Roadha Mihaaru
އެމިރޭޓްސްއިން ޓިކެޓް ނެގި މީހުންނަށް ބޮޑު ލުޔެއް

އެމިރޭޓްސްއިން ޓިކެޓް ނެގި މީހުންނަށް ބޮޑު ލުޔެއް

15 އެޕްރީލް 2020

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އިން އެ އެއާލައިންގެ ކަސްޓަމަރުންނަށް ޓިކެޓުތައް ރީފަންޑު ކުރުމުގައި ލުއިތަކެއް ދީފަ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އިން އެ އެއާލައިންގެ ކަސްޓަމަރުންނަށް ޓިކެޓުތައް ރީފަންޑު ކުރުމުގައި ލުއިތަކެއް ދީފަ އެވެ.

އެމިރޭޓްސް އިން ވަނީ އަންނަ މެއި މަހުގެ ނިޔަލަށް ޓިކެޓު ނަގާފައިވާ މީހުންނަށް ތިން "ޗޮއިސް" އެއް ދީފަ އެވެ. މީގެ ތެރޭގައި ފުލް ރިފަންޑަށް އެދުމާއި ޓިކެޓު ވައުޗަރަށް ބަދަލު ކުރުމާއި ޓިކެޓު އޮތްގޮތަށް ބޭއްވުން ހިމެނެ އެވެ.

މި ފުރުސަތުގައި ޓިކެޓު ބަދަލު ކުރަން ބޭނުން ނުވާ މީހުންނަށް ދެ އަހަރު ދުވަހުގެ ތެރޭގައި ބޭނުން ދުވަހަކަށް ޓިކެޓު ބަދަލު ކުރެވޭނެ އެވެ. މިގޮތަށް ބަދަލު ކުރާއިރު އެއްވެސް އިތުރު ފައިސާއެއް ނުނަގާނެ ކަމުގެ ޔަގީންކަން އެމިރޭޓްސް އިން ވަނީ ދީފަ އެވެ.

ޓިކެޓުތައް ވައުޗަރަށް ބަދަލު ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދެ އަހަރު ދުވަސް ވަންދެން އެ ވައުޗަރުގެ ބޭނުން ކުރެވޭނެ އެވެ. މި ވައުޗަރުތައް ޓިކެޓުގެ އިތުރުން އެމިރޭޓްސްގެ އިތުރު ހިދުމަތްތަކަށް ވެސް ބޭނުން ކުރެވޭނެ އެވެ. މީގެ އިތުރުން ވައުޗަރާއި ޓިކެޓް ބޭނުން ނުވާ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޗާޖަކާއި ނުލައި ފުލް ރިފަންޑު ލިބޭނެ އެވެ.

އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކާޒިމް ވިދާޅުވީ ޓިކެޓުތައް ރިފަންޑު ކުރުމުގައި ގެނައި ބަދަލުތަކަކީ ކަސްޓަމަރުންނަށް މި ދަނޑިވަޅުގައި ލުޔެއް ހޯދައިދިނުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި ދެ އަހަރުގެ މުއްދަތެއް ދީފައިވަނީ އެހާތަނަށް ކޮވިޑް-19ގެ ވެކްސިނެއް ފެނި ދަތުރު ކުރުން ފަށާނެ ކަމަށް ލަފާކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ އެއާލައިންތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. އަދި މި ދުވަސްތަކުގައި ޓިކެޓު ނަގާފައި ތބި ކަސްޓަމަރުންނަށް ރިފަންޑު ކޮށްދިނުމަށް އެކި އެއާލައިންތަކުން ދަނީ ޕޮލިސީތައް ތައްޔާރު ކުރަމުންނެވެ.