Roadha Mihaaru
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި

މާލޭ-ހުޅުމާލެ ފެނުގެ ނެޓްވޯކް ގުޅާލުމަށް ޕަމްޕް ސްޓޭޝަނުގެ މަސައްކަތް ފަށައިފި

09 ޖުލައި 2024

މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓުވޯކް ގުޅާލުމަށް ބޭނުންވާ މައި ޓްރާންސްފާ ޕަމްޕް ސްޓޭޝަންގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މާލެ އާއި ހުޅުމާލޭގެ ފެނުގެ ނެޓުވޯކް ގުޅާލުމަށް ބޭނުންވާ މައި ޓްރާންސްފާ ޕަމްޕް ސްޓޭޝަންގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މާލޭގައި ގާއިމުކުރާ މި ޓްރާންސްފާ ޕަމްޕް ސްޓޭޝަނަކީ ސިނަމާލެ ބްރިޖުގައި އަޅާފައިވާ ޕައިޕްލައިނާ ގުޅާލާ ސްޓޭޝަނެވެ. މިއީ މާލެ އާއި ހުޅުމާލޭގައި ދިމާވެދާނެ ފެނުގެ ދަތިކަމަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ގާއިމުކުރާ ސްޓޭޝަނެކެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މާލެ އާއި ހުޅުމާލެއާ ދެމެދު ޓްރާންސްފާ ޕަމްޕް ސްޓޭޝަން ގާއިމް ކުރުމަށްޓަކައި، ސިނަމާލެ ބްރިޖް ހެދިއިރު ޕައިޕްލައިނެއް ގާއިމުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިން އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު މީޑިއާއަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މި ޓްރާންސްފާ ޕަމްޕު ގާއިމުކޮށް މާލެއާ ހުޅުމާލެ ފެނުގެ ނެޓްވޯކުން ގުޅާލުމަކީ ރައްޔިތުންނަށް ފެނުގެ ރައްކާތެރިކަމަށް މުހިންމު މަސައްކަތެއް. އިދާރީ ގިނަ ދަތިތަކާއި ހުރެ މިކަން ހުއްޓިފައި އޮތުމަށް ފަހު، މި ސަރުކާރުން މި ވަނީ މި ޕަމްޕް ސްޓޭޝަނަށް ބޭނުންވާ ބިން ހަމަޖައްސާފަ. މި ތަނުގައި މިއަދު މި ފެށި މަސައްކަތް މި އަހަރު ތެރޭގައި ނިންމާ ބްރިޖުގައި އޮތް ހޮޅިއާ ގުޅާލުމުގެ މަސައްކަތް ކުރާނަން." އޭނާ ވިދާޅުވި އެވެ.

މަތީން ވިދާޅުވީ މި ނެޓުވޯކުން މާލެއާ ހުޅުމާލެއާ ދެމެދު ފެން ފޯރުކޮށްދޭން ޖެހޭ ހާލަތެއްގައި ގަޑިއިރަކު 800 ޓަނުގެ ފެން ފޯރުކޮށްދިނުމުގެ ގާބިލުކަން އެ ނެޓްވޯކުގައި ހުންނާނެ ކަމަށެވެ. އަދި މި ޓްރާންސްފާ ސްޓޭޝަނުން، މާލެ އާއި ހުޅުމާލޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓު ނިމުމުން ފެނުގެ ކާރިސާއެއް ދިމާވިޔަސް، މެއިންޓަނަންސްއަށް ފެން ކަނޑާލަން ޖެހުނަސް ބޭނުންވާ ފެން ފޯރުކޮށްދެވޭނެ. މިއީ ފެނުގެ ސެކިއުރިޓީ ކަށަވަރުކޮށްދޭނެ ނިޒާމެއް." މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން ދާ ކަމަށެވެ. އެގޮތުން މާލޭގައި ފެން އުފެއްދުމުގެ ގާބިލުކަން މިވަގުތު ހުރީ ފެން ބޭނުން ކުރާ މިންވަރަށް ކަމަށާއި އެހެންވެ، ފެން އުފެއްދުމުގެ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފެނުގެ ރައްކާތެރިކަމަށް ބޭނުންވާ ވަރުގެ އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް ފެން ރައްކާކުރުމުގެ ނިޒާމު ދެ ގުނަ ކުރެވޭ ވަރުގެ ފެސިލިޓީއެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.