެއް އަޑުއައްސަވަނީ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މިރޭގެ ޕްރެސް ބްރީފިން ގައި އާންމުކުރި މޮޑެލަކީ އިނގިރޭސި ވިލާތުގެ އިމްޕީރިއަލް ކޮލެޖާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއެޗްއޯ އިން ތައްޔާރުކޮށްފައިވާ ދެ މޮޑެލް ބޭނުންކޮށްގެން ހަދާފައިވާ މޮޑެލެއް ކަމަށާއި އެ ދެމޮޑެލް ހަމަ ލިބުމާ އެކު ރާއްޖޭގެ އަދަދުތައް ލައިގެން ތައްޔާރުކޮށް ދެއްކީ ކަމަށެވެ.

"އެހެންވީމާ އޭތި އަޅުގަނޑުމެން ރިފައިން ކޮށްފައި ހަމަ ވީހާ ވެސް އަަވަހަކަށް ތިޔަ ބޭފުޅުންނަށް ދެއްކީ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭން ކޮމިއުނިޓީ ކޭސް ފެނުމާ އެކީ އެއާ އެއްގޮތަށް ރިވައިސްވެސް ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ސާވޭއެއް ކުރިން ހަދާފައި ނެތް ކަމަށާއި ސިނާރިއޯތަކުގެ މޮޑެލްތައް އާއްމުކޮށް ދައްކައިލީ ހަމަ އެ މަސައްކަތް ނިމުމާ އެކީގައި ކަމަށް މަބްރޫކާއި ނަޒްލާ މިރޭ ވިދާޅުވި ނަމަވެސް އެފަދަ މަސައްްކަތެއް ކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެ މައުލޫމާތު ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހުގެ 16 ގައި ވިދާޅުވި އެވެ.

އެ މަނިކުފާނު އޭރު ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަނީ އެޕިޑެމިއޮލޮޖިކަލް ސާވޭއެއް ހަދައި، އެ ސާވޭގެ ނަތީޖާ އަށް ބަލައިގެން ކަމަށެވެ. އެގޮތުން، ބަލި ކޮންޓްރޯލް ކުރާނެ ގޮތުގެ ތިން ސިނާރިއޯއެއް މައިމޫނާ ވަނީ ސަރުކާރަށް ހުށަހަޅުއްވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މިހާރު އަަމަލުކުރާ ގޮތުގެ ބަދަލުގައި، އަނެއް ދެ ސިނާރިއޯގައި ވެސް އޮތީ ކުއްލިއަކަށް ވަރަށް ބާރަށް ބަލި ފެތުރިދާނެ ހާލަތެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.

"ސަރުކާރަށް ވެސް އަޅުގަނޑުމެނަށް ފެނުނު ގޮތުގައި މާ ސާފުކޮށް އެނގޭ، ވަރަށް ހަރުކަށި ކޮންޓްރޯލް ގެނެސްފިއްޔާ، ބަލި ކުއްލިއަކަށް ފެތުރިގެންދާ މިންވަރު ދަށްކުރެވިދާނެކަން. އެހެން ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަަދު ދިގު މުއްދަތަކަށް ފެތުރިގެންދާކަން،" މައިމޫނާ ދެއްވި މައުލޫމާތުގެ އަލީގައި ނަޝީދު އޭރު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ އެ ވާހަކަފުޅު އެޗްޕީއޭ އިން ދޮގުކޮށްފައެއް ނުވެ އެވެ.