13 އޮކްޓޯބަރ 2016
އެއްވެސް މެދުވެރިއެއް ނެތި ތައިލެންޑުން ރާއްޖެ އަށް ކާނާގެ ބާވަތްތައް އެތެރެކުރެވޭނެ ގޮތް ހަދަން ދެ ގައުމުން އިއްޔެ މަޝްވަރާކޮށްފި އެވެ.
އެއްވެސް މެދުވެރިއެއް ނެތި ތައިލެންޑުން ރާއްޖެ އަށް ކާނާގެ ބާވަތްތައް އެތެރެކުރެވޭނެ ގޮތް ހަދަން ދެ ގައުމުން އިއްޔެ މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ބޭއްވެވި ނުރަސްމީ ބައްދަލުވުމެއްގަ އެވެ.
ނަމަވެސް، ރާއްޖެ އާއި ތައިލެންޑާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރަން އުފައްދާފައިވާ ކޮމިޓީގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ތައިލެންޑުގެ ކޮމާސް މިނިސްޓަރު ވަނީ ރޭ ކުއްލި ގޮތަކަށް ފުރާވަޑައިގެންފަ އެވެ. ތައިލެންޑުގެ ރަސްގެފާނުގެ ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން، ކޮމާސް މިނިސްޓަރު އެނބުރި ގައުމަށް ވަޑައިގެންނެވުމުން، މިއަދު ބާއްވަން އޮތް ދެ މިނިސްޓަރުންގެ ރަސްމީ ބައްދަލުވުން ވަނީ ކެންސަލްކޮށްފަ އެވެ.
ތައިލެންޑުގެ ކޮމާސް މިނިސްޓަރު ފުރާވަޑައިގަތުމުގެ ކުރިން ރޭ އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ތައިލެންޑުން ރާއްޖެ އަށް ކާނާގެ ބާވަތްތައް މިހާރު އެތެރެކުރަނީ ބްރޯކަރުން މެދުވެރިކޮށެވެ. އެކަން ބަދަލުކޮށް، ދަނޑުވެރިންނާއި އެ ނޫން ވެސް ކާނާގެ ބާވަތްތައް އުފައްދާ ތައިލެންޑުގެ ފަރާތްތަކާ ސީދާ މުއާމަލާތް ކުރުމުގެ ފުރުސަތު ރާއްޖޭގެ ވިޔަފާރިވެރިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ތައިލެންޑް ސަރުކާރުން ވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް އެއީ. މީގެ ސަބަބުން ބޮޑު ލުއި ފަސޭހަކަމެއް ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ރާއްޖެ އާއި ތައިލެންޑާ ދެމެދު އުފައްދާފައިވާ ޓްރޭޑް ކޮމިޓީގެ ދެވަނަ ބައްދަލުވުން އިއްޔެ ކުރިއަށް ދަނީ.-- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ތައިލެންޑުގެ ކޮމާސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އާއި ތައިލެންޑުން ވިޔަފާރީގެ ގުޅުން ބަދަހި ކުރެވިދާނެ ގިނަ ދާއިރާތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި، މިހާރު ވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރާ ކާނާ އާއި މަހުގެ އިތުރުން ޓޫރިޒަމް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންވެސްޓްމެންޓް ގެނައުމަށް ވެސް ރާއްޖެ އަކީ ވަރަށް ރަނގަޅު މަންޒިލެއް،" ތައިލެންޑުގެ މިނިސްޓަރު ވިދާޅުވި އެވެ.
ކޮމާސް މިނިސްޓަރު ކުއްލި ގޮތަކަށް އެނބުރި ވަޑައިގެންނެވުމާ ގުޅިގެން މިނިސްޓަރުންގެ ބައްދަލުވުން ކެންސަލް ކުރިޔަސް، އިއްޔެ ފެށި ޖޮއިންޓް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގެ އެހެން ބައިތައް ރާވާފައިވާ ގޮތަށް ކުރިއަށް ދާނެ އެވެ. އެ ގޮތުން، ދެ ގައުމުގެ ވިޔަފާރިއާ ބެހޭ އިދާރާތަކުގެ އިސް އޮފިޝަލުންގެ މަޝްވަރާތައް ވެސް ވަނީ ބާއްވާފަ އެވެ.
މީގެ އިތުރުން، ކޮމާސް މިނިސްޓަރާ އެކު ރާއްޖެ ވަޑައިގެންނެވި އެކްސްޕޯޓް ވިޔަފާރީގައި ހަރަކާތަތްތެރިވާ އެ ގައުމުގެ އެންމެ ބޮޑު 30 ކުންފުނީގެ އިސް ވެރިން ވެސް ވަނީ މަޑުކުރައްވައިފަ އެވެ. އެ ކުންފުނިތަކުން އެކްސްޕޯޓު ކުރާ ތަކެތި ދައްކާލުމަށް ބާއްވާ ހާއްސަ ފެއާ ވެސް މިއަދު ދަރުބާރުގޭގައި ކުރިއަށް ދާނެ އެވެ. އަދި އެ ކުންފުނިތަކުގެ އިސް ވެރިންނާ ބައްދަލު ކުރުމުގެ ފުރުސަތު، ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރު ފަހު 2:30 އިން ހަވީރު 5:00 އަށް ކުރިއަށް ދާ ފެއާގެ ތެރޭން ދޭ ގޮތަށް ވެސް ނިންމާފައިވެ އެވެ.
މިދިޔަ ޖެނުއަރީ މަހު ރައީސް އަބްދުﷲ ޔާމީން ތައިލެންޑަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތުން، އެ މަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ތައިލެންޑުގެ ކޮމާސް މިނިސްޓަރާއި އެ ގައުމުގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފަ އެވެ.
ތައިލެންޑުން ރާއްޖެ އަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރެ އެވެ. އޭގެ ތެރޭގައި އަންނައުނާއި ފޭރާން ފަދަ އެއްޗެހި ހިމެނޭއިރު، ރާއްޖޭން ބޭރު ކުރާ މަހުގެ ވަރަށް ބޮޑު ބައެއް ތައިލެންޑަށް ގެންދެ އެވެ. އެ ގޮތުން، މިދިޔަ އޮގަސްޓު މަހު އެކަނި ވެސް 47 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ތައިލެންޑަށް ވިއްކާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެފްޓީއޭ ހަދަން ޖެހުނީ އެކަށީގެންވާ އަގު ނުލިބޭތީ
ތައިލެންޑުން ގެންނަ ބައެއް މުދަލުން ޑިއުޓީ ކަނޑާލަނީ
އެކި ގައުމުތަކުގެ ކުންފުނިތައް ގެނެސް ފޯރަމް ބާއްވަނީ
ތައިލެންޑާއި ދިވެހި ވިޔަފާރިވެރިން އެއް ތަނަކަށް
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ރާއްޖެއަށް އަސާސީ މުދާ ގެންނަން އިތުރު ދެ ޕޯޓެއް
ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު
"ހަރަދު ކުޑަ ކުރަން ރިފޯމުގެ މަސައްކަތް ފަށައިފިން"
މެޑިކަލް، ސްޕޯޓްސް، އެޑިއުކޭޝަން ޓޫރިޒަމް ގެންނަނީ