Roadha Mihaaru
ވިލިވަރުގެ ޖާގަ އިތުރުކޮށް، ތިން ވަނަ ފެސިލިޓީ ހަދަނީ

ވިލިވަރުގެ ޖާގަ އިތުރުކޮށް، އިތުރު ރަށެއްގައި ތިން ވަނަ ކަރަންޓީން ފެސިލިޓީއެއް ވެސް ހަދަނީ

14 މާޗް 2020

ކޮރޯނާ ވައިރަސްއާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކ. ވިލިވަރުގެ ކަރަންޓީން ފެސިލިޓީގެ ޖާގަ އިތުރުކޮށް، ކުރިން ރިސޯޓް ހިންގި ރަށެއް އިތުރު ކަރަންޓީން ފެސިލިޓީއެއް ގޮތުގައި ތައްޔާރު ކުރަން ސަރުކާރުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮރޯނާ ވައިރަސްއާ ގުޅިގެން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކ. ވިލިވަރުގެ ކަރަންޓީން ފެސިލިޓީގެ ޖާގަ އިތުރުކޮށް، ކުރިން ރިސޯޓް ހިންގި ރަށެއް އިތުރު ކަރަންޓީން ފެސިލިޓީއެއް ގޮތުގައި ތައްޔާރު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ 10 މީހަކު ރާއްޖެއިން ފެނިފައި ވާއިރު، ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން ދަނީ ވިލިވަރުގެ އިތުރުން ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން މަރުކަޒެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ވިލިވަރުގެ ކަރަންޓީން ފެސިލިޓީގައި ބޮޑުކުރަން މާދަމާ މަސައްކަތް ފަށާނެ ކަމަށެވެ. އެ މަސައްކަތް ނިމުމުން 100 މީހުން އެތަނުގައި ބޭތިއްބޭނޭ ކަމަށާއި އެ ބޭނުމަށް ހަ މަހުގެ މުއްދަތަށް އެ ރަށް ސަރުކާރަށް ނަގަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެރަށް ހަވާލު ކޮށްފައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އިތުރު އެއްވެސް އަގަކާ ނުލައި، މި ރަށް ސަރުކާރަށް ހަދިޔާކޮށްދެއްވި ކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން މުހައްމަދު އަލީ ޖަނާހަށް ޝުކުރު އަދާކުރަން." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރާ ހަމައަށް ރިސޯޓް ހިންގަމުން ދިޔަ އއ. ވެލިދޫ ޓޫރިސްޓް ރިސޯޓް ވެސް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރު ކުރަން ނިންމާފައިވާ ކަމަށާއި އެތަން ވެސް ހަ މަހަށް ސަރުކާރަށް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ތައްޔާރީތައް ކުރުމަށްޓަކައި ޚާއްސަ ޓީމެއް މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވިލިވަރުގެ 30 ވަނަ ކޮޓަރި ފުރި، 31 ވަނަ ކޮޓަރިއަކަށް އއ. ވެލިދޫ ރައްޔިތުންނާއި ފަތުރުވެރިން ދިވެހި ސަރުކާރުން ބޭނުން ކުރަން ހުންނާނީ ހަމަޖެހިފައި." އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ އެހީއާ އެކު ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އެ ޓީމުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން އެފްރިކާގެ ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށާއި އެ ޓީމު ހަރަކާތްތެރިވާނީ ވިލިވަރުގައި ހުންނަ ކަރަންޓީން ފެސިލިޓީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވަނީ ކޮލެޖްތަކާއި ޔުނިވާސިޓީތައް 14 ދުވަހަށް ބަންދުކޮށް އަދި ރިސޯޓްތަކަށް އަރައި، ފޭބުން ވެސް 14 ދުވަހަށް މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ހުރި ހޮޓާތަކާއި ގެސްޓްހައުސްތަކަށް ވެސް މިރޭ 12 އިން ފެށިގެން ފަތުރުވެރިން ގެނައުން ވަނީ މަނާކޮށްފަ އެވެ.