Roadha Mihaaru
އައްޑޫގެ އެކްސްކާޝަންތައް މަނާކޮށްފި

އައްޑޫގެ އެކްސްކާޝަންތައް މަނާކޮށްފި

15 މާޗް 2020

އައްޑޫ އަށް ޓޫރިސްޓުން އެކްސްކާޝަނަށް ގެންދިއުން ހުއްޓާލަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ އަށް ޓޫރިސްޓުން އެކްސްކާޝަނަށް ގެންދިއުން ހުއްޓާލަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން، ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އައްޑޫގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި އަންނަ ޓޫރިސްޓުން އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކަށް އެކްސްކާޝަންތަކަށް ގެނައުން ހުއްޓާލަން އަންގާ ކަމަށެވެ.

އައްޑޫގައި ތިން ރިސޯޓެއް ހިންގަމުން އަންނަ އިރު، ގަމުގައި ހިންގާ ސިޓީ ހޮޓަލާ އެކު، އައްޑޫގެ ހުރިހާ އަަވަށްތަކެއްގައި ގެސްޓްހައުސްތައް ހިންގަ އެވެ. އަދި އައްޑޫގެ އަވަށްތަކުގައި ޓޫރިސްޓުން އުޅުމަކީ ވަރަށް އާންމު ކަމެކެވެ.

އައްޑޫގައި މި ވަގުތު ހިންގަމުން އަންނަ ތިން ރިސޯޓަކީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފްގެ އިތުރުން ސައުތު ޕާމް ރިސޯޓެވެ. ގަމުގައި ހިންގާ ސިޓީ ހޮޓާ އީކްއޭޓާ ވިލެޖާ އެކު، އައްޑޫގައި މިހާރު ގިނަ އަދަދަކަށް ގެސްޓް ހައުސްތައް ވެސް އެބަ ހުއްޓެވެ. އަދި މި ވަގުތު ވެސް އައްޑޫގައި ހައެއްކަ ސަފާރީ ބަނދަރުކޮށްފައި އެބައޮތެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިކަން ހޯދަން ރާއްޖޭގައި މިހާރު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މިހާތަނަށް ރާއްޖޭން ވަނީ މި ބަލީގެ 13 މީހަކު ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ރިސޯޓްތަކާއި ސަފާރީތަކުގެ ޓޫރިސްޓުންނާއި ބިދޭސީ މުވައްޒަފުންނެވެ.