Roadha Mihaaru

ޝަހީމް ފެއްޓެވީ ގުރުއާނުން ސޯޝަލްމީޑިއާ ފުރާލުމުގެ ޗެލެންޖެއް

ޓޮއިލެޓް ޕޭޕާ ރޯލެއް، ފައިން ޖަގްލްކުރަން އުޅޭ ވީޑިއޯތަކުން ސޯޝަލްމީޑިއާ ފުރާލި "ސްޓޭއެޓްހޯމް" ޗެލެންޖު ރާއްޖެއާ ހިސާބަށް އައިސް ރާއްޖޭގައި ވެސް މި ޗެލެންޖު ވައިގައި ހިފީ އެވެ. ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ވަޒީރުން ވެސް މީގައި ބައިވެރިވެވަޑައިގެންފި އެވެ. އެކަމަކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވީ ތަފާތު ޗެލެންޖެކެވެ. އޭނާގެ ފެއްޓެވީ ގުރުއާން ޚަތިމް ކުރެއްވުމުގެ ޗެލެންޖެކެވެ.

ގުރުއާނުން ސޯޝަލްމީޑިއާ ފުރާލުމުގެ ޗެލެންޖެއް
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

30 މާޗް 2020

ޓޮއިލެޓް ޕޭޕާ ރޯލެއް، ފައިން ޖަގްލްކުރަން އުޅޭ ވީޑިއޯތަކުން ސޯޝަލްމީޑިއާ ފުރާލި "ސްޓޭއެޓްހޯމް" ޗެލެންޖު ރާއްޖެއާ ހިސާބަށް އައިސް ރާއްޖޭގައި ވެސް މި ޗެލެންޖު ވައިގައި ހިފީ އެވެ. ނައިބު ރައީސް ފައިސަލް ނަސީމާއި ކެބިނެޓުގެ ވަޒީރުން ވެސް މީގައި ބައިވެރިވެވަޑައިގެންފި އެވެ. އެކަމަކު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފެއްޓެވީ ތަފާތު ޗެލެންޖެކެވެ. އޭނާގެ ފެއްޓެވީ ގުރުއާން ޚަތިމް ކުރެއްވުމުގެ ޗެލެންޖެކެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ކޮރޯނާވައިރަސް ފެތުރޭ މި ވަގުތަކީ މުޅި އިސްލާމީ އުއްމަތަށް ވެސް ހިތާމަވެރި ވަގުތަކަށް ވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން، އޭނާ އެދިވަޑައިގަތީ، އެންމެންވެގެން ޚަތިމްކުރާށެވެ. މި ޗެލެންޖުގައި ޖެހެނީ ގުރުއާނުން ކޮންމެވެސް މިންވަރެއް ކިޔަވާފައި ޓުވިޓާ، ފޭސްބުކް ނުވަތަ އިންސްޓަގްރާމަށް ލާށެވެ.

ކޮންމެ ރާގަކަށް، ކިޔެވުނަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ، ގުރުއާން މުދައްރިސުންނާއި އިމާމުންނާއި ގާރީން ބައިވެރިވާން ޝަހީމް އެދިވަޑައިގަތެވެ. އެކި އުމުރުފުރައިގެ މީހުން ބައިވެރިވާ މި ޗެލެންޖަށް އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ.

ޝަހީމް "މިހާރު" އަށް ވިދާޅުވީ ގުރުއާން ޚަތިމްކުރުމުގެ ހަރަކާތެއް ފެއްޓެވީ ދިވެހިންނަށް ވެސް ދަތި މި ދުވަސްތައް ގުރުއާނާ އެކު ހޭދަކުރަން ކަމަށެވެ. ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމަކީ ސޯޝަލްމީޑިއާގައި ގިނަ ވަގުތު ހޭދަވާނެ ކަމަކަށް ވާތީ، އެއް ބޭނުމަކީ ގުރުއާނުން ފޭސްބުކާއި ޓުވިޓާ އަދި އިންސްޓަގްރާމް ފުރާލުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"މީހުންގެ ކިޔެވުން އަޑު އިވޭނެ. އަދި މި ޗެލެންޖުން އެންމެންނަށް ސަވާބު ލިބޭނެ،" ޝަހީމް ވިދާޅުވި އެވެ.

"ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ލިބިއްޖެ، އެންމެ އުފާވާ ކަމަކީ ކުޑަކުދިން ބައިވެރިވާތީ. އޭގެ މާނަ އަކީ ރާއްޖޭގެ އިސްލާމީ މުސްތަގްބަލާ މެދު ދެކޭ އުއްމީދު."

އޭނާ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ތެރެއިން ތަފްސީރާއި ނަބީބޭކަލުންގެ ވާހަކަތަކާއި ގުރުއާންގެ މުހިއްމު މައުޟޫތަކެއްގެ މައްޗަށް މައުލޫމާތު އާއްމުންނާ ހިއްސާކުރައްވާނެ އެވެ.