19 އެޕްރީލް 2020
ރާއްޖޭގައި ދިރިއުޅޭ "ބަންގާޅީން"ގެ ސަބަބުން ބަލީގެ ނުރައްކާ ދިވެހިންނަށް ބޮޑު ކަމަށް ނޫސްވެރިޔަކު މިރޭ ސުވާލުކުރުމާ އެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަގުތުން ހުއްޓުވި އެވެ.
ރާއްޖޭގައި ދިރިއުޅޭ "ބަންގާޅީން"ގެ ސަބަބުން ބަލީގެ ނުރައްކާ ދިވެހިންނަށް ބޮޑު ކަމަށް ނޫސްވެރިޔަކު މިރޭ ސުވާލުކުރުމާ އެކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވަގުތުން ހުއްޓުވި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ޕްރެސް ބްރީފިންގައި، ރަސް އޮންލައިނަށް ދިން ފުރުސަތުގައި ނޫސްވެރިޔާ، ބަންގާޅީންނޭ ކިޔައި ފެށުމާ އެކު ވާހަކަ ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނަޒްލާ ނުދެއްވި އެވެ. ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ބިދޭސީންނަކީ ވެސް އިންސާނުން ކަން ހަނދާންކޮށްދެއްވައި، އިހްތިރާމާ އެކު ވާހަކަ ދައްކަން އެދިވަޑައިގަތެވެ.
"އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން ސުވާލުކުރާއިރު ހުރިހާ އެންމެންނަކީ ވެސް އިންސާނުން، އެ މީހުންނަށް އެ ދޭންވާ ރެސްޕެކްޓާ އެއްކޮށްހެން އަޅުގަނޑުމެން އެންމެންގެ ވެސް ބަހުރުވަ ހުންނަންވާނީ އިނގޭތޯ،" ވަރަށް ހިތްހަމަޖެހިވަޑައިނުގެން ނޫސްވެރިޔާ އަށް ނަޒްލާ ވިދާޅުވި އެވެ.
ލައިވް ޕްރެސް ކޮންފަރެންސެއްގައި ބިދޭސީންގެ ހައްގުގައި ނަޒްލާ ނުކުންނެވި އިރު، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ބަޔަކު އާއްމުކޮށް ނިސްބަތްކުރަނީ ބަންގާޅީންގެ ގޮތުގަ އެވެ. އެ މީހުންނަކީ ދަށު ދަރައިގެ ބައެއްގެ ގޮތުގައި ދެކި އިހާނެތިކޮށް އަމަލު ވެސް ހިންގަ އެވެ. އާއްމުންގެ ތެރޭގައި ފެތުރިފައި އޮތް މި ބައްޔާ ދެކޮޅަށް ނަޒްލާ މިރޭ ނުކުންނެވުމާ އެކު އޭނާ އަށް އެތައް ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.
Well done Dr Nazla. That’s how you do it. ?????? pic.twitter.com/sCXYF3pnnQ
— Ahmed Usham (@a_usham) April 19, 2020
ރާއްޖޭގެ ތަރައްގީގައި ބިދޭސީން ވަމުންދާ އެހީތެރިކަމުގެ އަގު، އިންސާނިއްޔަތާ ޚިލާފު ދަށު ދަރަޖައިގެ އަމަލުތަކުން ދެމުން ދިއުމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ނަޒްލާ މިރޭ ވަނީ ސަމާލުކަމަށް ގެންނަވައިފަ އެވެ.
Here you go pic.twitter.com/u9FwNIxita
— ސައި ކޮފީ ?️!!!FLATTEN THE CURVE (@maanu_shareef) April 19, 2020
ރަސް އޮންލައިނުގެ ސުވާލު ގުޅުވީ އެއްފަހަރާ މިއަދު 16 ބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ އާއްމުންގެ ތެރޭގައި އުފެދިފައި އޮތް ކަންބޮޑުވުމާ އެވެ. ބިދޭސީންނަށް ޖެހުމަކީ ދިވެހިންނަށް އޭގެ ނުރައްކާ ބޮޑުވާނެ ކަމެއް ކަމަށާއި އެ މީހުން ރާއްޖެ އިން ފޮނުވާނުލެވިގެން އުޅެނީ ކީއްވެތޯ ކުރި ސުވާލަށް ވެސް މިރޭ ޖަވާބު ދެއްވީ، ޕްރެސް ކޮންފަރެންސްގައި އާއްމުކޮށް ފަރުވާއާ ގުޅޭ ކަންކަމުގައި ބަސް ވިދާޅުވަމުން ގެންދަވާ ނަޒްލާ އެވެ.
ޖަވާބު ފައްޓަވަމުން ވެސް ނޫސްވެރިޔާ އަށް ނަޒްލާ ހަނދާންކޮށްދެއްވީ ބިދޭސީއަކަށް ވިޔަސް ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމެވެ.
އޭނާ ވިދާޅުވީ އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ގާނޫނު ލާޒިމްކުރަނީ ހަމައެކަނި ދިވެހިންގެ ސިއްހަތު ރައްކާތެރިކުރަން ނޫން ކަމަށެވެ. ބިދޭސީން ވެސް ހިމެނޭ ގޮތަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ސިއްހަތު ރައްކާތެރި ކުރަން ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ އަޅުގަނޑުމެންގެ ތެރޭގައި ބައެއް މީހުންގެ ވިސްނުން މި ހުންނަނީ ކީއްވެ ކަމެއް، ބޭރު މީހަކަށް ޖެހިއްޖިއްޔާ އަދި ހާއްސަކޮށް ވަކި ގައުމަކުން އައިސްފައި ތިބި މީހަކަށް ޖެހިއްޖިއްޔާ ދިވެހިންނަށް ޖެހޭނެއޭ، ނުވަތަ އަޅުގަނޑުމެންގެ ތެރެއަށް ބަލި ފެތުރޭނެއޭ،" ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި މި ބަލި އާއްމުންގެ ތެރޭގައި ފެތުރެން ފެށިއިރު ފުރަތަމަ ބަލި ފެނުނީ ދިވެއްސެއްގެ ގައިން ނޫންތޯ ނަޒްލާ ސުވާލު ކުރެއްވި އެވެ. ފުރަތަމަ ޕޮޒިޓިވްވި ބަނގްލަދޭޝްމީހާ އަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅޭ މީހެއް ކަމަށާއި އެހެންކަމުން ބަލި ފެތުރެނީ ދިވެހިންގެ ފަރާތުން ކަމަށް ބަންގްލަދޭޝް މީހުންނަށް ބުނުމުގެ ފުރުސަތު އޮވެދާނެ ނޫންތޯ ކަމަށް ވިދާޅުވެ ނޫސްވެރިޔާ އަށް ވިސްނައިދެއްވަން ވެސް މަސައްކަތް ކުރެއްވި އެވެ.
ބިދޭސީންނާ މެދު ގެންގުޅޭ ގޯސް ވިސްނުން ދޫކޮށްލަން އެދިވަޑައިގެން ނަޒްލާ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ގައުމުތަކުގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ވެސް ފާހަގަވެފައިވާ ކަމަށެވެ. ރާއްޖޭގައި ވެސް ހަމަ އެ މައްސަލަތައް ބޮޑަށް ފެންމަތިވަމުން އަންނަ ކަމަށް ވިދާޅުވެ، ބިދޭސީން ލައްވައި މަސައްކަތް ކުރުވާ މީހުން އެ މީހުން ބައިތިއްބާ ތަންތަނުގެ ހާލަތު އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ކަމަށް ފެންނަން ހުރި ކަމަށް ވިދާޅުވި އެވެ.
"މިކަން ނިމުނީމަ އަޅުގަނޑުމެން ކުރިއަށް ވުރެން ބޮޑަށް ހިތްވަރުލައިގެން ކުރަން ޖެހޭ ގިނަ ކަންތައްތައް. ބޭރު މީހުން ދިރިއުޅޭ ތަންތަނުގެ ހާލަތާއި، އެފަދަ ތަންތަނުގައި އެ މީހުން ތިބޭނީ މަސައްކަތް ކުރުވާ މީހުން ބޭތިއްބީމަ ދެއްތޯ. މިކަންކަމަކީ އަޅުގަނޑުމެން ވެސް އޭގެ ޒިންމާ ނަގަން ޖެހޭ ކަންކަން، ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ ކަންކަން،" ނަޒްލާ ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އަށް ތާއީދުކުރައްވައި ކޮވިޑް-19 އަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބްރޫކް ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ރާއްޖެ އަށް ބަންގްލަދޭޝް އިން ދިން އެހީއާ ގުޅުވައި ދިވެހިންތަކެއްގެ ޖަވާބަކަށް ވީ "ބަންގްލަދޭޝް މީހުން އޭގައި ފޮނުވާލުން ކަމަށް" މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ބައިތިއްބާފައި ތިބެނީ ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށްވާތީ ސަރުކާރުން ވިސްނުންތަކެއް ގެންގުޅެ، މަސައްކަތް ކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ބަންގާޅީން ކަމަށް ނޫސްވެރިޔާ ނިސްބަތްކުރުމުން ހިތްހަމަޖެހިވަޑައިނުގެން، ޕްރެސް ނިންމާލަން އުޅެނިކޮށް ވެސް ނަޒްލާ ފުރުސަތެއް ހޯއްދަވައި، ބިދޭސީން ރާއްޖެ އަށް ވަމުންދާ އެހީތެރިކަން ފާހަގަކުރެއްވި އެވެ.
އޭނާ ހަނދާންކޮށްދެއްވީ، ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެ އިން ބޭރު މީހުންގެ ލަފަ އާއި އިރުޝާދު ދިވެހިންނަށް ލިބޭ މިންވަރާއި ރާއްޖޭގައި ފެސިލިޓީތައް ގާއިމްކޮށްދިނުމާއި އެ ނޫން ކަންކަމުގައި ވެސް ބިދޭސީން އަމަލީ ގޮތުން އިސް ދައުރެއް އަދާކުރަމުން އަންނަ ކަމެވެ.
"އަޅުގަނޑުމެން ފަރުކޮޅުފުށީގެ ފެސިލިޓީ ހެދިއިރު ވެސް އެތަނުގައި މަސައްކަތް ކުރީ ތި ވިދާޅުވި ބަންގްލަދޭޝް މީހުން ވެސް ހިމެނޭ ގޮތުން. މިހާރު ވެސް ކަރަންޓީން ފެސިލިޓީގައި ޕޮޒިޓިވް މީހުން ތިބޭ ތަންތަން ސާފުކުރާ މީހުންގެ ތެރޭގައި ވަރަށް ގިނަ ބޭރު މީހުން. އެއާއެއްކޮށް ފަރުވާ ދިނުމުގައި ވެސް ބޭރުގެ ސިއްހީ ހިދުމަތްތެރިން އަޅުގަނޑުމެންނާ އެއްކޮށް އެބަ މަސައްކަތް ކުރޭ،" ނަޒްލާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ މިއީ، ރަނގަޅު ފުރުސަތެއްހެން ރާއްޖެ އިން ބޭރުގެ އެކިއެކި ފަރާތްތަކުން އަޅުގަނޑުމެންގެ މަސައްކަތުގައި ވެދެއްވާފައިވާ އެހީތެރިކަން، އެ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން ޖެހެނީ،" ނަޒްލާ ވިދާޅުވި އެވެ.
Bravo Dr Nazla. Well said. We need to stop blaming all our problems on foreign workers. They do all our work and yet we miss treat them. We need to change. #BeKind #StayAtHomeSaveLives #WeAreInThisTogether
— Yumna Maumoon (@yumna_maumoon) April 19, 2020
ނަޒްލާގެ ނަމޫނާ އަށް ޝުކުރު އަދާކުރައްވައި މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއް.
ތަފާތުކުރުމާ ދެކޮޅަށް، ނަޒްލާ ދެއްކެވި ހިތްވަރާއި ކެރުންތެރިކަމަށް ސޯޝަލްމީޑިއާގައި އެތައް ބަޔަކު އަންނަނީ ތައުރީފްކުރަމުންނެވެ.
މިރޭ ޑރ.ނަޒްލާގެ ކިބައިން ފެނިގެން ދިޔައީ އިންސާނިއްޔަތުކަމުގެ މާތްސިފަ. ބިދޭސީއަކަށްވީތީ އެމީހުނަަށް ނިކަމެތިވާނެ ގޮތައް ސުވާލު ކުރަންވެސް ފުރުސަތު ނުދިން. ހިތައް އެރި އެއީނޫން ހޭ މޮޅެތި މީހުންނަކީ. pic.twitter.com/BDbtMbd7wa
— murushid (@Murshidhu) April 19, 2020
This made my day. Thank you dr. Nazla. Much respect? #StaySafe #StayHomeStaySafe #FlattenTheCuve pic.twitter.com/7BTxD1KAPy
— Moomina (@moonty12) April 19, 2020
ރާއްޖޭގައި ޒަމާންތަކެއް ވަންދެން ބިދޭސީންނާ ދޭތެރޭގައި އިހާނެތިކޮށް އަމަލުކުރަމުންދިޔައިރު އެފަދަ ބަހެއް ފާޅުގައި ބުނެލާނެ މީހަކު ނެތް ކަމަށް ބުނެ ޝުއޫރުފާޅުކުރި މީހުން ގިނަ އެވެ.
އެކަމަކު ނަޒްލާ މިރޭ ވަނީ، ކޮވިޑް-19 އިން އަރައިގަތުމަށް މިކުރާ މަސައްކަތްތަކާ އެކު އާއްމުންގެ ތެރޭގައި ފެތުރިފައި އޮތް ބިދޭސީންނާ މެދު ރަހުމްކުޑަކޮށް އަމަލުކުރުމުގެ ބައްޔަށް ވެސް ފަރުވާއެއް ހޯދަން ޖެހިފައިވާ ކަން ސަމާލުކަމަށް ގެންނަވައިފަ އެވެ.
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟
ބިދޭސީގެ ފުރާނަ ސަލާމަތްކުރަން ލިބުނީ ކުޑައިރުކޮޅެއް
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ބަލި ކޮންޓްރޯލްވާނެކަމުގެ އުއްމީދު އެބައޮތް: އެންއީއޯސީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ވެންޓިލޭޓަރުތަކުގެ މަތިން ދެން ހަނދާން ނައްތާލާ!
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާކުރަނީ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"