Roadha Mihaaru
ޖަޔަލަލިތާއާ ބެހޭ ދޮގު ވާހަކަ ދެއްކި ދެ މީހަކު ބަންދު

ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރި ދެ މީހަކު ހައްޔަރުކޮށްފި

11 އޮކްޓޯބަރ 2016

ޗެންނާއީ (އޮކްޓޯބަރު 11) - ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޗެންނާއީ (އޮކްޓޯބަރު 11) - ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު ޖަޔަރާމް ޖަޔަލަލިތާގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ދެކުނު އިންޑިއާގެ މީހުންގެ މެދުގައި މަގްބޫލްކަން ހޯދާފައިވާ ޖަޔަލަލިތާ އަށް ގެންދަނީ ސެޕްޓެމްބަރު 22 އިން ފެށިގެން ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ޖަޔަލަލިތާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ސާފު މައުލޫމާތު އާއްމުކޮށްފައި ނުވާތީ އެކި މީހުން ދަނީ އެކި ގޮތަށް ވާހަކަ ދައްކަމުންނެވެ.

ފުލުހުން ބުނީ ޖަޔަލަލިތާއާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރައިގެން މިއަދު ހައްޔަރުކުރި އެކަކީ ޓެކްނީޝަނެއް ކަމަށެވެ. އޭނާ ވަނީ ޖަޔަލަލިތާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ހިމެނޭ އޯޑިއޯ ކްލިޕެއް އަޕްކޮށްފަ އެވެ. ދެން ހައްޔަރުކުރި އިންޖިނޭރު ވެސް ވަނީ ޗީފް މިނިސްޓަރުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން ފޭސްބުކުގައި ދޮގު މައުލޫމާތު އާއްމުކޮށްފަ އެވެ.

ޖަޔަލަލިތާ އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލުން ފުރަތަމަ ބުނީ އެކަމަނާ އަށް ފަރުވާ ދެނީ ހުމަށާއި ޑީހައިޑްރޭޝަނަށް ކަމަށެވެ. އެކަމަކު މި މަހު 3 ވަނަ ދުވަހު އާއްމުކުރި މީޑިއާ ބަޔާނެއްގައި ބުނެފައި ވަނީ ޖަޔަލަލިތާ އޮންނެވީ "ރެސްޕިރޭޓަރީ ސަޕޯޓުގައި" ކަމަށާއި އެންޓިބަޔޮޓިކް ދެމުންދާ ކަމަށެވެ. އަދި އެކަމަނާ އަށް ފަރުވާ ދިނުމަށް އިނގިރޭސިވިލާތުން ޚާއްސަ ޑޮކްޓަރަކު ގެނެސްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޖަޔަލަލިތާގެ އޭއައިއޭޑީއެމްކޭ ޕާޓީގެ ތަރުޖަމާން ސީއާރު ސަރަސްވަތީ ރާއޯ ކުރިން ވިދާޅުވެފައި ވަނީ ޖަޔަލަލިތާ ގެންދަވަނީ ހޮސްޕިޓަލުގައި ކޮންމެ ދުވަހަކު ވެސް ވަޒީރުންނާއި ސަރުކާރުގެ އެހެން އޮފިޝަލުންނާ ބައްދަލުކުރައްވާ ސަރުކާރު ހިންގަވަންވީ ގޮތުގެ ލަފާ ދެއްވަމުން ކަމަށެވެ.

އެކަމަކު އިދިކޮޅު ފަރާތްތަކުން ދަނީ 68 އަހަރުގެ ޖަޔަލަލިތާގެ ސިއްހީ ހާލު ގޯސް ކަމަށާއި އެކަމަނާ އަށް ސްޓޭޓް ނުހިންގެވޭ ކަމަށް ބުނަމުންނެވެ. އޭއައިއޭޑީއެމްކޭ ބުނެފައި ވަނީ ޖަޔަލަލިތާގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ މީހުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.