Roadha Mihaaru
އެއް ސިފައެއްގެ، އެއްމާބަނޑު ހަތަރު ކުދިން

އެއް ސިފައެއްގެ، އެއްމާބަނޑު ހަތަރު ކުދިން

22 އޮކްޓޯބަރ 2016

މަންމައަކަށް ވުމުގެ ޖަޒުބާތަކީ އެކަން ތަޖުރިބާކުރި މީހަކަށް ނޫނީ ތަސައްވުރު ކޮށްލަން ވެސް ނޭނގޭނެ އިހްސާސެކެވެ. އުމުރުން 22 އަހަރުގެ ބެތާނީގެ އަލަތު ކައިވެންޏަށް ހަތަރު މަސް ވެސް ނުވަނީސް ބަލިވެ އިންކަން އެނގުމުން އޭނާ ވަރަށް އުފާވި އެވެ. ނަމަވެސް ލިބެނީ އެއްމާބަނޑު ހަތަރު ކުދިން ކަން އެނގުމުން އެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މަންމައަކަށް ވުމުގެ ޖަޒުބާތަކީ އެކަން ތަޖުރިބާކުރި މީހަކަށް ނޫނީ ތަސައްވުރު ކޮށްލަން ވެސް ނޭނގޭނެ އިހްސާސެކެވެ. އުމުރުން 22 އަހަރުގެ ބެތާނީގެ އަލަތު ކައިވެންޏަށް ހަތަރު މަސް ވެސް ނުވަނީސް ބަލިވެ އިންކަން އެނގުމުން އޭނާ ވަރަށް އުފާވި އެވެ. ނަމަވެސް ލިބެނީ އެއްމާބަނޑު ހަތަރު ކުދިން ކަން އެނގުމުން އެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދިޔަ އެވެ.

ބެތާނީ އާއި ފިރިމީހާ އަކީ ކެނެޑާގެ އިރުމަތީގައި އޮންނަ އަލްބާޓާގެ ކުޑަކުޑަ އަވަށެއްގެ ރަށްވެހިންނެވެ. ފުރާވަރުގެ ދުވަސްވަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެ މީހުން ކައިވެނިކުރިއިރު ބެތާނީގެ އިތުރުން ފިރިމީހާ ޓިމްގެ އުމުރު ވެސް އުޅެނީ 20ގެ އަހަރު ތަކުގަ އެވެ.

ބެތާނީ އާއި ޓީމް ރާވައިގެން ތިބީ ކައިވެންޏަށް އަހަރެއްހާ ދުވަސް ވަންދެން ދަރިއަކު ނުހޯދާށެވެ. އެކަމަކު ކަންތައް ދިޔައީ ޕްލޭނާ އެއްގޮތަކަށް ނޫނެވެ.

ކައިވެންޏަށް ހަތަރު މަސް ވީއިރު ބަލިވެ އިންކަން އެނގުމުން ޑޮކްޓަރަށް ދައްކަން ފެށި އެވެ. ސްކޭނެއް ހަދާފައި ޑޮކްޓަރު ބުނީ ބެތާނީގެ ބަނޑުގައި ހަތަރު ކުދިން އެބަ އޮތް ކަމަށެވެ.

ބެތާނީ އާއި ޓީމް

ބެތާނީ އާއި ޓީމް

ޔުނިވަސިޓީ އޮފް މިސިސިޕީގެ ޑރ. ޖޭމްސް ބޮފިލް ވިދާޅުވާ ގޮތުގައި ދަރިމައިވުމަށް ކުރާ ހާއްސަ ފަރުވާއަކާ ނުލައި އެއްމާބަނޑު ހަތަރު ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ 729،000 ފަހަރަކުން އެއް ފަހަރު އެވެ.

ބެތާނީ ބުނެފައިވާ ގޮތުގައި އޭނާއަށް ލިބެނީ ހުސް އަންހެން ކުދިންކަން އެނގުމުން ގޭގައި އަންހެނުންގެ އަދަދު މާ ގިނަވެ ޓިމް އެކަނިވެރި ވެދާނެ ކަމުގެ އިހްސާސްވި އެވެ.

ބަނޑަށް 22 ހަފުތާ ފުރުމުން ސިޒޭރިއަން ހަދައިގެން ހަތަރު ކުދިން ނެގީ މިދިޔަ މެއި މަހު އެވެ. ނަމަވެސް ސިޒޭރިއަން ހެދި ޑޮކްޓަރުންނަށް ވެސް މި ކުދިންނަށް ފެނިފައި ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ފަހަރަކު ކުއްޖެއް ނަގަމުން ގޮސް ހަތަރު ކުދިން ނެގުމުން ފާހަގަވި އެންމެ މުހިއްމު ކަމަކީ ހަތަރު ކުދިން ވެސް މުޅިން އެއް ވައްތަރު ކަމެވެ. މިއީ ވަރަށް މަދުން ދިމާވާ ކަމެކެވެ. މިފަދަ ގޮތަކަށް ކުދިން ލިބުމުގެ ފުރުސަތު އޮންނަނީ ކޮންމެ 15 މިލިއަން ފަހަރަކުން އެއްފަހަރު އެވެ.

ޓިމް އޭނާގެ ހަތަރު ދަރިންގެ ތެރެއިން ދަރިއަކާ އެކު

ޓިމް އޭނާގެ ހަތަރު ދަރިންގެ ތެރެއިން ދަރިއަކާ އެކު

ރީނދޫވުން ފިޔަވައި ސިއްހީ މާބޮޑު މައްސަލައެއް ކުދިންނަށް ދިމައެއް ނުވެ އެވެ. ހޮސްޕިޓަލުގައި މަސް ދުވަހު އުޅެން ޖެހުނެވެ. ކުދިންނަށް އެއް މަސް ފުރުން ފާހަގަކުރީ މިދިޔަ ޖޫން މަހު އެވެ.

ބެތާނީ ބުނި ގޮތުގައި އޭނާއަށް ވެސް އޭނާގެ ދަރިން ވަކި ކުރާކަށް ނޭނގެ އެވެ. އެހެންވެ ކޮންމެ ކުއްޖެއްގެ އަތުގައި ތަފާތު ކުލައަކުން ބޭންޑެއް އަޅުވާފައި ބާއްވަން ނުވަތަ އިނގިއްޔެއްގައި ތަފާތު ކުލައެއް ޖައްސަން ވަނީ ގަސްތުކޮށްފަ އެވެ.

ބެތާނީ ދިރިއުޅޭ ކުޑަ އަވަކީ 800 ވަރަކަށް މީހުން ދިރިއުޅޭ ކުޑަކުޑަ އަވަށެކެވެ. އެހެންކަމުން އަވަށުގެ އެންމެން އުޅެނީ އެއް އާއިލާއެއް ފަދައިން ވަރަށް ގުޅިގެންނެވެ.

ބެތާނީ އަށް ލިބުނު ހަތަރު ކުދިންނަކީ އެ ކުޑަކުޑަ އާބާދީއަށް އިތުރުވި ހަތަރު ބޮލެވެ. އެހެންވެ އާބާދީ އިތުރުވާތީ އަވަށު މީހުން ތިބީ ވަރަށް އުފަލުންނެެ.

ބެތާނީ އާއި ޓިމް

ބެތާނީ އާއި ޓިމް

ހަތަރު ކުދިންގެ ޚަރަދަކީ ބެތާނީ އާއި ފިރިމީހާ އަށް މާލީ ގޮތުން އުފުލަން ޖެހޭނެ ވަރަށް ބޮޑު ބުރައެއްކަން އަވަށުގެ މީހުންނަށް ވިސްނިގެން ފަންޑު ފޮއްޓެއް ބަހައްޓައިގެން 50،000 ޑޮލަރު ޖަމާކޮށް އެ ދެމަފިރިންނަށް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ އަވަށުގެ މީހުން ބެތާނީގެ އާއިލާ އަށް އެކި ގޮތްގޮތުން އެހީތެރިވަމުންދާނެ އެވެ.

ބެތާނީ ބުނި ގޮތުގައި ހަތަރު ކުދިންގެ ސިފަ އެއް ވައްތަރަސް މިޒާޖު ވަރަށް ބޮޑަށް ތަފާތުކަން މިހާ ކުޑައިރުވެސް ފާހަގަކުރެވެ އެވެ. އެކަކު ވަރަށް ބާރަށް ހަޅޭއްލަވާއިރު އަނެކަކު އޮންނަނީ ވަރަށް މަޑުމަޑުންނެވެ. އަދި އެއް ކުއްޖަކު ވަރަށް ގިނައިން ހީ މަޖާކޮށް އުޅެ އެވެ.