Roadha Mihaaru
ރަސްފަންނުގައި ނަޖިސް ދައުރުވާތީ މޫދަށް އެރުން މަނާ!

ރަސްފަންނުގައި ނަޖިސް ދައުރުވާތީ އެ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފި

29 މާޗް 2019

މާލޭގެ ރަސްފަންނަށް މޫދަށް އެރޭ ސަރަހައްދުގައި ގިނަ އަދަދަކަށް ނަޖިސްތައް ދައުރުވާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު މިރެއިން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގެ ރަސްފަންނަށް މޫދަށް އެރޭ ސަރަހައްދުގައި ގިނަ އަދަދަކަށް ނަޖިސްތައް ދައުރުވާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު މިރެއިން ފެށިގެން ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ، ރަސްފަންނު ސަރަހައްދުގެ މޫދު މިވަގުތު ވަނީ ބަންދުކޮށްފައި ކަމަށެވެ.

"ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، ހުޅުވާނެ ވަކި ތާރީޚެއް ފަހުން އިއުލާން ކުރެވޭނެ،" ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލްގެ ޓުވީޓު

"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ އޭނާ މިއަދު ރަސްފަންނު ސަރަހައްދަށް ދިޔައިރު މޫދަށް އެރޭ ސަރަހައްދުގައި ފެންމަތީގައި ގިނަ އަދަދަކަށް ނަޖިސްތައް ދައުރުވަމުންދިޔަ ކަމަށެވެ. ކުލަ ބަދަލުވެ، ހުދު ކުލައިގައި އެ ތަކެތި ހުރުމުން ގިނަ މީހުންނަށް އެއީ ނަޖިސްކަން ފާހަގަނުވާ ކަމަށާއި އެކަމަކު އެ އެއްޗެހި އަތަށް ނެގުމުން އެއީ ނަޖިސްކަން ޔަގީންވާ ކަމަށް އޭނާ ބުންޏެވެ.

ރަސްފަންނު މޫދުގައި މިރޭ ނަޖިސް ދައުރުވަނީ.

ރަސްފަންނު މޫދުގައި މިރޭ ނަޖިސް ދައުރުވަނީ.

މިއަދު ހަވީރު އެންވަޔަރްމެންޓް ޕޮލިސް ރަސްފަންނަށް ގެންގޮސް، ފުލުހުންގެ ސަމާލު ކަމަށް ވެސް މިހާރު ގެނެސްފައިވާ ކަމަށް އެ މީހާ ބުންޏެވެ.

"އަޅުގަނޑު ފުރަތަމަ ނަގާފައި ދެއްކީމަ ފުލުހުން ބުނީ ތިއީ ވެއްޔޭ. ދެން އަޅުގަނޑު އޭތި ފިސްކޮށްލާފައި އޭގެ ވަސް އެ މީހުންނަށް ދެއްކީމަ ބަލާފައި އެ މީހުން ވެސް ގަބޫލުކޮށްފި އެއީ ނަޖިސް ކަމަށް. އެހެންވެ، އެވަގުތު އެތަނުގެ މޫދުގައި ތިބި ހުރިހާ އެންމެން މޫދުން އެއްގަމަށް އެރުވި،" އެ މީހާ ބުންޏެވެ.

ރަސްފަންނު މޫދުގައި މިރޭ ނަޖިސް ދައުރުވަނީ.

ރަސްފަންނު މޫދުގައި މިރޭ ނަޖިސް ދައުރުވަނީ.

މި މައްސަލައިގައި ފުލުހުން ބުނީ، ރަސްފަންނުގެ މޫދު ސަރަހައްދު ހުސްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން އެދުމާ ގުޅިގެން އެކަމަށް ފުލުހުން އެހީތެރިވަމުން އަންނަ ކަމަށެވެ.

ރަސްފަންނު ސަރަހައްދުގައި ނަޖިހުގެ އަސަރު ހުންނަ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ކުރި އެވެ.