Roadha Mihaaru
އިންޓަނެޓުހިދުމަތަށް ލުޔެއް ގެނައުމުގެ މަޝްވަރާ ކުރިއަށް

އިންޓަނެޓުގެ ޚިދުމަތަށް ލުޔެއް ގެނައުމުގެ މަޝްވަރާ ކުރިއަށް އެބަދޭ: މަބްރޫކް

28 މާޗް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި މީހުން ގޭގައި ތިބުމަށް ސަރުކާރުން ބާރު އަޅާއިރު، ގިނަ ބަޔަކު މި ދުވަސްވަރު އިންޓަނެޓުގެ ބޭނުން ކުރާތީ އެ ޚިދުމަތުގެ އަގަށް ލުޔެއް ގެނައުމުގެ މަޝްވަރާ އަދިވެސް ކުރިއަށް ދަނީ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި މީހުން ގޭގައި ތިބުމަށް ސަރުކާރުން ބާރު އަޅާއިރު، ގިނަ ބަޔަކު މި ދުވަސްވަރު އިންޓަނެޓުގެ ބޭނުން ކުރާތީ އެ ޚިދުމަތުގެ އަގަށް ލުޔެއް ގެނައުމުގެ މަޝްވަރާ އަދިވެސް ކުރިއަށް ދަނީ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެހެންވެ އެ ކަމަށް "ރަނގަޅު ލުޔެއް" ހޯދައިދޭންޖެހޭ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަށެވެ.

"އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި، މިކަމުގެ މައުލޫމާތު ރައްޔިތުންނާ އަޅުގަނޑުމެން ހިއްސާ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ، އިންޓަނެޓުގެ އަގަށް ލުޔެއް ގެނައުމާ ގުޅޭ މަޝްވަރާތައް މިއަދު ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޝްވަރާ ދިރާގާއި އުރީދުއާ އެކު ސަރުކާރުން ކުރިއަށް ގެންދެ އެވެ. އަދި އެ ކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާތީ މިރޭ ޖަވާބެއް ނެތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ މާދަމާ ހިސާބުގައި ތިޔަބޭފުޅުންނަށް ސީދާ ޖަވާބެއް ދެވޭނެހެން. ދިރާގާއި އުރީދުއާ އެކު އެ ކަންތަކުގައި މަސައްކަތް އެބަކުރެވޭ،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގިނަ ބަޔަކު އެއް ތަނަކަށް އެއްވުން ހުއްޓުވުން ކަމަށް ވާތީ، ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ވެސް މިދިޔަ ހަފުތާ އާއި މި ހަފުތާގައި ބަންދެވެ. އެހެންވެ، އެތައް ބަޔަކު ގޭގައި ތިބޭތީ، އިންޓަނެޓު ބޭނުން ކުރުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެއާ އެކު، ދިރާގާއި އުރީދޫން ވެސް މިހާތަނަށް ވަނީ ޑިސްކައުންތް ޕެކޭޖުތަކެއް ތައާރަފު ކޮށްފަ އެވެ. ނަމަވެސް އިންޓަނެޓުގެ ސްޕީޑާ މެދު އާންމުން ކުރާ ޝަކުވާ އަށް ހައްލެއް ނެތެވެ.