Roadha Mihaaru
މާރުކޭޓުގެ ގޮޅީގައި ހުރި ތަކެތި ހުސްކުރަނީ

މާރުކޭޓުގެ ގޮޅީގައި ހުރި ތަކެތި ހުސްކުރަން ފަށައިފި

18 އެޕްރީލް 2020

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ލޮކްޑައުން ކޮށްފައިވާތީ، ލޯކަލް މާރުކޭޓުގައި ހުރި ތަކެތި ހަލާކުވާން ފެށުމުން އެ މާރުކޭޓު ހުސްކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ ބުދަ ދުވަހުން ފެށިގެން މާލެ ލޮކްޑައުން ކޮށްފައިވާތީ، ލޯކަލް މާރުކޭޓުގައި ހުރި ތަކެތި ހަލާކުވާން ފެށުމުން އެ މާރުކޭޓު ހުސްކުރަން ފަށައިފި އެވެ.

މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ، މާލެ ލޮކްޑައުން ކުރުމުން، ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ހުރި ތަކެތި ނަގަން އެންގީ އެ ތަކެތި ހަލާކުވެދާނެތީ ކަމަށެވެ. އެގޮތުން އިއްޔެ އިން ފެށިގެން މާރުކޭޓު ގޮޅިތަކުން އަންނަނީ ތަކެތީ ހުސް ކުރަމުންނެވެ.

"މިހާރު ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގޮޅިން ތަކެތި ވަނީ ހުސް ކުރެވިފައި،" އޭނާ ވިދާޅުވި އެެވެ.

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި އާންމު ގޮތެއްގައި ވިއްކަނީ، މޭވާ އާއި ތަރުކާރީ އެވެ. މިއީ ވަރަށް އަވަހަށް ހަލާކުވާ ބާވަތްތަކެވެ.

ޝިފާ ވިދާޅުވީ، ތަކެތި ވިއްކަން އުޅެނީ ވިޔަފަރިވެރިންނާ ގުޅުން އޮންނަ މީހުން ކަމުން، ބައެއް ކުދި ފިހާރަތަކަށް ވެސް ގޮޅީގައި ހުރި ތަކެތި ބަދަލު ކުރަމުން އަންނަ ކަމަށެވެ.

އަންނަ މަހުގެ 1 އާ ހަމައަށް މާލެ ލޮކްޑައުންގެ ހާލަތުގައި އޮއްވައި، ގޮޅިތައް ހުޅުވޭނެ ގޮތެއް ނެތުމުން، މިހާރު ހުރި ތަކެތި ހަލާކުވިޔަ ނުދީ ވިއްކޭނެ ގޮތްތައް ފަހި ކުރުމަށްޓަކައި އެ ތަކެތި ލޯކަލް މާރުކޭޓުގެ ގޮޅިތަކުން ނެރުމަށް ސިޓީ ކައުންސިލުން ވަނީ ވިޔަފާރިވެރިންނަށް ފުރުސަތު ދީފަ އެވެ.

މާރުކޭޓު ބަންދު ކުރި ނަމަވެސް ރާއްޖޭގެ ދަނޑުވެރިން ވިއްކާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ވިއްކޭނެ އިންތިޒާމުތައް ވަނީ ހަމަޖެހިފަ އެވެ. މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ރަށްރަށުގައި ދަނޑުވެރިކަން ކުރުން ވަނީ އިތުރުކޮށްފަ އެވެ.

ލޯކަލް މާރުކޭޓުގައި ހުރި ތަކެތި ހުސްކުރަން ފުރުސަތު ދިން އިރު، އަންނަ ހުކުރު ދުވަހު ފަށާ ރޯދަ މަހަށް މާރުކޭޓު ގޮޅިތަކުގެ ގިނަ ވިޔަފާރިތަކުން ދިޔައީ ތައްޔާރު ވަމުންނެވެ. އާންމު މަސްމަހަށް ވުރެ ތިން ހަތަރު ގުނައަށް ވިޔަފާރި އިތުރުވާ ރޯދަ މަހު، މި ފަހަރު މާލެ ލޮކްޑައުން ކޮށްފައި އޮތުމުން ގޮޅިތައް ހިންގާ ވިޔަފާރިވެރިންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަަމަށް ބެލެވެ އެވެ.

މާލެ ލޮކްޑައުން ކުރީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު މާލެއިން ފެނުމުންނެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން މިހާތަނަށް މާލެއިން 14 މީހަކު މިބައްޔަށް ޕޮޒިޓިވްވެފައިވާ އިރު ރާއްޖެއިން މިބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 34 އަށް އަރައިފަ އެވެ. މާލެ އިން ޕޮޒިޓިވްވި ވި 14 މީހުންގެ ތެރެއިން އެކަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހެކެވެ.