01 އެޕްރީލް 2020
މާލެއަށް އޭރު ކުރިމަތިވެފައި އޮތް ފެނުގެ މައްސަލަ ހައްލުކުރަން، ޑެންމާކްގެ ދެ ކުންފުންޏަކާ ގުޅިގެން ސަރުކާރުން އުފެއްދި އެމްޑަބްލިއުއެސްސީ އަކީ، ވަރަށް ކާމިޔާބު މޮޑެލްއެއް ކަމަށް، މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެއަށް އޭރު ކުރިމަތިވެފައި އޮތް ފެނުގެ މައްސަލަ ހައްލުކުރަން، ޑެންމާކްގެ ދެ ކުންފުންޏަކާ ގުޅިގެން ސަރުކާރުން އުފެއްދި އެމްޑަބްލިއުއެސްސީ އަކީ، ވަރަށް ކާމިޔާބު މޮޑެލްއެއް ކަމަށް، މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިޔުއެސްސީގެ 25 ވަނަ އަހަރީ ދުވަހާ ގުޅިގެން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ، އޭރު ދުނިޔެއިން ލިބެން ހުރި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން ފެން އުފައްދައި، ގޭގެއަށް ފެން ފޯރުކޮށްދިނުމުގައި ޑެންމާކް ކަހަލަ ޔޫރަޕްގެ ކުރިއަރާފައިވާ ގައުމެއް ބައިވެރިވުމަކީ، ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.
"މިއީ ވަރަށް ކާމިޔާބު މޮޑެލްއެއް. އޭރަށް ބަލަންޏާ ލޮނު، ތާޒާ ފެނަށް ބަދަލުކުރުމަކީ ތިން ވަނަ ދުނިޔޭގެ ގައުމުތަކަށް ފަސޭހައިން ލިބެން އޮތް ހިދުމަތެއް ނޫން،" މި އަހަރުގެ ޖެނުއަރީ މަހު މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ޝާހު ވިދާޅުވި އެވެ.
"ޔޫރަޕްގެ ކުރިއަރާފައިވާ ގައުމެއްގެ އެހީއާ ނުލާ ރާއްޖެއަށް ކުރެވެން އޮތް ކަމެއް ނޫން އެއީ. އޭރު ޑެންމާކް ކަހަލަ ފެންވަރު ރަނގަޅު ގައުމެއްގެ ޓެކްނޮލޮޖީ ނުލިބުނު ނަމަ މިހާ ހިސާބަކަށް ނުދެވުނީސް."
އެޕްރީލް 1، 1995 ގައި ސަރުކާރުން އެމްޑަބްލިއުއެސްސީ އުފެއްދީ ޑެންމާކްގެ ސަރުކާރުން އެކި ގައުމުތަކުގެ ތަރައްގީއަށް މާލީ ގޮތުން އެހީވާން ހަދާފައި އޮންނަ އިންޑަސްޓްރިއަލައިޒޭޝަން ފަންޑް ފޯ ޑިވެލޮޕިން ކަންޓްރީޒް (އައިއެފްޔޫ) އާއި ޑެންމާކްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އާރުއެންޑްއެސްގެ ހިއްސާއާ އެކު އެވެ.
އެ ނިންމުމާ ހަމައަށް ދާން ޖެހުނީ އޭރު ސަރުކާރުން ދޫކުރަމުން އައި ފެނުން ހިފެހެއްޓޭ ވަރަށް ވުރެ މާލޭގެ އާބާދީ ބޮޑުވުމާއި މާލޭގެ ބިމުގެ ފެން ލޮނުވުން ފަދަ ބޮޑެތި މައްސަލަތައް ދިމާވެގެން، އެ ނޫން ހައްލެއް ފެންނަން ނެތުމުންނެވެ.
އެމްޑަބްލިއުއެސްސީން މާލޭގެ އިމާރާތްތަކަށް ފެން ހޮޅި ގުޅައި، ޖެނުއަރީ 20، 1996 ގައި ފުރަތަމަ ފަހަރަށް ފެން ދޫކުރަން ފެށިއިރު، ހޫނު ގަދަ ދުވަސްވަރު، މާލޭގެ މިސްކިތްތަކުގެ އިސްކުރު ބަރި އާއި އެމްޑަބްލިއުއެސްސީގެ ބޭރުގައި ހުރި އިސްކުރު ބަރިތައް ކައިރީގައި މީހުން ތިބެނީ ކިޔު ޖެހިގެންނެވެ. އެ ހާލަތަށް ވެރިރަށް ފެނަން ޖެހުމުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން، ޑެންމާކާ ވާހަކަ ދައްކައިގެން އުފެއްދި ކުންފުނީގެ ސަބަބުން، ފެނުގެ މައްސަލަ ހައްލުވި އެވެ.
ޝާހު ވިދާޅުވި ގޮތުގައި ރިހި ޔޫބީލްއާ ހަމައަށް ދެވުނު އިރު އެމްޑަބްލިއުއެސްސީ އަކީ ރާއްޖޭގެ ނިސްބަތުން ވެސް ވަރުގަދަ ކުންފުންޏެކެވެ. މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެނީ ވެސް މަތީ ފެންވަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެގްޒެކްޓިވް ޓީމުގައި ވެސް ތިބީ ކިޔަވައިގެން ތިބި، ތަޖުރިބާކާރު ބޭފުޅުން. އޭގެ ދަށަށް ވެސް ތިބީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަންނަ ޓީމެއް،" ގާތްގަނޑަކަށް 900 މުވައްޒަފުން ތިބި ކުންފުންޏާ ބެހޭ ގޮތުން ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު: އޭނާ ވިދާޅުވީ ގާބިލް ޓީމެއް އެބަ އޮތް ކަމަށް
"އަޅުގަނޑު ދަންނަވާނީ މިއީ ރައްޔިތުންގެ އިތުބާރު ބޮޑު ކުންފުންޏެކޭ. މި ކުންފުނިން ދޭ ޚިދުމަތްތައް ރައްޔިތުން ވަރަށް ރަނގަޅަށް ބަލައިގަނެއޭ."
އޭނާ ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީ ދެން އޮތް ހަރުފަތަަށް ގެންދަން ކުރަން ޖެހޭ މަސައްކަތްތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މާލޭގައި ފަސް ދުވަހަށް ބޭނުންވާ ފެނުގެ ރިޒާވެއް ހަދާށާއި މިހާރު ނަރުދަމާ އިން މޫދަށް ދޫކުރާ ނަޖިސް ފެން ޓްރީޓްކޮށްގެން ބޭރުކުރެވޭނެ ނިޒާމެއް ގާއިމްކުރުން ފަދަ މަޝްރޫއުތަކަށް އޭނާގެ އިތުބާރު ބޮޑެވެ.
"އަޅުގަނޑަށް ވަރަށް އިތުބާރު އެބަ އޮތް ކުންފުނި އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތަށް. އެ މަސައްކަތްތަކުގައި އެގްޒެކްޓިވް ޓީމު ވަރަށް މުހިންމު. އަޅުގަނޑުމެން ބޭނުންވާ އަނެއް ހަރުފަތަށް ދާން، އެހެން މުވައްޒަފުން ވެސް ވަރަށް ބޮޑު މަސައްކަތެއް ކުރޭ،" ޝާހު ވިދާޅުވި އެވެ.
މިހާރު މާލޭގައި ހުރީ އެންމެ ދުވަހަކަށް ބޭނުންވާ ފެނުގެ ރިޒާވެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިން އެސްޓީއޯއަށް ދީފައި އޮތް ބިމެއް މިހާރު ވަނީ އެމްޑަބްލިއުއެސްސީއާ ސަރުކާރުން ހަވާލުކޮށްފަ އެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަން، ޝާހު ފާހަގަކުރެއްވި އެވެ. އަދި އެތަނުގައި ބޮޑެތި ތާނގީތަކެއް ހަދައި، ފެނުގެ ރިޒާވް ބޮޑުކުރުމުގެ މަސައްކަތަށް ކުންފުނި އަންނަނީ ތައްޔާރުވަމުންނެވެ.
ކެޕިޓަލް: 320 މިލިއަން ރުފިޔާ
ދިވެހި ސަރުކާރު: 70 ޕަސެންޓް ހިއްސާ
އައި.އެފް.ޔޫ: 18 ޕަސެންްޓް ޙިއްސާ
އާރު.އެންޑް.އެސް: 12 ޕަސެންޓް ޙިއްސާ
ޑެންމާކްގެ ދެ ކުންފުނީގެ 30 ޕަސެންޓް ސަރުކާރުން ގަތް
އެމްޑަބްލިއުއެސްސީގެ 30 ޕަސެންޓް ހިއްސާ ޖަޕާންގެ ހިޓާޗީ ކުންފުންޏަށް ފަހުން ވިއްކާލި
އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ދުވަސް މިދިމާވީ ކޮވިޑް-19 ގެ ސަބަބުން މުޅި ގައުމާއި ދުނިޔެ ވެސް ހުއްޓިފައި އޮތް ދުވަސްވަރަކާ އެވެ. އެހެންކަމުން ކުރިން ރާވާފައި އޮތް ގޮތަށް އަހަރީ ދުވަހުގެ ޖަލްސާ އާއި އެހެން ހަރަކާތްތައް ވަނީ ފަހުގެ ތާރީޚަކަށް ލަސްކޮށްފަ އެވެ.
ޝާހު ވިދާޅުވީ މިހާރު އެންމެ އިސްކަން ދެނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް ހުރިހާ މުވައްޒަފުން ވެސް އަމަލްކުރަން، އޭނާ އެދިވަޑައިގަތެވެ.
"ސަރުކާރުން ތިން ހަފުތާއަށް ބަންދުވެފައި މި އޮތީ. އަޅުގަނޑުމެން ވެސް ކޮންމެހެން ނެރެން ޖެހޭ މުވައްޒަފުން ނޫނީ އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުވަނީ،" ޝާހު ވިދާޅުވި އެވެ.
އިގުތިސާދީ ގޮތުން ދިމާވި މި ކުއްލި ހާލަތުގައި އެމްޑަބްލިއުއެސްސީން ނިންމާފައި ވަނީ ފެން ބިލުން 30 ޕަސެންޓްގެ ޑިސްކައުންޓެއް ދޭށެވެ.
"މީޓަރު ނަގަން މުވައްޒަފުންކޮޅެއް އެބަ މަސައްކަތް ކުރޭ. އަޅުގަނޑު އެ މުވައްޒަފުންގެ ކިބައިން ވެސް އެދެން، މި ދަނޑިވަޅު ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް، ރައްކާތެރިކަމާ އެކު ކުރިއަށް ގެންދަން،" ޝާހު ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީ އުފެއްދުމުގެ މަރުހަލާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެއީ އޭރުގެ ސަރުކާރުން ނިންމި ވަރަަށް މުހިންމު ނިންމުމެކެވެ. އޭރު އެ ފުރުސަތުގެ ބޭނުން ނުކުރި ނަމަ، މާލޭގެ ފެނުގެ މައްސަލަ ހައްލުނުކުރެވުނީސް ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ކުންފުނި އުފެއްދީ، ފަސް އަހަރު ފަހުން ދިވެހި މެނޭޖްމަންޓަކަށް ހިންގުން ބަދަލުކުރަން، އެއްބަސްވުމުގައި ހިމަނައިގެންނެވެ. އެހެންކަމުން ޑެންމާކްގެ މެނޭޖްމަންޓުން ދިވެހިން ތަމްރީންކޮށް، އެވަރުގެ ކުންފުންޏެއް ހިންގޭ ކަހަލަ ގާބިލް ދިވެހި މުވައްޒަފުންތަކެއް އުފެއްދި އެވެ. އޭގެ ފަހުން މިހާތަނަށް ވެސް ޓޮޕް މެނޭޖްމަންޓުގައި ތިއްބެވީ މުޅިން ވެސް ދިވެހިންނެވެ.
ޕެވިލިއަންގެ ދެ މައްސަލައެއް ކޯޓުގައި
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ފެންބޮޑުވުން ހައްލުކުރަން ހާއްސަ މަސައްކަތްތަކެއް!
މާފުށީގެ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށަނީ
"ޕަމްޕްތައް ރަނގަޅު، މައްސަލަައަކީ ޑިޒައިންކުރި ގޮތް"
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނާ ފްލެޓް ހަވާލުކޮށްފި
ސާފު ބޯފެން އުފައްދާ ނިޒާމެއް ގުޅިފަޅުގައި ހަދަނީ
މިއަހަރު ނަރުދަމާގެ 20 ޕްރޮޖެކްޓް ނިންމާނަން: ޝާހު
އެމްޑަބްލިއުއެސްސީގެ ފްލެޓުތައް ޖޫން މަހު ހަވާލު ކުރަނީ