Roadha Mihaaru
އެމިރޭޓްސް އިން މާލެ-ކޮލަމްބޯ ދަތުރުތައް ފަށަނީ

އެމިރޭޓްސް އިން މާލެ-ކޮލަމްބޯ ދަތުރުތައް އަންނަ މަހު ފަށަނީ

25 އޯގަސްޓް 2021

އެމިރޭޓްސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމިރޭޓްސް އިން މާލެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް އަންނަ މަހު ފަށަން ތައްޔާރު ވެއްޖެ އެވެ.

އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އެމިރޭޓްސް އިން ދުބާއީ އާއި ކޮލަމްބޯއާ ދެމެދު ކުރާ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ފަށާ ދަތުރުތަކެއް ކަމަށެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބޮއިން 777 މަރުކާގެ ބޯޓު ކަމަށް އެމިރޭޓްސް އިން ބުނެ އެވެ.

އެ އެއާލައިނުން ނިންމާފައި ވަނީ މާލެ އާއި ކޮލަމްބޯ އަށް ކޮންމެ ދުވަހަކު ދަތުރެއް ބާއްވާ ގޮތަށެވެ. އެގޮތުން ދުބާއީ އިން ފުރައިގެން ފްލައިޓު ރާއްޖެ އަށް އަންނާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 ގަ އެވެ. މާލެ އިން ކޮލަމްބޯ އަށް ފުރާނީ ހަވީރު 4:35ގަ އެވެ.

އެމިރޭޓްސް އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަސިންޖަރުން ގެންނަ އެއާލައިނެވެ. އެ އެއާލައިނުން މި އަހަރުގެ މިހާތަނަށް 141،505 މީހުން ވަނީ ރާއްޖެ އަށް ދަތުރުކޮށްފަ އެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވައިލުމުން އެންމެ ފުރަތަމަ ދަތުރު ފެށީ ވެސް އެމިރޭޓްސް އިންނެވެ.