Roadha Mihaaru
ކޮވިޑް-19:ރެޑް ވޭވުން މާލޭގައި ވެސް ޑެލިވަރީކޮށްދެނީ

ކޮވިޑް-19: ރެޑް ވޭވުން މާލޭގައި ވެސް ޑެލިވަރީ ކޮށްދެނީ

27 މާޗް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާންމުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން، ރެޑް ވޭވުން މާލޭގައި ވެސް ގޭގެ އަށް ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އާންމުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން، ރެޑް ވޭވުން މާލޭގައި ވެސް ގޭގެ އަށް ޑެލިވަރީ ކޮށްދޭން ފަށައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ރީޓެއިލް ވިޔަފާރި ހިންގާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ރެޑް ވޭވުން ބުނީ މިއަދު މެންދުރު 12 ން ފެށިގެން މާލޭގައި ޑެލިވަރީގެ ހިދުމަތް ފަށައިފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ރެޑް ވޭވުން ވަނީ ހުޅުމާލޭގައި ވެސް އެ ހިދުމަތް ފަށައިފަ އެވެ.

ރެޑް ވޭވުން ވިއްކާ ކާބޯތަކެތީގެ އިތުރުން އާންމުކޮށް ބޭނުންކުރާ ހުރިހާ ސާމާނެއް ކަސްޓަމަރުންނަށް ޑެލިވަރީ ކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ހެނދުނު 9:00 ން ރޭގަނޑު 9:30 ހަމައަށް ކަސްޓަމަރުންގެ އޯޑަރުތަށް ބަލައިގަނެ ޑެލިވަރީ ކުރާނެ އެވެ. މިގޮތުން، ދޭ އޯޑަރު ތަކަށް ފައިސާ ދެއްކުމަށްޓަކައި، ނަގުދު ފައިސާ އާއި ބީއެމްއެލް ކާޑާއި ބީއެމްއެލް ޓްރާންސްފާ ވެސް ބަލައިގަންނާނެ ކަމަށް ރެޑް ވޭވުން ބުނެ އެވެ.

އެ ފިހާރަ އިން ބުނިގޮތުގައި، އޯޑަރު ދޭ ކަސްޓަމަރުންނަށް އެންމެ ފުރިހަމައަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޑެލިވަރީ ކޮށްދެނީ 200ރ. އިން މަތީގެ އޯޑަރުތަކަށެވެ. ޑެލިވަރީގެ ހިދުމަތް ހޯދުމަށްޓަކައި މާލޭގެ ކަސްޓަމަރުން 9192299 އަށް "ވައިބާ" މެދުވެރިކޮށް މެސެޖު ކުރެވޭނެ އެވެ. އެގޮތުން ބޭނުންވާ އައިޓަމާއި ކަސްޓަމަރުގެ ނަމާއި ގުޅޭނެ ނަމްބަރާއި އެޑްރެސްގެ އިތުރުން ފައިސާ ދައްކަން ބޭނުންވާ ގޮތް ވައިބާ މެދުވެރިކޮށް ބުނެދޭން ޖެހެ އެވެ. ހުޅުމާލެ ކަސްޓަމަރުންނަށް އޯޑަރު ދިނުމަށް ގުޅާނީ 9193399 އަށެވެ.

ކޮވިޑް-19 އާ ގުޅިގެން އާންމުން އެއްވެ ނޫޅުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ބައްޔަށް މިހާތަނަށް ރާއްޖެ އިން ޕޮޒިޓިވް ވެފައި ވަނީ 15 ޓޫރިސްޓުން/ބިދޭސީން އަދި އެއް ދިވެއްސެކެވެ. މީގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ރަނގަޅު ވެފައިވާއިރު، ރާއްޖެ އިން ދިވެއްސަކު ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާން ކުރީ މިއަދެވެ. އަދި އެޗްޕީއޭ އިން ކުރާ ދިރާސާ އަކަށް ޓެސްޓް ކުރި އިޓަލީގެ ދެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ވެސް އެނގުނީ މިއަދެވެ. އެކަމަކު، އެ ދެ މީހުން އޭރު ވަނީ ރާއްޖެ އިން ފުރައިފަ އެވެ.