Roadha Mihaaru
ވަޒީފާއިން ވަކި ކުރާ މީހުންނަށް 3 މަހުގެ އެލަވަންސެއް

ވަޒީފާއިން ވަކި ކުރާ މީހުންނަށް ތިން މަހު އެލަވަންސެއް ދެނީ

02 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އަޑިގަނޑުގައި ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ވަންދެން ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އަޑިގަނޑުގައި ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ވަންދެން ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ އެލަވަންސެއް ދިނުމަށްޓަކައި، އެކަމުގެ އުސޫލުތައް މިހާރު އެކުލަވައިލަމުން އަންނަ ކަމަށެވެ.

"މިހާރު ދަނީ ޑިސްކަޝަންތައް. އިރާދަކުރެއްވިއްޔާ މިކަމުގެ ޑީޓެއިލްތައް އަންނަ ހަފްތާގައި ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާތަނަށް އިކޮނޮމިކް މިނިސްޓަރީގެ ޖޮބް ސެންޓަރުގައި 292 މީހުން ވަނީ ވަޒީފާ ގެއްލިގެން ނަން ނޯޓުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11،000 މުވައްޒަފުންނަށް ވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިގެން ގޮސްފައިވާ ކަމަށް ޓޫއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެ އެވެ.

ޓީމުން ވަނީ ކަމާ ބެހޭ ރަސްމީ އިދާރާތަކުގެ ސަމާލުކަމަށް އެ މައްސަަލަ ގެނެސްފަ އެވެ. ލޭބާ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ ބައެއް ރިސޯޓްތަކުން މުވައްޒަފުން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

ލޭބަ އޮތޯރިޓީން ގޮވާލީ މި ދަނޑިވަޅުގައި ވެސް މުވައްޒަފުން ވަކިކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލް ކުރުމަށެވެ. މި ހާލަތުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކި ކުުރުމާއި ނޯޕޭއަށް ހުށަހަޅާ މީހުންނަށް ވެސް އެކަން އިކޮނޮމިކް މިނިސްޓްރީ އަށް ރިޕޯޓު ކުރެވޭނެ އެވެ.