Roadha Mihaaru
ރިސޯޓު ކުލި އިތުރުވެ މިދިޔަ މަހުގެ އާމްދަނީ މައްޗަށް

ރިސޯޓުތަކުން ދެއްކި ކުލި އިތުރުވެ މިދިޔަ މަހުގެ އާމްދަނީ މައްޗަށް

11 އޮކްޓޯބަރ 2016

ރިސޯޓުތަކުން ކުލި ދެއްކި މިންވަރު އިތުރުވެ، ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މައްޗަށް ހިނގައްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރިސޯޓުތަކުން ކުލި ދެއްކި މިންވަރު އިތުރުވެ، ޓެކްސްގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މައްޗަށް ހިނގައްޖެ އެވެ.

ޓެކްސްއާ ބެހޭ ކަންކަން ބަލަހައްޓާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވަނީ 1.11 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގަނެފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 24.6 ޕަސެންޓު އަދި މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށް ވުރެ 0.3 ޕަސެންޓު އިތުރު އަދަދެކެވެ.

"... އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބަކީ ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައްކާފައިވާ އަދަދު އިތުރުވުމެވެ،" ތަފާސްހިސާބާ އެކު މީރާ އިން އާއްމުކުރި ބަޔާނެއްގައިވެ އެވެ.

ރިސޯޓުތަކުން ދެއްކި ކުލީގެ އަދަދު އިތުރުވިއިރު، ގިނަ އާ ރިސޯޓުތަކެއް މި އަަހަރުގެ މިހާތަނަށް ވަނީ ހުޅުވާފަ އެވެ. އަދި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގާތްގަނޑަކަށް އިތުރު ނުވަ ރިސޯޓު ހުޅުވަން ވަނީ ތައްޔާރުވެފަ އެވެ. މީގެ އިތުރުން، އަންނަ އަހަރު ވެސް އިތުރު 20 ރިސޯޓު ބާޒާރަށް ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ހޮޓާތަކާއި ރިސޯޓުތައް ހިންގާ ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ވެސް ހިމެނެ އެވެ.

މިދިޔަ މަހުގެ އާމްދަނީގެ ހުލާސާ:

- ޖީއެސްޓީ: 449.1 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 40.6 ޕަސެންޓު)

- ރިސޯޓުތަކުން ދެއްކި ކުލި: 328.38 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 29.7 ޕަސެންޓު)

- ވިޔަފާރީގެ ފައިދާ އިން ދެއްކި ޓެކްސް: 79.3 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 7.2 ޕަސެންޓު)

- ޖޫރިމަނާ: 65.82 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ ހަ ޕަސެންޓު)

- ގްރީން ޓެކްސް: 54.74 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ ފަސް ޕަސެންޓު)

- އެހެނިހެން ޓެކުހާއި ފީ: 128.44 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ 11.6 ޕަސެންޓު)

މިދިޔަ މަހުގެ އާމްދަނީ މައްޗަށް ގޮސްފައި ވާއިރު، މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ 11.39 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.1 ޕަސެންޓު އިތުރު އަދަދެކެވެ.

އާމްދަނީ މައްޗަށް ގޮސްފައި މިވަނީ އޭގެ ކުރީ ދެ މަހު ލިބުނު މިންވަރު ދަށަށް ގޮސްފައި ވަނިކޮށެވެ. އެ ގޮތުން، ޖުލައި މަހު މީރާ އިން ބަލައިގަތް 1.35 ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 17.2 ޕަސެންޓް ދަށް އަދަދެކެވެ. އަދި އޮގަސްޓު މަހު ބަލައިގަތް އެއް ބިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު ވަރަށް ވުރެ 13.4 ޕަސެންޓް ދަށް އަދަދެކެވެ.

ދައުލަތުގެ މި އަހަރުގެ 27.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި 21.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ޖަހާފައިވެ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހޯދަން ނިންމާފައިވަނީ ޓެކްސް އިތުރުކޮށްގެންނާއި އާ ޓެކްސްތައް ނަގައިގެންނެވެ. އެ ގޮތުން، މިހާރު ވަނީ ގްރީން ޓެކްސް ނަގަން ފަށާފަ އެވެ.