Roadha Mihaaru
ޕެވިލިއަންގެ ދެ މައްސަލައެއް ކޯޓުގައި

ޕެވިލިއަންގެ ދެ މައްސަލައެއް ކޯޓުގައި، ހަދާނެ ގޮތެއް ނުނިންމާ

26 ޖެނުއަރީ 2020

ޕެވިލިއަން ހުސްކުރަން އެމްޑަބްލިއުއެސްސީން ސިބްކޯ އަށް ދިން ނޯޓިސް ބާތިލް ކުރުމުގެ އަމުރަކަށާއި އެމްޑަބްލިއުއެސްސީ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕެވިލިއަން ހުސްކުރަން އެމްޑަބްލިއުއެސްސީން ސިބްކޯ އަށް ދިން ނޯޓިސް ބާތިލް ކުރުމުގެ އަމުރަކަށާއި އެމްޑަބްލިއުއެސްސީ އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަންގެ ކަންކަން ބަލަހައްޓަމުން އައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް މިދިޔަ ހަފުތާގައި އައްޔަން ކުރެއްވި ހަސަން ޝާހު "މިހާރު" އަށް މިއަދު ވިދާޅުވީ، ޕެވިލިއަން ހުސްކުރަން އެންގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އެތަން ހިންގަން ހަވާލުކުރި ސިބްކޯއިން ކަމަށެވެ. ނަމަވެސް އެ އަމުރަށް އެދުނު ތާރީޚެއް ނޭނގެ އެވެ.

ތިން ބުރިއަށް ހަދާފައިވާ ޕެވިލިއަން މިދިޔަ މަހުގެ ތެރޭގައި ހުސްކޮށްފައިވާއިރު، އެތަން މިހާރު ވަނީ ގޮނޑަކަށް ބަދަލުވެފަ އެވެ. ބައެއް ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ވީރާނާވެފަ އެވެ.

ޝާހު ވިދާޅުވީ ޕެވިލިއަން އިން ލިބެންޖެހޭ ކުއްޔާއި އެޑްވާންސް ފައިސާ ވެސް އެމްޑަބްލިއުއެސްސީ އަށް ނުލިބޭ ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އެ ފައިސާތައް ހޯދުމަށެވެ.

މައްސަލައިގެ ޑިސްޕިއުޓު މަރުހަލާ އަދި ނުފެށި ކަމުގައި ވިއަސް އެއީ ކޯޓުގައި އޮތް މައްސަލައަކަށް ވުމުން އެކަމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ. އެހެންވެ، ސިބްކޯ އިން ސަރުކާރުގެ ފެން ކުންފުންޏަށް ދަރާފައިވާ އަދަދެއް ނޭނގެ އެވެ.

"ކޯޓުގައި މައްސަލަ ނިމުމުން ޕެވިލިއަންނާ ގުޅޭގޮތުން ގޮތެއް ނިންމާނީ،" ޝާހު ވިދާޅުވި އެވެ.

ސިބްކޯ އަކީ، ޔާމީންގެ ސަރުކާރުގެ ވެރިންނާ ގާތް ގުޅުމެއް އޮތް މުހައްމަދު ޝަވީދުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. ޕެވިލިއަން ހުސްކުރަން އެންގިއިރު، އެތަނުގައި ހިންގަމުން އައި ޗިކިންނާއި ގްލޯރިއާ ޖިންސަކީ ވެސް ޝަވީދުގެ ހިއްސާ އޮތް ތަންތަން ކަމަށް ވެ އެވެ.

ޕެވިލިއަން ހިންގަން ސިބްކޯއާ ހަވާލުކުރިކަމެއް ކުރީގެ ސަރުކާރުން ނުބުނެ އެވެ. ނަމަވެސް އެތަން ހިންގާނެ ފަރާތެއް ހޯދަން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްޑަބްލިއުއެސްސީން ބިޑަށް ހުޅުވާލި އެވެ. އެތަން ހިންގަން ބްރަދާސް ކޭޓަރިންއާ އެކު ފުރަތަމަ ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން އޭރު ދެ ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ މެންހަޓަން ފިޝް މާކެޓް ވެސް ހިމެނެ އެވެ.