Roadha Mihaaru
ސިގްނަލް ވަރުގަދަ ކުރަން ބޫސްޓަރު ހަރުނުކުރަން އެދެފި

ސިގްނަލް ވަރުގަދަ ކުރަން އަމިއްލަ އަށް ބޫސްޓަރު ހަރު ނުކުރަން އަންގައިފި

07 އެޕްރީލް 2020

މޮބައިލް ފޯނުގެ ސިގްނަލް ރަނގަޅު ކުރަން އަމިއްލަ އަށް ބޫސްޓަރާއި ރިޕީޓަރު ހަރު ނުކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޮބައިލް ފޯނުގެ ސިގްނަލް ރަނގަޅު ކުރަން އަމިއްލަ އަށް ބޫސްޓަރާއި ރިޕީޓަރު ހަރު ނުކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އިން އަންގައިފި އެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ފޯނުގެ ސިގްނަލް ރަނގަޅު ކުރުމަށް ބައެއް މީހުން އަމިއްލަ އަށް ބޫސްޓަރާއި ރިޕީޓަރު ހަރުކުރަމުންދާ ކަމަށެވެ. އެކަމަކު، އެގޮތަށް ހެދުމުން އެ ތަނެއްގައި ފޯނުގެ ސިގްނަލް ވަރުގަދަ ވިޔަސް، އެ ސަރަހައްދުގެ އެހެން މީހުން މޮބައިލް ފޯނު ބޭނުން ކުރަން ގިނަ ދަތިތައް ކުރިމަތިވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެހެންވެ، ސިގްނަލް ހޯދުމަށްޓަކައި ބޫސްޓަރާއި ރިޕީޓަރުު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލަ އަށް އިންސްޓޯލް ނުކުރުމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީން އެދެ އެވެ. އަދި ސިގްނަލް ލިބުމުގައި މައްސަލައެއް އުޅޭ ނަމަ، އެކަން މޮބައިލް ޚިދުމަތް ދޭ ކުންފުނިތަކަށް އެންގުމަށާއި އެކަން ހައްލު ނުވާ ނަމަ، އެ އޮތޯރިޓީ އަށް އެކަން ހުށަހެޅޭނެ ކަމަށް ބުންޏެވެ.

ސިގްނަލް ރަނގަޅު ކުރަން އަމިއްލަ އަށް ބޫސްޓަރު ހަރު ނުކުރަން ކޮމިއުނިކޭޝަން އޮތޯރިޓީން އިލްތިމާސް ކުރިއިރު، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެދުމުގެ މަތިން އިންޓަނެޓް ޚިދުމަތް ދޭ ކުންފުނިތަކުން ވަނީ އިންޓަނެޓްގެ އަގު ހެޔޮކޮށް، އެކަމުގައި އިތުރު ލުއިތަކެއް ދޭން ފަށައިފަ އެވެ.